ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، ކެނެޑާގެ އެކްޓިންގ ހައިކޮމިޝަނަރ ރިޗަރޑް ބޭލް، މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ކެނެޑާއާ ދެމެދު އޮންނަ ގުޅުމަކީ، ރާއްޖެއިން ވަރަށް މުހިންމުކަމެއްދޭ ގުޅުމެއް ކަމަށާއި، ކުރިއަށް އޮތްތާނގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ޑިމޮކްރަސީ ނެގެހެއްޓުމާއި، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުމަކީ، މި ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންކަން ކަމުގައި ވިދާޅުވިއެވެ. އަދި، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގައި، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ވަރަށް ބޮޑަށް ބާރުއަޅުއްވަމުން ގެންދަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރު ރާއްޖެއަށް އެންމެ ބޭނުންވަނީ، ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތައް ހޯދައި، އެފަދަ ނިޒާމެއް ޤާއިމްކުރުންކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި، ސިޔާސީ ފަރާތްތަކާއި، އަމިއްލަ ޖަމާޢަތްތަކާއި، ޢާންމުންނާއި، ވިޔަފާރިވެރިންނާއި، ޒުވާނުން ޙިއްޞާވާ ގޮތަށް ޤައުމީ ފެންވަރުގައި މަޝްވަރާތަކެއް ކުރިއަށް ގެންދިޔުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ކެނެޑާގެ ހައިކޮމިޝަނަރ ރިޗަރޑް ބޭލް ރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭގޮތުން ކަންކަން އޮޅުންފިލުއްވިއެވެ.