ޖަރުމަންވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑޮކްޓަރ ޔަރގަން މޯހާޑް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޖަރުމަންވިލާތުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޖަރުމަންވިލާތާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ބިނާކުރުމުގަޔާއި، ތިމާވެށީގެ ގޮތުން ރާއްޖެއަށް ކުރިމަތިވަމުންދާ މައްސަލަތައް ޙައްލުކުރުމަށް ޖަރުމަން ސަރުކާރުން ފޯރުއްވައިދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް މި އެހީތެރިކަން ލިބެމުންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިޔާސީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި، މާލީ ގޮތުން ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލައްވަމުން، ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރު ތަރައްޤީ ކުރުމާއި، އެކުދިންނަށް ފަންނީ ތަމްރީން ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ، ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ވަޒީފާގެ ދަތިކަމުގެ މައްސަލައަށްވެސް ޙައްލެއް ހޯދުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގައި އަދި މިއޮތީ ވަރަށް ޅަ ޑިމޮކްރަސީއެއްކަން ބަޔާންކުރައްވަމުން، ރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމް އިތުރަށް ހަރުދަނާކުރެއްވުމަށާއި، ސިޔާސީ ގޮތުން އަމާން ވެށްޓެއް ޤާއިމްކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު، ޖަރުމަން ސަފީރާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ޖަރުމަން ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް މިހާރު އެހީތެރިކަން ބޭނުންވެފައިވާ ދާއިރާތައް ފާހަގަކޮށް، އެޤައުމުގެ ފަރާތުން ކޮށްދެއްވެން ހުރި ކަންތައްތައް ބެއްލެވުމަށް ދިވެހި ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މާޙައުލު ހަމައަކަށް އެޅުވުމަށްޓަކައި، ހުރިހާ ސިޔާސީ ޕާޓީއެއްގެ މެދުގައި މަޝްވަރާތައް ކުރިށް ގެންދިޔުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމްކުރުމަށް ރާއްޖެއިން ކުރަމުންދާ ދަތުރުގައި، ޖަރުމަން ސަރުކާރުން ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.