ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އެއަރޕޯޓް މިއަދު ހަވީރު ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި މޯލްޑިވިއަންގެ މަތިންދާބޯޓް، ދަރަވަންދޫ ވައިގެ ބަނދަރަށް ޖެއްސުމާއެކު، ވޯޓަރ ސެލިއުޓެއް އެރުވިއެވެ.

ދަރަވަންދޫ އެއަރޕޯޓް ހުޅުވިގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާ، ދަރަވަންދޫ އެއަރޕޯޓްގެ ނަންބޯޑުގައިވާ ފަރުދާގެ ވާގަނޑުގެ ގޮށް މޮހާލަދެއްވުމުންނެވެ. އެއަށްފަހު، ދަރަވަންދޫ ސްކޫލް ކުދިންގެ މަރްޙަބާގެ އައިޓަމެއް، އޭޕްރަންމަތީގައި އޮތެވެ.

ދަރަވަންދޫ އެއަރޕޯޓް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދު ދަރަވަންދޫ ވެގެން މިދިޔައީ، ބ. އަތޮޅުގެ ވައިގެ ދޮރާށްޓަށް ކަމުގައި ވިދާޅުވިއެވެ. އަދި މިއީ އެރަށަށް ލިބޭ ވަރަށްބޮޑު ފަޚްރަކާއި، ވަރަށްބޮޑު ނަޞީބެއް ކަމަށް ވިދާޅުވެ، ރަށަށް އަންނަ އެކިއެކި ފަތުރުވެރިންނަށް ދެވެންހުރި ހުރިހާވެސް އެހީތެރިކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓްތައް ބިނާކުރައްވައި، ދަތުރުފަތުރުގެ ނިޒާމް، މިހާރަށްވުރެ ވަރުގަދަ ކުރައްވައި، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދަތުރުފަތުރުގެ ޚިދްމަތް ލިބިދެއްވުމަށް ކަމުގައި ވިދާޅުވިއެވެ. ދަރަވަންދޫ އެއަރޕޯޓަކީ، މިއަހަރު ހުޅުވޭ ދެވަނަ އެއަރޕޯޓްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ ތިމަރަފުށީގައިވެސް އެއަރޕޯޓެއް ހުޅުވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެހީތެރިކަމާއެކު، އައްޑުއަތޮޅު ގަމުގެ އެއަރޕޯޓްވެސް ބަޔަކާ ޙަވާލުކުރެވިގެން، އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް، ބާރުމިނެއްގައި ހިންގޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ޢުމްރާނީ މަޝްރޫޢުތައް ކުރިއަށް ދިޔުމާއެކު، އެއަރލައިން އިންޑަސްޓްރީއަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އައިލެންޑް އޭވިއޭޝަނުން ދަތުރުތައް ކުރުމަށް، A320ގެ މަތިންދާބޯޓެއް، އަންނަ ހަފްތާގެ ތެރޭގައި އެބަ ގެނެވޭ ކަމަށާއި، މި ފްލައިޓް ގެނައުމުން، އިންޑިއާގެ ތިން ސިޓީއަކަށާއި، ބަންގްލަދޭޝަށް، މޯލްޑިވިއަންގެ ދަތުރުތައް ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކީގައި، ރާއްޖޭގެ ކަންކޮޅުތަކުގައި ހެދެމުންދާ ރިޒޯޓްތަކަށް ފަތުރުވެރިން ގެންދިޔުމުގައި، އިތުރު ލުއިކަމަކާއި އަވަސްކަމެއް ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އެރުވުންވެސް އޮތެވެ. މި ފިލާ އެރުއްވީ، ދަރަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ރަޝީދެވެ.

މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ދަރަވަންދޫ އެއަރޕޯޓް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު މި ފެށްޓެވި ދަތުރުފުޅުގައި، މާދަމާ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި ބޭއްވޭ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ އިޙްތިފާލްތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ، މާދަމާރޭ 8.30 ގައެވެ.