ސްރީލަންކާގެ އާރމީ ކޮމާންޑަރ ލެފްޓެނަންޓް ޖެނެރަލް ޖަގަތް ޖަޔަސޫރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، ޚާއްޞަ ގޮތެއްގައި ދެޤައުމުގެ ސަލާމަތީ ބާރުތަކުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް އިތުބާރުކުރެވޭ ގުޅުމެއްކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ. އަދި ސިފައިން ތަމްރީން ކުރުމުގައާއި، މި ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެއްޓުމުގައި ދެޤައުމު ގުޅިގެން ހިންގިދާނެ ހަރަކާތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްރިލަންކާގެ އާމީގެ ފަރާތުން ވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ސިފައިން ތަމްރީނު ކުރުމުގައި ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.