މާލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތަކުގެ ޓީޗަރުން އޯޓިޒަމަށް ހޭލުންތެރިކުރުމަށްޓަކައި އީ.ޑީ.ސީ.އިން އިސް ނަންގަވައިގެން އިންތިޒާމްކުރެއްވި ވަރކްޝޮޕް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު ޣާޒީ ބިލްޑިންގގައި އޮތް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އޯޓިޒަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީ، އޯޓިޒަމް ހުންނަ ކުދިންނަށްޓަކައި ކުރެވޭ ހަމައެކަނި މަސައްކަތްތަކަކަށް ވެގެންނުވާނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެކަމަނާގެ ވަހަކަފުޅުގައި، އޯޓިސްޓިކް ކުދިންނަށް ފަރުމާ ކުރެވިގެން މަންހަޖެއް އެކުލަވާލައި، އުނގެނުމާއި، އުނގަންނައިދިނުމުގެ ވަސީލަތްތައް ފަރުމާކުރަން ޖެހޭކަމަށާއި، މިކުދިންނަށް އުނގެނުމުގެ މާހައުލެއް ތަރައްޤީކޮށް، މިކުދިންނަށް ކިޔަވައިދިނުމަށް މުދައްރިސުން ތަމްރީންކުރަން ޖެހޭކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންގެ ވާހަކަފުޅުގައި، އޯޓިސްޓިކް ކުދިންނަކީވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ފަރުދުންކަމަށާއި، އެހެންކަމުން މިކުދިންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދީ، މިކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމަށް އެންމެންވެސް ޢަޒުމް ކަނޑައަޅަން ޖެހޭކަމުގައި ވިދާޅުވިއެވެ. ދިވެހިރާއްޖޭގައި މިފަދަ ކުދިން އިތުރުވަމުންދާކަން މިހާރު ވަރަށް ބޮޑަށް ފާހަގަކުރެވިފައި ވުމާއެކު، އޯޓިޒަމް ކުދިންނަށް އެހީތެރިވެދިނުމަށްޓަކައި ސަރުކާރާއި، އަމިއްލަ ޖަމާޢަތްތަކާއި، ވަކިވަކި ފަރުދުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވެމުންދާ ގިނަގުނަ މަސައްކަތްތަކުގައި ކުރިއަށް ނުކުންނަންޖެހޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.