މިއަދަކީ ދިވެހިރާއްޖެ އާ ހަރުފަތަކަށް ދަތުރުކޮށް، ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ ފައިސާ، ތެދުވެރިކަމާއެކު ޚަރަދުކުރެވޭނެ ގޮތްތަކަކާމެދު މަޝްވަރާ ކުރެވެން ފެށޭ މުހިންމު ދުވަހެއް ކަމުގައި ނައިބު ރައީސް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ޓްރޭޑަރސް ހޮޓެލްގައި މިއަދު ހެނދުނު ބޭއްވި، އޭޝިޔާ ރީޖަނަލް އެސޯސިއޭޝަން އޮފް ދަ ޕަބްލިކް އެކައުންޓްސް ކޮމިޓީގެ މަޝްވަރާ ބައްދަލުކުރެއްވުން އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މި ބައްދަލުވުމުގެ ސަބަބުން ބައިވެރިންނަށް އިތުރު ތަޖުރިބާ ލިބި، އޮޑިޓަރ ޖެނެރަލްގެ މަސައްކަތްތަކާއި، ޕަބްލިކް އެކައުންޓްސް ކޮމިޓީގެ މަސައްކަތްތައް އިތުރަށް ތަރައްޤީ ކުރުމަށް މަގު ފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މިއީ، ބައިވެރިންގެ މެދުގައި މަސައްކަތުގެ ފެންވަރު އެންމެ އެކަށީގެންވާގޮތުގައި ރަނގަޅުކުރެވޭނެ ގޮތްތައް ޙިއްޞާކުރުމުގެ މެދުވެރިއަކަށް ވެގެންދާނެ ބައްދަލުވުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ކޮންމެ ޤައުމަކުންވެސް ތަޖުރިބާކޮށްފައިވާ ކަންތައްތައް، ޕަބްލިކް އެކައުންޓްސް ކޮމިޓީއާ ޙިއްޞާކުރުމުން، ކުރިއަށް އޮތްތާނގައި ޤައުމުގެ ޑެފިސިޓް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން ސަރުކާރަށް ލަފާއެރުވުމަށް ފަސޭހަވެގެންދާނެ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޚިޔާލު ތަފާތުވުން ހުރިކަމުގައިވިޔަސް ޑިމޮކްރަސީއަކީ ރައްޔިތުންގެ ވާހަކަތައް އަޑުއަހައި ކަންކަމުގެ ޙަޤީޤަތް ދެފުށް ފެންނަ ގޮތަށް ރައްޔިތުންނާ ޙިއްޞާކުރުންކަން ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، ރައްޔިތުން ތަމްސީލް ކުރެއްވުމަށް ތިއްބަވާ ނަމޫނާ ބޭފުޅުން ކަމުގައި ވީހިނދު، ރައްޔިތުންގެ ބޭނުންތައް ހަނދުމަފުޅު ނައްތާލައިގެން ނުވާނެ ކަމަށާއި، އަދި އެމައްސަލަތައް އެބޭފުޅުން، މަޖިލީހުގައި ޙިއްޞާ ކުރައްވަންވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ޤައުމު އާރާސްތު ކުރެވޭނީ، ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އެއްބާރުލެއްވުން ލިބިގެން ކަމަށާއި، ޤާނޫނީގޮތުން ޢައްޔަނު ކުރެވިފައިވާ ސަރުކާރާއެކު ތެދުވެރިކަމާއި ވަފާތެރިކަމާއެކުގައި މަސައްކަތް ކުރައްވައިގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.