بســم اللّـه الرّحمـن الرّحيــم

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން،

السّــلام عليــكم ورحـمــة اللّـه وبـركاتـه،

މިއަދަކީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ޙިމާޔަތްކުރުމަށް ކުރި މަސައްކަތަށް ފޮނި ކާމިޔާބީއެއް ލިބުނުދުވަހެއް. ކޮމަންވެލްތްގެ އެކްޝަން ގްރޫޕް ނުވަތަ ސީމެގްގެ ރަސްމީ އެޖެންޑާގައި، ރާއްޖެ ހިމަނާފައި އޮތްއޮތުން މިއަދުވަނީ ނިމުމަކަށް އައިސްފައި. ސީމެގްގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެއޮތް އޮތުން އަނބުރާ ރުޖޫޢަވެފައި. މިއަދުން ފެށިގެން ރާއްޖެ ސީމެގްގައި ފުރަމުން ގެންދިޔަ ދައުރު އަލުން އަދާކުރަން ފެށޭނެ.

ރާއްޖެއިން ބޭރުގައި ހުރެ، މިއަދު ތިޔަ ލޮބުވެތި ރައްޔިތުންނާ އަޅުގަނޑު މި ބައްދަލުކޮށްލީ، ދިވެހި ތިޔަ ލޮބިވެތި ރައްޔިތުންނާ މިއުފާވެރި ވާހަކަ ޙިއްޞާކޮށްލުމަށް.

7 ފެބްރުއަރީ 2012 ވަނަ ދުވަހު ވެރިކަން ބަދަލުވުމުގެ ފަހުން، ބޭރުގެ ޚާރިޖީ ގުޅުންތަކުގައި ރާއްޖެ ދިޔައީ، އުނދަގޫ ދުވަސްތަކެއް ހޭދަކުރަމުން. 7 ފެބްރުއަރީ 2012 ވަނަ ދުވަހު، ވެރިކަމުން އިސްތިޢުފާ ދެއްވުމަށްފަހު، އަނެއް ދުވަހު ނިކުމެވަޑައިގެން ބަޣާވަތަކުން ވެރިކަން ބަދަލުކުރީކަމަށް ވިދާޅުވި ވިދާޅުވުމަށްވަނީ، ދުނިޔޭގެ ބައެއް ޤައުމުތަކުން އިޖާބަދީފައި. އަދި ރާއްޖޭގެ ވެރިކަމުގެ ޤާނޫނީ ހައިސިއްޔަތާ މެދު ސުވާލުއުފައްދާފައި. ކޮމަންވެލްތްގެ އެކްޝަން ގްރޫޕްގެ އެޖެންޑާގައިވަނީ ރާއްޖޭގެ މައްސަލަ ހިމަނާފައި. އަދި ރާއްޖޭގެ ވެރިކަން ބަދަލުވިގޮތުގެ ޞައްޙަކަން ކަނޑައެޅެންދެން، ރާއްޖެ ސީމެގް ގެ އެޖެންޑާގައި ބާއްވައި، ވެރިކަން ބަދަލުވިގޮތް ހޯދުމަށް އެކުލަވާލާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގައި، ބޭރުގެ ފަރާތްތަކެއް ބައިވެރިކުރުމަށްވަނީ ގޮވާލާފައި.

ވެރިކަން ބަދަލުވި ގޮތާ ބެހޭގޮތުން، ބޭރުގެ ފަރާތްތަކުން އެދެމުން ގެންދިޔަ ކަންތައްތަކަށް އަޅުގަނޑުވާނީ ވަރަށް ބޮޑަށް އިޖާބަދީފައި. އަދި ބައެއް ފަހަރު، ތިޔައިގެ ތެރެއިން ގިނަ ޢަދަދެއްގެ ލޮބުވެތި ރައްޔިތުންނަށް ޤަބޫލުނުކުރެއްވެވޭނޭ މިންވަރަކަށް އަޅުގަނޑު ދޫދެމުން ގެންދިޔަކަން ތިޔަ ބޭފުޅުން ވަނީ ފާހަގަކުރައްވާފައި. ބައެއް ބޭފުޅުން އަޅުގަނޑާ ސީދާ ގުޅުއްވާފައި، އަނެއް ބައި ބޭފުޅުން ނޫސް މަޖައްލާ މެދުވެރިކޮށް، ނުވަތަ ޕޯޑިއަމް މެދުވެރިކޮށް، މިކަންވަނީ އަޅުގަނޑާ ޙިއްޞާކުރައްވާފައި. މިމައްސަލައިގައި، އަޅުގަނޑު ދޫދެމުން ގެންދިޔައީ، ޤައުމުގެ އެންމެ މަތީ މަޞްލަޙަތުތައް ރައްކާތެރިކުރުމަކީ އަޅުގަނޑުގެ އެންމެ އިސް ވާޖިބުކަމުގައި ދެކިގެން. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި، ދާޚިލީ މަޞްލަޙަތުތައް ޙިމާޔަތްކުރުމާއެކު، ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ގުޅުންތަކަށް ވިސްނައިގެން.

