بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދިރާގުގެ ބޯޑް އޮފް ޑިރެކްޓަރސްގެ އެންމެހާ ބޭފުޅުން، ދިރާގުގެ ސީ.އީ.އޯ އަދި މެނެޖިންގ ޑިރެކްޓަރ، ދިރާގުގެ ޗީފް އެގްޒެކެޓިވް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ދިރާގުގެ އެންމެހާ ޚިދްމަތްތެރި މުވައްޒަފުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. މިއަދު މި އިފްތިތާޙު ކުރެވުނު ދިރާގުގެ ހެޑް އޮފީސް ބިލްޑިންގއަކީ، މި ބިލްޑިންގ ރަމްޒުކޮށްދެނީ، ދިވެހިރާއްޖޭގައި މުވާޞަލާތީ ގޮތުން، ދިވެހިރާއްޖެ ކުރިއަރާފައިވާ މިންވަރު. ޝައްކެއްނެތް، ތިޔަ ހުރިހާ ބޭފުޅުންވެސް ޤަބޫލު ކުރައްވާނެ، ދިރާގަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށްބޮޑު ޚިދްމަތެއް ކޮށްދީފައިވާ ކުންފުންޏެއް.

އާދެ! ޤައުމެއްގެ ކުރިއެރުން ބިނާވެފައިވަނީ، އެ ޤައުމެއްގައި މުވާޞަލާތީ ގޮތުން ހެދިފައިވާ އެކިއެކި ވިއުގަތަކާއި އަދި ވިޔަފާރިވެރިންނާއި ރައްޔިތުންނާއި، މަސައްކަތްތެރިންގެ މެދުގައި ކުޅަދާނަ މުވާޞަލާތީ ގުޅުންތަކެއް އުފެދިގެން. އެހެންވީމާ، އެގޮތުން، ދިވެހިރާއްޖޭގައި އެއްބަޔަކު އަނެއް ބަޔަކަށް މުޢާމަލާތު ކުރުމަށްޓަކައި އަވަސް، ފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވައި، ޚާއްޞަކޮށް، މިޒަމާނުގެ އެންމެ ކުރިއަރާފައިވާ ޓެކްނޯލޮޖީ ބޭނުންކުރައްވައިގެން، އަޅުގަނޑުމެންގެ ޤައުމުގައި މުވާޞަލާތީ ގުޅުންތައް ޤާއިމްކޮށްދެއްވާފައިވަނީ، އެކަން ކުރުމުގެ އެންމެބޮޑު ޙިއްޞާއެއް އަދާކޮށްފައިވަނީ ދިރާގުން.

އާދެ! މިއަދު ދިވެހިރާއްޖެ މިވަނީ، މީގެ ވިއްސަކަށް އަހަރު ކުރިއާ އަޅާބަލާއިރުގައި، ވަރަށް ބޮޑަށް ބަދަލުވެފައި. މިއަދު ދިވެހިރާއްޖޭގެ ޓެލެފޯންގެ ޚިދްމަތާއި، އިންޓަރނެޓްގެ ޚިދްމަތް މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. އެހެންވީމާ، އެގޮތުން، ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި މިއަދު މޯބައިލް ސަރވިސް މިވަނީ ޤާއިމް ކުރެވިފައި. އަދި ޒަމާނަށާއި ޓެކްނޯލޮޖީއަށް އަންނަ ބަދަލުތަކުގެ އަލީގައި، ދިވެހިރާއްޖޭގައި ޓެލެފޯނުގެ ޚިދްމަތް އަދި އިންޓަރނެޓްގެ ޚިދްމަތް ވަރުގަދަ ކުރުމަށްޓަކައި ދިރާގުގެ ފަރާތުން ދާދިފަހުންވަނީ މުޅި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ފައިބަރ އޮޕްޓިކްސް ކޭބަލް ޤާއިމް ކުރައްވާފައި. މީގެ ސަބަބުން، އަޅުގަނޑުމެންނަށް ކުރިއަށްވުރެ މާ ހަލުވިކަމާއެކީގައި، މާ ކުޅަދާނަކަމާއެކީގައި މުޢާމަލާތު ކުރުމުގެ ދޮރުތައް މިއަދު މިހުޅުވުނީ.

