އިންޑިޔާގެ ސަދަން އާމީ ކޮމާންޑްގެ ޖެނެރަލް އޮފިސަރ ކޮމާންޑިންގ އިން ޗީފް، ލެފްޓެނަންޓް ޖެނެރަލް އޭ. ކޭ. ސިންގ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ސަލާމަތީ ގޮތުން އޮތް ރަނގަޅު ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، އެކަމަށްޓަކައި ޝުކުރުއަދާކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، މާލޭގައި ހުޅުވިގެންދިޔަ މިލިޓަރީ ހޮސްޕިޓަލަށް އިންޑިޔާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެއްޤައުމު އަނެއް ޤައުމާ މަޢުލޫމާތު ޙިއްޞާކުރުމާއި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުވައިދިނުމަކީވެސް މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލެފްޓެނަންޓް ޖެނެރަލް އޭ. ކޭ. ސިންގ ގެ ވާހަކަފުޅުގައި، ދެޤައުމުގެ ދިފާޢީ ބާރުގެ ދެމެދުގައި ޤާއިމްކުރެވިފައިވާ ގާތް، އިތުބާރުބޮޑު ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތާނގައިވެސް އެއްޤައުމު އަނެއް ޤައުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުވައިދިނުން މުހިންމުކަމުގައި ވިދާޅުވިއެވެ.