بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް އެޑިޔުކޭޝަން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚިދްމަތް ކުރައްވަމުން ގެންދަވާ އެންމެހާ ވެރިންނާއި މުދައްރިސުން. އަދި މި ރަސްމިއްޔާތަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

މިރޭގެ މި މުހިންމު ރަސްމިއްޔާތަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާޞިމް އަޙްމަދަށާއި، އެ މިނިސްޓްރީގެ އެންމެހާ ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.
މިރޭގެ މި ރަސްމިއްޔާތަކީ، މިއަހަރުގެ މުދައްރިސުންގެ ދުވަހާ ގުޅިގެން ބޭއްވޭ ރަސްމިއްޔާތަކަށްވުމާއެކު، މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށާއި، މިދާއިރާގައި ޚިދްމަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް.

ޓީޗަރުންގެ ޚިދްމަތުގެ އަގު ވަޒަން ކުރައްވައި، ކޮންމެ އަހަރަކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޓީޗިންގ އެކްސަލަންސް އެވޯޑް ދެއްވަމުން ގެންދަވާކަން އެއީ، ޓީޗަރުންގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި އެ މިނިސްޓްރީން ކުރައްވާ ވަރަށް މުހިންމު މަސައްކަތްޕުޅެއް. އެކަން އަޅުގަނޑު ވަރަށް ޝުކުރުވެރިކަމާ އެކީގައި ފާހަގަކުރަމުން، މިރޭ އެ އެވޯޑް ހާޞިލް ކުރައްވާ ހުރިހާ މުދައްރިސުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަދި ހަމައެހެން މި އެވޯޑްތައް ސްޕޮންސަރ ކުރެއްވި ފަރާތްތަކަށްވެސް އަޅުގަނޑު ހިތުގެ އަޑިން ޝުކުރު ދަންނަވަން.

އާދެ، މުދައްރިސުންނަކީ ޤައުމުގެ މާދަމާގެ ޖީލު ބިނާކުރެއްވުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުން. އެކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭ. އަދި މުދައްރިސުން އެކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ އަގު، ވަޒަންކުރަންޖެހޭ. ޤައުމީ ތަރައްޤީގައި މުދައްރިސުން، އެ އަދާކުރައްވާ ޚިދްމަތަކީ، އަޅުގަނޑުމެން އެއްވެސް މީހަކު ހަނދާން ނައްތާލައިގެންވާނެ ޚިދްމަތެއް ނޫން. ޤައުމުގެ ތަރައްޤީއަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ، އެކަށީގެންވާ ތަޢުލީމް ލިބިފައިވާ ދަރިންތަކެއް އުފެއްދުން ކަމަށްވީހިނދު، ދިވެހި ޤައުމު ބިނާކުރުމުގެ މަސައްކަތުގައި، މުދައްރިސުން އެ އަދާކުރައްވާ ވާޖިބަކީ، ވަރަށް މުހިންމު ވާޖިބެއް.

ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި، އެންމެ މުހިންމު ކަމެއް ދޭންޖެހިފައިވަނީ ތަޢުލީމަށް. އެކަށީގެންވާ ރަނގަޅު ތަޢުލީމެއް އަޅުގަނޑުމެންނަށް ދެވޭނީ، ކަމަށް ޤާބިލް، ހުނަރުވެރި މުދައްރިސުންތަކެއް އުފެއްދިގެން. އެ މަސައްކަތް ރާއްޖޭގައި މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ފުޅާވަމުން އަދި އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ދަނީ ފެންނަމުން. އެހެން ނަމަވެސް، ޤައުމުގެ ތަޢުލީމީ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ތަޢުލީމީ ދައުރު ނިންމައި، ސްކޫލްތަކުން ނުކުންނަ ދަރިވަރުންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި، ރަނގަޅު ފުރިހަމަ ތަރުބިއްޔަތެއް ލިބިފައިވާ އަދި ދިރިއުޅުމަށް ބޭނުންވާ ޢިލްމާއި ހުނަރުތައް ލިބިފައިވާ ދަރިވަރުންނަށް ހެދުމަކީ، އަޅުގަނޑު ދެކޭގޮތުގައި، ސްކޫލްތަކުގެ ވެރިންގެވެސް ވާޖިބެއް. މުދައްރިސުންގެވެސް ވާޖިބެއް. ހަމައެހެންމެ، ބެލެނިވެރިންގެވެސް ވާޖިބެއް.