އާދެ! އަޅުގަނޑު ދަންނަވާލާ ހިތް އޮތީ، ތިޔަބޭފުޅުން، މި ދިރާގުގެ މުވައްޒަފުން ރާއްޖެއަށް ތިޔަ ކޮށްދެއްވާ ޚިދްމަތަކީ، އެއީ އަޅުގަނޑުމެން އުފަލާއެކީގައި، ދިވެހި ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރާނެ ޚިދްމަތެއް. އެކަމަށްޓަކައި ދިރާގުގައި މިވޭތުވެދިޔަ ދުވަސްތަކުގައިވެސް، މިހާރުވެސް ޚިދްމަތް ކޮށްދެއްވާ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކީގައި، ދިވެހި ސަރުކާރުގެ ނަމުގައި، ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން.

އާދެ! ދިރާގަކީ އަޅުގަނޑުމެންގެ އިޤްތިޞާދަށް ބަލާއިރުގައި، އަޅުގަނޑު ދަންނަވާނީ ނަމޫނާ ކުންފުންޏެކޭ. އެހެން މިދަންނަވަނީ، އެތައް ސަބަބުތަކެއް ހުރެގެން. ފުރަތަމަ ކަމަކަށް، ދިރާގުގެ ޚިދްމަތަކީ، ޚިދްމަތުގެ ފެންވަރު އެންމެ ރަނގަޅަށް އަބަދުވެސް ބެހެއްޓުމަށްޓަކައި މަސައްކަތް ކުރަމުންދާ ކުންފުންޏެއް ކަމުގައިވާތީ. ދިރާގުގެ ޕްރޮޑަކްޓަކީ، ދިރާގުންދޭ މުވާޞަލާތީ ޚިދްމަތްތައް. އެ ޚިދްމަތްތައް މިހާތަނަށް ރާއްޖޭގައި ދެމުން ގެންގޮސްފައިވަނީ އެންމެ ކުޅަދަނާކަމާއެކީގައި. އޭގެއިތުރުން، މި ކުންފުންޏަކީ އަބަދުވެސް ކުންފުނީގެ ފައިދާ ރަނގަޅަށް ދައްކަމުން، ރަނގަޅަށް މެނޭޖް ކުރަމުން ގެންދާ ކުންފުންޏެއް، ކޮންމެ ބަޔަކު ކުންފުނީގައި ތިބި ކަމުގައިވިނަމަވެސް.

އަދި ހަމައެހެން، ކުންފުނީގެ ސިޔާސަތުތަކަށް ބަލާއިރުގައި، އަޅުގަނޑު ދަންނަވާނީ، ދިވެހިރާއްޖޭގައި އުފެދިފައިވާ ކުންފުނީގެ ތެރެއިން މުވައްޒަފުންގެ ކަންތަކުގައި އެންމެ ރަނގަޅީ ދިރާގު ކަމަށް. އެގޮތުން، އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކުރަން، ދިރާގުގެ މުވައްޒަފުންގެ ގާތްގަނޑަކަށް 99 ޕަސެންޓަކީ، ދިވެހި މުވައްޒަފުން ކަމަށްވާކަން. ދިރާގުގެ އެންމެ ފުރަތަމަވެސް ސިޔާސަތަކަށް އޮތީ، ދިވެހިންނަށް މަޤާމުތައްދީ، ދިވެހިންނަށް ތަޢުލީމާއި ތަމްރީނުދީ، ދިވެހިން އެކިއެކި މަޤާމުތަކަށް އިސްކުރުން. މިއީ، އަޅުގަނޑު ދަންނަވާނީ، ރާއްޖޭގައި އުފެދިފައިވާ އެހެން ކުންފުނިތަކުންވެސް އަދި ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ކުރިއަރަމުންދާ އެހެން ކުންފުނިތަކުންވެސް ބަލަންޖެހޭ ވަރަށްބޮޑު ނަމޫނާއެކޭ. އޭގެ ސަބަބުން ވަރަށްގިނަ ޢަދަދެއްގެ ދިވެހިންނަށް ރަނގަޅު ފެންވަރުގެ ވަޒީފާތައް ލިބި، އެމީހުންގެ ކެރިއަރ، މުސްތަޤްބަލް ފަހިވެގެން މިވަނީ ގޮސްފައި.

