ޔޫ.އެން.ޑީ.ޕީ އިން އިންތިޒާމް ކޮށްގެން ބޭއްވެވި "އެންހެންސިންގ ދަ ރެސްޕޮންސް ޓު އެޗް.އައި.ވީ / އެއިޑްސް އިން މޯލްޑިވްސް" ޕްރޮގްރާމްގެ ސަބަބުން، އެއިޑްސް ބައްޔާ ދެކޮޅަށް ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު އެއްބާރުލުމެއް ލިބިގެން ހިނގައްޖެ ކަމަށާއި، ދެން އޮތީ އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭ ޓްރޭޑަރޒް ހޮޓެލްގައި ބޭއްވި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ގްލޯބަލް ފަންޑުން ދެމުން ގެންދިޔަ އެހީތައް ހުއްޓުނީ، އެއިޑްސްއާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކުގެ ބޭނުންތެރިކަން ނެތިގެން ނޫންކަމުގައި ވިދާޅުވިއެވެ. އަދި، ދެން އޮތީ، މިހާރު ލިބެން ހުރި ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން، މުޖުތަމަޢަށް ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ކުރިއަށްދިޔުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެޗް.އައި.ވީ/ އެއިޑްސް އަކީ އިޖްތިމާޢީ ގޮތުން ކުރިމަތިވެފައި އޮތް ވަރަށް އުނދަގޫ މައްސަލައެއްކަމުގައި ވިދާޅުވެ، މި ޕްރޮގްރާމްގެ ސަބަބުން، އެއިޑްސްއާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވިގެން ހިނގައްޖެކަން ފާހަގަކުރެއްވިއެވެ. އަދި، މިޕްރޮގްރާމަށް ބޭނުންވާނެ ހުރިހާ އެހީތެރިކަމެއް ހުރިހާ ފަރާތަކުންވެސް ދެއްވަމުން ގެންދެވުމަށާއި، މިކަމުގައި ކުރިއަށް ދިޔުމަށް އެންމެން އެކީގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. މިކަމުގައި ސަރުކާރުން ދެއްވެން އޮތް އެހީތެރިކަމެއް ދެއްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.