އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޯފިޑް)ގެ ޑިރެކްޓަރ ޖެނެރަލް ސުލައިމާން ޖޭ. އަލް-ހާރބިޝް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ތިމާވެށްޓާ ރަޙްމަތްތެރި ގޮތްތަކަށް ރާއްޖޭގެ ރިޒޯޓްތައް ހިންގުމަށް ކުރެވެމުންދާ މަސައްކަތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، ރާއްޖޭގައި، ތެލުގެ ހަކަތައިގެ ބަދަލުގައި އިޢާދަކުރަނިވި ސާފު ހަކަތަ ބޭނުންކުރަން ފެށުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

އޯފިޑްގެ ޑިރެކްޓަރ ޖެނެރަލްގެ ވާހަކަފުޅުގައި، ތިމާވެށްޓަށް ކުރިމަތިވަމުންދާ މައްސަލަތަކަށާއި، އިޢާދަކުރަނިވި ހަކަތައަށް އެ ޖަމްޢިއްޔާއިން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ޖަމްޢިއްޔާއިން މިހާރު ކުރިއަށް ގެންދަވާ އެކިއެކި މަޝްރޫޢުތަކާބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.