ޒުވާނުންގެ އަޑު އަހަން ޖެހޭ ކަމަށާއި، ސަރުކާރުގެ އެކި ނިންމެވުންތައް ނިންމަވަންވާނީ މުސްތަޤްބަލަށްޓަކައި ޒުވަނުން ކުރާ ތަޞައްވުރުގެ މައްޗަށް ބަލާފައި ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ލަންޑަން ސްޓަޑީ ޓުއަރ" ވީޑިއޯ ޑޮކިއުމަންޓްރީ އިފްތިތާޙްކުރެއްވުމަށް ޓްރޭޑަރޒް ހޮޓެލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ، ޑިމޮކްރަސީ ހައުސްއާއި، ޔޫތް ލީޑަރޝިޕް ޕްރޮގްރާމާއި، ޔޫ.ކޭ. ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ގުޅިގެން ހިންގޭ ހަރަކާތެކެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އަދުގެ ޒުވާނުންނަކީ ޤައުމުގެ މުސްތަޤްބަލްކަން ފާހަގަކުރައްވަމުން، މިއަދު އެކުދިންނަށް ދޭންވާ ސަމާލުކަން ނުދެއްވިއްޖެނަމަ އެކަމުގެ ހިތާމަ މާދަމާ ކުރަންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެކި ކަންކަމުގައި ޒުވަނުން ބަދުނާމު ކުރުމުގެ ބަދަލުގައި، ޒުވަނުންގެ ތަރައްޤީއަށްޓަކައި ކުރެވޭ ކަންކަމުގައި އެމީހުންގެ ބައިވެރިވުން އިތުރު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ހިންގޭ މިފަދަ ޕްރޮގްރާމްތަކަކީ، ކޮންމެ ޤައުމެއްގެ ކުރިއެރުމުގައިވެސް އެންމެ މުހިންމު ޙިއްޞާއެއް އަދާކުރާ ޕްރޮގްރާމްތައް ކަމަށާއި، މިއީ މުސްތަޤްބަލަށްޓަކައިވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.