ދެންމެ ޗެއަރމަން އެ ވިދާޅުވިފަދައިން، ގާތްގަނޑަކަށް ހަސަތޭކައެއްހާ މުވައްޒަފުން މިހާރު މި ކުންފުނީގައި މަސައްކަތް ކުރަމުން އެބަދޭ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި. އުތުރުން ފެށިގެން ދެކުނާ ހަމައަށް. ހުރިހާ މުވައްޒަފުންނަކީވެސް މިހާރު، ގާތްގަނޑަކަށް ހުރިހާ އެންމެންނަކީ ދިވެހިން. އަނެއްކާ އެހުރިހާ ބޭފުޅުންނަކީވެސް އެއީ މުސްތަޤްބަލެއްގެ އުންމީދުގައި، ހިތްހަމަޖެހޭ ވަޒީފާއެއް އަދާކުރަމުންގެންދާ މުވައްޒަފުންތަކެއް. އެހެންވީމާ، އެކަންވެސް އެއީ، އަޅުގަނޑު ދަންނަވާނީ، ނަމޫނާ ކުންފުންޏެއްގެ ގޮތުން ދިރާގު ފަޚްރުވެރިވާންޖެހޭ ކަމެކޭ.

އާދެ! މިއަދު އަޅުގަނޑުމެން މި އިފްތިތާޙުކުރި މައި އޮފީހުގެ ޢިމާރާތް ރަމްޒުކޮށްދެނީ، މި ކުންފުނީގެ ކުރިއެރުމުގެ ގޮތުގައި. ޚާއްޞަ ގޮތެއްގައި، އަޅުގަނޑު ފާހަގަކުރަން، މި ކުންފުނި މިހާރު ވަރަށްގިނަ ދުވަސްތަކެއްވެއްޖެ، ކުންފުނީގެ ޓެކްނޯލޮޖީ ޕޮލިސީގެ ދަށުން ޚާއްޞަކޮށް، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރައްވަމުން ގެންދަވާތާ. އެގޮތުން، އަތޮޅުތެރޭގައިވެސް އެކިއެކި ޓްރާންސްމިޝަން ޔުނިޓުތަކުގައި، އެކިއެކި އޮފީސްތަކުގައި، ސޯލަރ އެނަރޖީގެ ބޭނުންކުރައްވަމުން ގެންދަވާކަން އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން. އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގައި ހަކަތައިގެ މުސްތަޤްބަލް އޮތީ، އިޢާދަކުރަނިވި ހަކަތައާ ގުޅިފައި. އެގޮތުން އަދި ޚާއްޞަކޮށް، މިއަދު މި ހުޅުވުނު މި ރީތި، ފުރިހަމަ ޢިމާރާތުގައި، އެނަރޖީ އެފިޝަންސީގެ އެކިއެކި ފިޔަވަޅުތައް އަޅުއްވާފައިވާތީ، އަޅުގަނޑު ދިރާގަށް އިޚްލާޞްތެރިކަމާއެކީގައި މަރްޙަބާ ދަންނަވަން.

އާދެ! މިގޮތަށް މިހާ ރަނގަޅަށް މެނޭޖް ކުރެވިގެން ފުރިހަމަކޮށް މަސައްކަތް ކުރިއަށް ގެންދެވޭނީ، އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ކުޅަދާނަކަމުން. އެހެންވީމާ، އަޅުގަނޑު ފުރަތަމަވެސް މި ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މުބާރަކްބާދު ދަންނަވަން. އަދި ހަމައެހެން، ކުންފުނި ކުރިއެރުވުމަށްޓަކައި، ޚާއްޞަ ގޮތެއްގައި، ވަރަށްގިނަ ދުވަހު މި ކުންފުންޏަށް ޚިދްމަތް ކޮށްދެއްވަމުން ގެންދަވާފައިވާ މި ކުންފުނީގެ ސީ.އީއޯ އާއި މެނެޖިންގ ޑިރެކްޓަރ އިސްމާޢީލް ވަޙީދު އަޅުގަނޑު ވަރަށް ޚާއްޞަކޮށް ފާހަގަކުރަން. އެމަނިކުފާނު މި ކުންފުނި ކުރިއެރުވުމަށް ވަރަށްގިނަ ޒަމާންތަކެއް ވަންދެން ކޮށްދެއްވާފައިވާ ޚިދްމަތް އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. ހަމައެއާއެކު، ކުންފުނީގެ ޗީފް އެގްޒެކެޓިވްގެ ޙައިޘިއްޔަތުން އަލްފާޟިލް އިސްމާޢީލް ރަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްވެސް އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުން ގެންދަނީ. އަޅުގަނޑަށް އެނގޭ، އެމަނިކުފާނަކީ މި ކުންފުނި ކުރިއެރުވުމުގައި، ވަރަށް މުހިންމު ރޯލެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެއް. އެހެންވީމާ، އިސްމާޢީލް ރަޝީދަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެހެން، މި ކުންފުނީގެ ބޯޑުގައި އެކިދުވަސްވަރު މަސައްކަތް ކޮށްދެއްވާފައިވާ އެކިއެކި ބޭފުޅުންނަށާއި، މިހާރުވެސް ބޯޑުގެ ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.

