ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނާފައި އޮތްއޮތުން ނިމުމަމަކަށް އައުމުގެ ސަބަބުން، ރާއްޖޭގެ ދާޚިލީ މައްސަލަތައް ދިވެހިން އަމިއްލައަށް ޙައްލުކޮށް، ދިވެހި ޤައުމުގެ ސިޔާދަތު ނެގެހެއްޓުމަށް އިތުރު ބާރެއް ލިބިގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ނިއުޔޯކްގައި ބޭއްވި ސީމެގްގެ ބައްދަލުވުމުގައި، އެ ޖަމާޢަތުގެ ރަސްމީ އެޖެންޑާއިން ދިވެހިރާއްޖޭގެ ނަން އުނިކުރުމަށް އެޖަމާޢަތުން ނިންމުމާ ގުޅިގެން، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާފައިވަނީ ނިއުޔޯކްގައި ހުންނަވައިގެން ސްކައިޕް މެދުވެރިކުރައްވައި، ރާއްޖޭ ގަޑިން މިރޭ 12.15 އެހާކަންހާއިރުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދަކީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ޙިމާޔަތްކުރުމަށް ކުރި މަސައްކަތަށް ފޮނި ކާމިޔާބީއެއް ލިބުނު ދުވަހެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ސީމެގްގެ މި ނިންމުމުގެ ސަބަބުން، ސީމެގްގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން އަނބުރާ ރުޖޫޢަވެފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސީމެގްގެ މި ނިންމުމަކީ، އިންސާފަށާއި، ޤާނޫނީ ވެރިކަމަށާއި، ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު މައްސަލަތައް ޙައްލުކުރުމުގެ ސިޔާސަތަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތަށާއި، ޑިމޮކްރަސީއަށާއި، ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

7 ފެބްރުއަރީ 2012 ވަނަ ދުވަހު ވެރިކަން ބަދަލުވުމުގެ ފަހުން ބޭރުގެ ޚާރިޖީ ގުޅުންތަކުގައި ރާއްޖެއިން ހޭދަކުރަމުންދިޔައީ އުނދަގޫ ދުވަސްތަކެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ވެރިކަން ބަދަލުވެގެންދިޔައީ ބަޣާވަތަކުން ވެރިކަން ބަދަލުކުރުމުން ކަމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުމުގެ ސަބަބުން، ރާއްޖޭގެ ވެރިކަމުގެ ޤާނޫނީ ހައިސިއްޔަތާމެދު ބޭރުގެ ބައެއް ޤައުމުތަކުން ސުވާލު އުފައްދާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ކޮމަންވެލްތް އެކްޝަން ގްރޫޕްގެ އެޖެންޑާގައި ރާއްޖޭގެ މައްސަލަ ހިމަނާފައިވަނީވެސް މި ސަބަބާހުރެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދިވެހި ޤައުމާ މުޚާޠަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވެރިކަން ބަދަލުވެގެން ދިޔަ ގޮތާ ބެހޭގޮތުން، ބޭރުގެ ފަރާތްތަކުން އެދެމުން ގެންދިޔަ ކަންތައްތަކަށް އެމަނިކުފާނު ވަރަށް ބޮޑަށް އިޖާބަ ދެއްވައި ދޫ ދެއްވިކަމަށާއި، އެމަނިކުފާނު މިގޮތަށް ކަންތައް ކުރެއްވީ ޤައުމުގެ އެންމެ މަތީ މަޞްލަޙަތުތައް ރައްކާތެރިކުރެއްވުމަށް ކަމުގައިވެސް ވިދާޅުވިއެވެ.