ދިވެހިރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް އެތައް ރޮނގަކުން އިތުރަށް ބަދަހިވަމުންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ޗައިނާގެ 63 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ޗައިނާ އެމްބަސީއިން އިންތިޒާމް ކުރައްވައިގެން މިއަދު ހަވީރު ޓްރޭޑަރސް ހޮޓެލްގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމަކީ، ވަރަށް ތާރީޚީ ގުޅުމެއް ކަމަށް ވިދާޅުވެ، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމު ކުރިތާ މިފެށޭ އޮކްޓޯބަރމަހު 40 އަހަރު ފުރޭކަން ފާހަގަކުރެއްވިއެވެ. ޗައިނާއަކީ، ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ޙިއްޞާއެއް ވެދީފައިވާ އަދި މިހާރުވެސް ދެމުން ގެންދާ ޤައުމެއްކަން ބަޔާންކުރައްވަމުން، ރާއްޖޭގެ އިޖްތިމާޢީ، ޘަޤާފީ، އަދި އިޤްތިޞާދީ ދާއިރާތަކަށް ޗައިނާއިން ވެދީފައިވާ ގިނަގުނަ އެހީތަކުގެ މައްޗަށް ނައިބު ރައީސް ބައްލަވާލެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޚާއްޞަކޮށް ގެދޮރު އެޅުމުގެ މަޝްރޫޢަށް ޗައިނާ ސަރުކާރުން ވެދެއްވާފައިވާ އެހީތައް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި މިދިޔަ އަހަރު ޗައިނާގެ އެމްބަސީއެއް ހުޅުވުގެންދިޔަކަން އެއީވެސް، ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޗައިނާ ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަމުގެ ރަމްޒެއް ކަމަށް ވިދާޅުވިއެވެ. އަދި މިގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށްޓަކައި ރާއްޖޭގައި ޗައިނާ އެމްބަސީއެއް ޤާއިމު ކުރުމަށް ދިވެހި ސަރުކާރުން ބިމެއް ދެއްވާ ގޮތަށް ނިންމަވާފައިވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުންދާ އެއްޤައުމަކީ ޗައިނާކަން ބަޔާންކުރައްވަމުން، ކުރިއަށް އޮތްތާނގައިވެސް މި ޢަދަދު އިތުރުވަމުންދާނޭ ކަމަށް ޔަޤީން ކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުންވެސް މިދިޔަ ދުވަސްތަކުގެ ތެރޭގައި އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.