މި އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި، ތޫނު އެއްޗަކުން ޙަމަލާދީ އަވަހާރަކޮށްލި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ އަފްރާޝީމް ޢަލީގެ ޢާއިލާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން ބައްދަލުކުރައްވައި ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން، އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު މާލެ ވަޑައިގެން، ޑޮކްޓަރ އަފްރާޝީމް ޢަލީ ދިރިއުޅުއްވި ގެއަށް ޒިޔާރަތް ކުރައްވައި، އެ މަރްޙޫމްގެ ހުވަފަތް އަނބިކަނބަލުން އަލްފާޟިލާ ޤުރައިޝާ މުޙަންމަދާއި، ބޭފުޅުންނާ ބައްދަލުކުރައްވައި، ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ރައްދުކުރެއްވިއެވެ. އަދި މި ޚަބަރު އެއްސެވީ ކުއްލި ޙައިރާންކަމާއި ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، މި ޢަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރެއްވިއެވެ. އަދި ޑޮކްޓަރ އަފްރާޝީމް ޢަލީ ރައްޔިތުންގެ މަޖިލީހަށް ކޮށްދެއްވި ޚިދްމަތްތަކާއި، ދިވެހިޤައުމަށާއި ރައްޔިތުންނަށް ދީނީ ރޮނގުން ކޮށްދެއްވި އަގުނުކުރެވޭފަދަ ޚިދްމަތްތައް ވަރަށް ޚާއްޞަ ގޮތެއްގައި ވަޒަން ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.