މި މަސައްކަތް މިއަދު އަޅުގަނޑުމެން ވަރަށްފުޅާ ދާއިރާއެއްގައި ކުރަން އެބަޖެހޭ. އެކުދިންނަކީ އަޚްލާޤީ ގޮތުން ރަނގަޅު، ސްކޫލްގެ ވެރިންނަށާއި މުދައްރިސުންނަށް އިޙްތިރާމް ކުރަން ދަންނަ ކުދިބަޔަކަށް ހަދަން އެބަޖެހޭ. މުޖުތަމަޢުގެ ލޯތްބާއި، އިޙްތިރާމް ލިބިފައިވާ ކުދިބަޔަކަށް ހަދަން އެބަޖެހޭ. މިކަމަށް އަޅުގަނޑުމެން ސަމާލުކަން ނުދީފިނަމަ، މުޅި ޤައުމުގެ އަޚްލާޤީ މިންގަނޑުތަކަށް ބަދަލުއައިސް، އަޚްލާޤީ އިމުން ބޭރަށް ނުކުމެވޭތަން އައުމަކީ، ދުރުގައި އޮންނާނޭ ކަމެއް ނޫން. އެހެންކަމުން، މިކަމަށް މުދައްރިސުން ޚާއްޞަ ސަމާލުކަމެއް ދެއްވައި، ޤައުމުގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމުގައި، މުދައްރިސުން އަދާކުރައްވަންޖެހޭ ދައުރު ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު އެދެން.

ތަޢުލީމީ ދާއިރާގައިވެސް އަދި އެނޫން އެހެން ދާއިރާތަކުގައިވެސް ޚިދްމަތް ކުރައްވާ ކޮންމެ ބޭފުޅަކުވެސް، އެބޭފުޅަކު ތަޢުލީމް ޙާޞިލް ކުރެއްވި ރޮނގަކުން އިތުރަށް ކުރިއަށް ވަޑައިގަތުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް. އަންނަމުންދާ އެކިއެކި ބަދަލުތައް މުދައްރިސުން ދެނެވަޑައިގެން، އެ ބަދަލުތަކާ ދޭތެރޭގައި ވިސްނާވަޑައިގެން، ފިކުރާއި ޚިޔާލާތުގައި ފަންނީ ރޮނގުން ކުރިއަށް ވަޑައިގަތުމުގެ ހިތްވަރު އިތުރުކުރެއްވުމަކީ މުދައްރިސުން ކުރައްވަންޖެހޭ ކަމެއް. އަދި ޒަމާނަށް އަންނަ ބަދަލުތަކާ ގުޅިގެން، ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް، މަތިކުރުމަށް ކުރަންހުރި މަސައްކަތްތައް ކުރެއްވުމަށްވެސް މުދައްރިސުން އިސްކަން ދެއްވަންޖެހޭ. މިކަމުގައި ކޮށްދެއްވެންހުރި މަސައްކަތްތައް ކޮށްދެއްވުމަށް، ރާއްޖޭގައި މުދައްރިސުން ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު މިރޭ އިލްތިމާސްކޮށް ދަންނަވަން.

އާދެ، ރާއްޖޭގެ ތަޢުލީމީ މުއައްސަސާތައް ހަރުދަނާކޮށް، ތަޢުލީމީ ޒުވާނުން އިތުރުކުރުމަކީ، ސަރުކާރުން މިއަދު ވަރަށްބޮޑު އަހަންމިއްޔަތުކަންދޭ ކަމެއް. މިކަމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، ޤައުމަށް މިއަންނަނީ ވަރަށް ބޮޑެތި ބަދަލުތައް އަންނަމުން. ދުނިޔެއަށް މިއަންނަނީ ވަރަށް ބޮޑެތި ބަދަލުތައް އަންނަމުން. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަކީ، މީގެ އަހަރުތަކެއް ކުރިން ފަރުމާކޮށް ބައްޓަން ކުރެވިފައިވާ ނިޒާމެއް. އެހެންވީމާ، މިއަދު މިވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމް އޯވަރހޯލްކޮށް، އާ ދިރުމެއް ގެންނަން ޖެހިފައި. ސްކޫލް ނިމިގެން ނުކުންނަ ކުދިންނަކީ، ޤައުމަށް ބޭނުން ހިފޭ، ރަނގަޅު ފެންވަރެއްގެ ތަޢުލީމަކާއި ތަރުބިއްޔަތެއް ލިބިފައިވާ ކުދިންނަށްވާން އެބަޖެހޭ. އަދި އެހެން، އެކަން ޙާޞިލް ކުރުމަށްޓަކައި މިހާރު އުފައްދާފައިވާ މަންހަޖު އަވަސް މުސްތަޤްބަލެއްގެ ތެރޭގައި އެބަޖެހޭ ތަންފީޛު ކުރެވެން. އެކަން ކުރެވޭނީ ޓީޗަރުންނަށްވެސް އިތުރު ތަމްރީނު ދެވިގެން.

ހަމައެހެން، އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް މިއަދު ދޭންޖެހިފައި މިވަނީ، ރާއްޖޭގައި ހުރި ވަރަށް މަދު ޢަދަދެއްގެ ކުދިން ކިޔަވަމުން ގެންދާ ގިނަ ޢަދަދެއްގެ ސްކޫލްތަކަށް. އެ ސްކޫލްތަކުގައި އަޅުގަނޑުމެން އެބަޖެހޭ، ޚާއްޞަ ޕްރޮގްރާމްތަކެއް ރާވައި ހިންގަން. އަދި އެކުދިންނަށް ކިޔަވައިދިނުމަށްޓަކައި، މިހާރަށްވުރެ ރަނގަޅު އުނގަންނައިދިނުމުގެ ހުނަރުތަކެއް ތަޢާރުފް ކުރަން.

އާދެ! މިއަދު ދިވެހިރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، ގްރޭޑް 10 އާ ހަމައަށް ކިޔެވުން ނިންމާލަން ޖެހުން. ޢުމުރުން 16 އަހަރުގައި ސްކޫލް ނިމިގެން، އިތުރު ކަމެއް ނެތިފައި ތިބެން ޖެހުން. އަޅުގަނޑުގެ އުންމީދަކީ، ތަޢުލީމީ ސިޔާސަތަށް ބަދަލުތަކެއް ގެނެސް، ދިވެހި ކޮންމެ ކުއްޖަކީ، ޢުމުރުން 18 އަހަރު ވަންދެން ތަޢުލީމީ ޕްރޮގްރާމެއްގެ ތެރޭގައި ކިޔަވައިދެމުން ގެންދާ ކުއްޖަކަށްވުން. އަދި 18 އަހަރު ވުމުން، ކިޔަވައިގެން ނުކުންނަ ހަމަ ކޮންމެ ކުއްޖަކީވެސް ބޭނުންހިފޭ، ބޭނުންތެރި ކުއްޖެއް ކަމުގައިވުން.

އާދެ! ކުރިން ދެންނެވިހެން މިއަދު މިވަނީ އަޅުގަނޑުމެންގެ މުޅި ތަޢުލީމީ ނިޒާމް ދިރުވައި އާލާކުރަން ޖެހިފައި. އެގޮތުން، އަޅުގަނޑުމެން އެބަޖެހޭ، ތަޢުލީމް ރާވައި ހިންގުމަށް ބަދަލުތަކެއް ގެންނަން. ފުރަތަމަ ކަމަކަށް، އަޅުގަނޑު މިހާރު އެޑިޔުކޭޝަން މިނިސްޓްރީގައި ދަންނަވާފައިވާނެ، ތަޢުލީމް ކުރިއެރުވުމަށްޓަކައި މިހާރު ހެދިފައިވާ މުއައްސަސާތައް، އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ތަޢުލީމްގެ އެޑްމިނިސްޓްރޭޝަނާއި ހިންގުމަށް ބަދަލުތަކެއް ގެނެސްދެއްވުމަށް. އަޅުގަނޑު އުންމީދު ކުރަން، ދާދި އަވަސް މުސްތަޤްބަލެއްގެ ތެރޭގައި، އެ ބަދަލުތައް އަންނާނެ ކަމަށް.

