ނައިބު ރައީސް އަލްފާޟިލް މުހަންމަދު ވަޙީދުއްދީން، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި މިއަދު ހެނދުނު ބޭއްވެވި އިންޓަރނޭޝަލަން ޓީޗަރޒް ކޮންފަރެންސް 2012 ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިކޮންފަރެންސަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގައި ބޭއްވުނު މިފަދަ ފުރަތަމަ ކޮންފަރެންސެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، 2012 ވަނަ އަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރެއްވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރެއްވި އެންމެ މުހިންމު އެއްކަމަކީ، މިކޮންފަރެންސް އިންތިޒާމުކޮށް، ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ތަޢުލީމީ ދާއިރާއިން ހޯދާފައިވާ ހޯދުންތަކުގެ ޘަޤާފަތް، އެބޭފުޅުންގެ މެދުގައި ޙިއްޞާ ކުރުމަށް މަގުފަހިކޮށް، އެފުރުޞަތު އެބޭފުޅުންނަށް ހޯދައިދިންކަމެވެ. މީގެއިތުރުން، މިކޮންފަރެންސަކީ މިދާއިރާގައި މަސައްކަތް ކުރައްވާ ބައިނަލްއަޤްވާމީ ޖަމާއަތްތަކަށްވެސް ދަޢުވަތުދީގެން ކުރިއަށްގެންދާ ކޮންފަރެންސަކަށްވާތީ، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، އެހެނިހެން ޤައުމުތަކުގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާ ދެމެދު އެބޭފުޅުންގެ ހޯދުންތަކާއި ތަޖުރިބާ ޙިއްޞާ ކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ. އަދި މިކޮންފަރެންސްގެ ސަބަބުން ދިވެހިރާއްޖެއަށް އިޖްތިމާޢީ ގޮތުން އަންނަމުންދާ ބަދަލުތައް، މުދައްރިސުންނަށާއި ޕްރިންސިޕަލުންނަށް ދަސްވެ، އެންމެ އެކަށީގެންވާ ގޮތުގައި ޑިމޮކްރަސީގެ ރިވެތި އުޞޫލުތަކާ އެއްގޮތަށް، ސްކޫލްތައް ހިންގުމަށްވެސް މަގުފަހިވެގެންދާނެއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މިކޮންފަރެންސްގެ ސަބަބުން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އައު ދޮރުތަކެއް ހުޅުވި، ފެންވަރު ރަނގަޅު މުދައްރިސުންތަކެއް މުސްތަޤްބަލުގައި އުފެދިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައެވެ.