ޑެންމާކް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ފްރެޑީ ސްވޭން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ޑިމޮކްރަސީގެ ހަމަތަކުގައި ހިފެހެއްޓުމާއި، އިންސާނީ ޙައްޤުތަކާއި، ޤާނޫނާއި ޤަވާއިދުތަކަށް ޙުރްމަތްތެރިކޮށް ހިތުމުގެ މުހިންމު ކަމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި، ރާއްޖޭގެ ރަށްތަކަށް ތިމާވެށީގެ ގޮތުން ދިމާވެފައިވާ މައްސަލަތައް ފާހަގަކުރައްވައި، އެކަންކަމަށް ޙައްލު ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރަސީ ނެގެހެއްޓުމަށް މި ސަރުކާރު އޮތީ ވަރަށް ސާބިތުކަމާއެކުގައި ކަމުގެ ފުރިހަމަ ޔަޤީންކަން ޑެންމާކް ސަފީރަށް ދެއްވިއެވެ.