އާދެ! މީގެކުރިންވެސް މިތާނގައި އެކި ބޭފުޅުން ވިދާޅުވެފައިވާ ފަދައިން، ތަޢުލީމް ރަނގަޅު ކުރެވޭނީ، ތަޢުލީމްގެ ފެންވަރު މަތިކުރެވޭނީ، ތަޢުލީމް ދެވޭ މާޙައުލުވެސް ރަނގަޅު ކުރެވިގެން. އަޅުގަނޑުމެންގެ ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރ މިއަދުވަނީ ވަރަށް ބޮޑަށް ބާވެފައި. އަޅުގަނޑުމެންގެ ޚާއްޞަކޮށް، މާލޭގަޔާއި އަދި އަތޮޅުތެރޭގައި މީގެ ވިއްސަކަށް، ތިރީސް އަހަރުގެ ކުރިން ޢިމާރާތް ކުރެވިފައި ހުރި ސްކޫލް ޢިމާރާތްތައް މިއަދު ވަނީ ބާވެ، އެތަންތާނގެ ފުރާޅުތަކުގައި ދަބަރުޖަހައި، ވަރަށް ބޮޑަށް އެތަންތަން މަރާމާތު ކުރަން ޖެހިފައި. އަދި އެތަނުން ބައެއް ސްކޫލްތަކަކީ މުޅިން އަލަށް ޢިމާރާތް ކުރަން ޖެހިފައިވާ ތަންތަން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ވަރަށް އަވަސް މުސްތަޤްބަލެއްގައި، ސަރުކާރުގެ ފަރާތުން މި ސްކޫލްތައް އާކުރުމުގެ މަޝްރޫޢެއް ފެށިގެންދާނެ ކަމަށް.

އާދެ! ތަޢުލީމްގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެ އަސާސީ މަސައްކަތަކީ، ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުން. އަދި ޓީޗަރުންނަށް ވެދެވޭ އެހީތެރިކަން އިތުރުކުރުން. އެހެންވީމާ، އެގޮތުން، ޓީޗަރުންނަށް އިތުރު ހިތްވަރު ދިނުމަށްޓަކައި، ޓީޗިންގ ޕްރޮގްރާމްތަކުގައި ފެންވަރު ރަނގަޅު ދަރިވަރުން ބައިވެރިކުރުމަށްޓަކައި ޓީޗަރުންނަށް ދެވޭ އިންސެންޓިވްތަކާއި އެލަވަންސްތައް، އަލުން މުޠާލިޢާކޮށް ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އާދެ! މުދައްރިސުންގެ ކުރިއެރުމަށާއި ތަރައްޤީއަށް ކޮށްދެވެންހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ، ސަރުކާރުން ކުރިއަށް ގެންދާނަން. އަދި މުދައްރިސުންނަށް ސަރުކާރުގެ ފަރާތުން ދެވެންހުރި ހުރިހާ އެހީތެރިކަމެއްވެސް ދޭނެކަމުގެ ޔަޤީންކަންވެސް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އަރުވަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ދަރިންނަށް ތަޢުލީމު ދެއްވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވާ ހުރިހާ މުދައްރިސުންނަށްވެސް، މާތްﷲ އުފާވެރި، ބާއްޖަވެރި ދުވަސްތަކެއް ދެއްކެވުން. މުދައްރިސުން އެ އުފުއްލަވާ ބުރަ މަސްއޫލިއްޔަތުގެ ނަތީޖާ، ހެޔޮގޮތުގައި އަޅުގަނޑުމެންނަށް ދެއްކެވުން. ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް، އަދަށްވުރެ ފެހި މާދަމާއެއް ދައްކަވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.