ވާހަކަ ނިންމާލުމުގެ ކުރިން، މި ފުރުޞަތުގައި އަޅުގަނޑު ކޮންމެހެން ދަންނަވާލަން ބޭނުން ވާހަކައެއްވެސް އެބައޮތް. އެއީ އަޅުގަނޑު ވަރަށް އުފަލާއެކީގައި ފާހަގަކުރާ ކަމެއް. ދިރާގުގެ ފަރާތުން ޚާއްޞަކޮށް، މި ކުންފުނީގެ ކޯޕަރޭޓިވް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ވަރަށްގިނަ ޢަދަދެއްގެ އެކިއެކި ޖަމްޢިއްޔާތަކާއި، އެކިއެކި އިޖްތިމާޢީ ކަންކަމުގައި، މި ކުންފުނީގެ ފަރާތުން ވަރަށް ޙަރަކާތްތެރިކަމާއެކީގައި، ވަރަށް ދީލަތިކަމާއެކީގައި މަސައްކަތް ކޮށްދެއްވަމުން ގެންދަވާކަން. އެހެންވީމާ، އެ ސިޔާސަތު އަބަދުވެސް މި ކުންފުނީގެ ފަރާތުން ދަމަހައްޓަވައި، އެހެނިހެން ކުންފުނިތަކަށް ސީ.އެސް.އާރު ނަމޫނާއެއްގެ ގޮތުގައި އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ދެން ހަމައެއާއެކީގައި، އަޅުގަނޑު ނިންމާލަމުން، މިހާ ރީތި ޢިމާރާތެއް ޑިޒައިން ކުރައްވައި، އިމާރާތް ކުރެއްވި ކަމަށްޓަކައި މިތާ މިތިއްބެވި އާކިޓެކްޓުންނާއި، ޢިމާރާތް ކުރުމުގެ ކުންފުނިތަކަށް، މި ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އުންމީދަކީ، ދިރާގުގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންނަށްވެސް، އަތޮޅުތެރޭގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށްވެސް، އެބޭފުޅުންގެ މަސައްކަތުގައި ކޮންމެވެސް އިރެއްގައި، މި ރީތި ޢިމާރާތުގައި މަސައްކަތް ކޮށްލުމުގެ ފުރްޞަތު، ތިޔަބޭފުޅުން ހުޅުއްވައިދެއްވާނެ ކަމަށް. ރާއްޖެތެރޭގައި، އަތޮޅުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ، އަބަދު އެތާނގައި ތިއްބަވާ ބޭފުޅުންނަށްނުވެ، އެބޭފުޅުންނަށްވެސް ދޭތެރެ ދޭތެރެއިން ހެޑް އޮފީހަށް ވަޑައިގެން، މި ރީތި ޢިމާރާތުގައިވެސް މަސައްކަތް ކުރުމުގެ ފުރްޞަތު ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދިވެސް އެއްފަހަރު އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ދިރާގަށް އަބަދުވެސް ކުރިއެރުން. ދިރާގުގެ ޚިދްމަތްތައް ދިވެހިރާއްޖެއަށް އަބަދުވެސް ލިބި، ރާއްޖޭގެ މުވާޞަލާތީ ކަންކަން ކުރިއަށް ދިޔުމުގެ ސަބަބުން ރާއްޖޭގައި ޞުލްޙަވެރި އަދި އުފެއްދުންތެރި، ފާގަތި މުސްތަޤްބަލެއް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.