ލޮބުވެތި އަޚުންނާއި އުޚުތުން،

މިއަދު ލިބިގެން މިދިޔައީ، ރާއްޖޭގެ ދާޚިލީ މައްސަލަތައް، ދިވެހިން އަމިއްލައަށް ޙައްލުކޮށް، ދިވެހި ޤައުމުގެ ސިޔާދަތު ނެގެހެއްޓުމަށް ލިބިގެން ދިޔަ އިތުރު ބާރެއް. އަދި މިކަން ކުރުމަށް އަޅުގަނޑުމެން ކެރިގެން، ޤައުމުގެ ޙައްޤުގައި މަސައްކަތްކުރުމަށް ލިބުނު ފުރުޞަތެއް. ތަރައްޤީ އާއި ޑިމޮކްރެސީގެ ދިގު ރާސްތާގައި ރާއްޖެ ވަނީ ގިނަ ކާމިޔާބީތަކެއް ޙާޞިލުކޮށްފައި. ނަމަވެސް، ރާއްޖޭގެ ތަރައްޤީގެ މަސްރަޙުގައި ގިނަގުނަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހިފައިވޭ. ރާއްޖެ ފަށާފައި މިވާ ޑިމޮކްރަސީގެ ރާސްތާގައި ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވޭ. އަދި ކުރިޔަށް މިއޮތް ދުވަސްތަކުގައި ގިނަގުނަ މަސައްކަތްތަކެއް އެކުގައި ކުރުމަކީ ރާއްޖޭގެ ޤައުމީ ޙަޔާތަށް ކޮންމެހެން ބޭނުންކަމެއް. މުޅި ޤައުމުގެ ޙައްޤުގައި ކުރަންޖެހިފައިވާ މަސައްކަތްތަކަށް އިސްކަންދީ، އަވަސް މަސައްކަތްތަކެއްގެ ގޮތުގައި ކުރަންޖެހޭ.

ލޮބުވެތި ދިވެހިރައްޔިތުން،

މިއަދުގެ ކާމިޔާބީއަކީ އިންސާފާއި، ޤާނޫނީ ވެރިކަމަށް ލިބުނު ކާމިޔާބީއެއް. ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު މައްސަލަތައް ޙައްލުކުރުމުގެ ސިޔާސަތަށް ލިބުނު ކާމިޔާބީއެއް. ރާއްޖޭގެ ޚާރިޖީ ސިޔާސަތަށާއި ޑިމޮކްރަސީއަށް ލިބުނު ކާމިޔާބީއެއް. ދިވެހިރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް.
މިފަދަ ކާމިޔާބެއް މިއަދު ހޯދުމުގައި ކުރި މަސައްކަތުގައި އަޅުގަނޑު ވާގި އެދުނީ މާތްﷲ ގެ ހަޟްރަތުން. ހިތްވަރު ލިބިގަތީ ތިޔަ ލޮބުވެތި ރައްޔިތުންގެ ކިބައިން. ކެތްތެރިކަމާއެކު އަޅުގަނޑާއެކު ތިއްބެވީތީ ތިޔަ އެންމެ ބޭފުޅުނަށް އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަން.

މާތް ﷲ މި ލޮބުވެތި ވަޠަން މިނިވަންކަމުގައި އަބަދަށްމެ ލަހައްޓަވާށި.

والســّلام عليــكم .