ތޫނު އެއްޗަކުން ޙަމަލާދީ ރޭ އަވަހާރަކޮށްލި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ އަފްރާޝީމް ޢަލީގެ ޢާއިލާގެ ބޭފުޅުންނަށް، ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ތަޢްޒިޔާ ވިދާޅުވެއްޖެއެވެ.

ޑޮކްޓަރ އަފްރާޝީމް ޢަލީގެ ހުވަފަތް އަނބިކަނބަލުން އަލްފާޟިލާ ޤުރައިޝާ މުޙަންމަދަށް ނައިބު ރައީސް ފޮނުއްވި ތަޢްޒިޔާގެ ސިޓީފުޅުގައި، މިހިތާމައިގައި ބައިވެރިވެވަޑައިގެން، އަނބިކަނބަލުންނަށާއި ޢާއިލާއަށް ވަރަށް އިޚްލާސްތެރިކަމާއެކު ތަޢްޒިޔާ ވިދާޅުވެފައިވެއެވެ.

ނައިބު ރައީސްގެ ސިޓީފުޅުގައި، އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީއަކީ، ދިވެހި ދަޢުލަތަށް އެތަކެއް އަހަރުވަންދެން އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ޢިލްމީ ބޭފުޅެއްކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެގޮތުގައި ރައްޔިތުންގެ ޙައްޤުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި، އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީ ފަދަ، ޤައުމަށް އިޚްލާޞްތެރި އަދި ޚިދްމަތްތެރި ޢިލްމީ ބޭފުޅަކު އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމަކީ، ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު އުނިކަމެއް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވެފައިވެވެ.

އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީއަކީ، މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީގައި، 2007 ވަނަ އަހަރު އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް (ފިޤްޙް އެންޑް އުސޫލުލްފިޤްޙް)ގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސޮފީ ޙާސިލްކުރައްވާފައިވާތީ، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު 2007 ވަނަ އަހަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ޑޮކްޓަރ އަފްރާޝީމް ޢަލީއަކީ، ރާއްޖޭގައި ދީނީ ތަޢްލީމްގެ ދާއިރާއަށް ފާހަގަކުރެވޭފަދަ ގިނަގުނަ އަދި އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މިގޮތުން، ކުރީގެ ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ ކޯހާއި، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ ކޯހާއި، އިސްލާމިކް ސްޓަޑީޒް ޑިގްރީ ކޯހުގައި ކިޔަވައިދެއްވަމުން ގެންދެވިއެވެ. އަދި ވިލާ ކޮލެޖްގައި ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒްގެ މާސްޓަރޒް ކޯހުގައިވެސް ޑޮކްޓަރ އަފްރާޝީމް ޢަލީ ވަނީ ކިޔަވައިދެއްވާފައެވެ.

މީގެ އިތުރުން، ކުއްލިއްޔާ މުސްތަޤިއްލު ތަނަކަށް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ. އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކޮލެޖް ކައުންސިލަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. ވިލާ ކޮލެޖްގެ ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒްގެ މާސްޓަރޒް ކޯހުގައި ކިޔަވަމުންދާ ކުދިންގެ ތީސީޒް ސުޕަވައިޒް ކޮށްދެއްވަމުން ގެންދެވީވެސް ޑޮކްޓަރ އަފްރާޝީމް ޢަލީއެވެ.

ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޑޮކްޓަރ އަފްރާޝީމް ޢަލީ ކުރެއްވި މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން، ރާއްޖޭގެ އެކިއެކި މީޑިޔާގެ ވަސީލަތްތައް މެދުވެރިކުރައްވައި، އެކިއެކި ޕްރޮގްރާމްތަކުގައި ދީނީ ރޮނގުން އަގުހުރި ނަސޭހަތްދެއްވުމާއި، އެކިއެކި ޖަލްސާތަކުގައި ދީނީ ނަސޭހަތް ދެއްވުން ފާހަގަކޮށްލަންޖެހެއެވެ.

ޑޮކްޓަރ އަފްރާޝީމް ޢަލީވަނީ ސަރުކާރުގައިވެސް ބައެއް މަޤާމްތައް ފުރުއްވާފައެވެ. މިގޮތުން ފުރުއްވި މަޤާމުތަކުގެ ތެރޭގައި، މަޢްހަދުއްދިރާސާތުލް އިސްލާމިއްޔާގެ ޤުރުއާން މުދައްރިސްގެ މަޤާމާއި، މާލޭގެ މިސްކިތްތަކުގެ އިސް އިމާމުކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، އެމިނިސްޓްރީގައި މިނިސްޓަރގެ އެޑްވައިޒަރކަމުގެ މަޤާމު ޑޮކްޓަރ އަފްރާޝީމް ޢަލީ ވަނީ ފުރުއްވާފައެވެ.