ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ދީނަށް ފުރައްސާރަކުރުމަށާއި، މުޖުތަމަޢުގައި ރުޅިވެރިކަން އުފައްދައި، ހަމަނުޖެހުމަށް މަގުފަހިކުރުމަށް ބޭނުންކުރެވިގެންވާނެ ބަހަނާއެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އ.ދ. ގެ 67 ވަނަ ޢާންމު ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރެއްވީ ރާއްޖޭ ގަޑިން ރޭ މެންދަމު 1 ޖަހާއެހާކަންހާއިރުއެވެ.
ކީރިތި ރަސޫލާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ނެރެފައިވާ ފިލްމަށް ރައީސުލްޖުމްހޫރިއްޔާ އިޝާރަތް ކުރައްވައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން ހިންގުމަށާއި މުޒާހަރާތަކަށް މަގުފަހިކުރުވި މި ދަށު ދަރަޖައިގެ ޢަމަލު، ހުރިހާ ދިވެހި ރައްޔިތުންވެސް ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ބެންޣާޒީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ދިން ޙަމަލާވެސް ދިވެހިން ކުށްވެރިކުރާ ކަމުގައި ވިދާޅުވެ، އެމެރިކާ ސަރުކާރަށާއި، މި ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ޢާއިލާތަކަށް ހުރިހާ ދިވެހި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ރައްދުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، އ.ދ މަޖިލީހުގެ ފުރިހަމަ މެންބަރަކަށް ފަލަސްޠީނު ވެގެންދާ ދުވަހަށް އެމަނިކުފާނާއި، އެމަނިކުފާނުގެ ވަފްދުގެ ބޭފުޅުންނާއި، ދިވެހި ރައްޔިތުން އިންތިޒާރު ކުރައްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވިއެވެ. އަދި މިކަމުގައި އެއްބާރުލުންދިނުމަށް މެންބަރު ހުރިހާ ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، އެމަނިކުފާނު މި ތަމްސީލު ކުރައްވަނީ، ނިސްބަތުން ކުޑަ، އެހެނަސް ފަޚުރުވެރި ޖަޒީރާ ޤައުމެއްކަމަށް ވިދާޅުވިއެވެ. ރާއްޖެއަކީ، ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެކަށޭނަ ބައިނަލްއަޤްވާމީ އޮނިގަނޑެއް އެކުލަވާލުމަށް ހިތްވަރުދެމުން އަންނަ ޤައުމެއް ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ކެނޑިނޭޅި ވަކާލާތު ކުރަމުން އައިސްފައިވާ ޤައުމެއް ކަމަށްވެސް ވިދާޅުވިއެވެ. ހަމައެއާއެކު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގެއްލިގެންދާ އިންސާނީ ޙައްޤުތަކާމެދު، ބައިނަލްއަޤްވާމީ މައިދާނުގައި ދުނިޔޭގެ ލޯތައް ހުޅުވައިދިނުމުގައި، ބައިވެރިވި ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ތަޤްރީރު ކުރިއަށް ގެންދަވަމުން، ދުނިޔޭގެ ކޮންމެ ތަނެއްގައި ކަމަށްވިޔަސް، ދިވެހިން އެމީހުންގެ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ނަމޫނާ ދައްކައިދޭ މައިގަނޑު ސަބަބުތަކަކީ، މިބަޔާންކުރެއްވި ސަބަބުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާ ކުރުމުގައި އ. ދ. ފަދަ ޖަމާޢަތްތަކަށް އަދާކުރެވިދާނެ ދައުރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ކުދި ޤައުމުތަކުގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި ތަޖުރިބާއާއި ފަންނީ އެހީތެރިކަން މިފަދަ ޖަމްޢިއްޔާތަކަށް ދެވިދާނެ ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ޑިމޮކްރެސީ ކުރިއެރުވުމަށްޓަކައި ބައިނަލްއަޤްވާމީ ފަރާތްތަކުން ގެންގުޅެމުންގެންދާ އުސޫލުތަކާ ދޭތެރޭގައިވެސް ވިސްނައި، އެ އުސޫލުތައް އަލުން މުޠާލިޢާ ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ޤައުމުތަކުގެ އަމިއްލަ މައްސަލަތައް ޙައްލުކުރުމުގެ ފުރުޞަތު، ކޮންމެ ޤައުމަކަށްވެސް ދޭންޖެހޭނެ ކަމަށާއި، ކަނޑައެޅިގެން ސީދާ އިންސާނީ ޙައްޤުތަކާ ހިލާފު ޢަމަލެއް އެ ޤައުމަކުން ނުހިންގަނީސް އެ ޤައުމަކާ ދޭތެރޭގައި ފިޔަވަޅު އެޅިގެން ނުވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ކުދި ޤައުމުތަކުން ތަރައްޤީއަށްޓަކައި ކުރަމުންދާ މަސައްކަތުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ، އެންމެ މުހިންމުކަމެއް ދެވިފައިވާ، އަދި ޙައްލުކުރަން އެންމެ އުނދަގޫ ގޮންޖެހުންކަން ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި ބަޔާންކުރައްވަމުން، ދުނިޔޭގެ ލީޑަރުންގެ މެދުގައި އެއްބަސްވެވިފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިރޮނގުން ތަޤްރީރު ކުރިއަށް ގެންދަވަމުން، މި އަމާޒުތަކުގެ ސަބަބުން، އިޖްތިމާޢީ، އިޤްތިޞާދީ، އަދި ތިމާވެށީގެ ގޮތުން ޤައުމުތަކަށް އިތުރު ދުޅަހެޔޮކަމެއް އަންނާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، 2015 ވަނަ އަހަރަށް އެކުލަވާލާފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ވާންވާނީ، ކުދި ޤައުމުތަކުގެ ޚާއްޞަ ސިފަތަކާއި، އެޤައުމުތަކަށް އެންމެ ބޭނުންތެރި ކަންކަން ދެނެގަނެވޭ ފަދަ ލަނޑުދަނޑިތަކަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެންމެންނަށް ދެމެހެއްޓެނިވި މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި، ހަރުދަނާ ބައިނަލްއަޤްވާމީ އޮނިގަނޑަކަށް އެލަނޑުދަނޑިތަކުން މަގުފަހިކޮށްދޭން ޖެހޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދުނިޔޭގައި ކާބަން ބޭރުކުރެވޭ މިންވަރު މިހާރުން މިހާރަށް މަދުކުރުމަށް އެއްބަސްވުމަށް ދިވެހިރާއްޖެއިން ގޮވާލާފައިވާ ގޮވާލުން ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި ތަކުރާރުކުރެއްވިއެވެ. އަދި، ގިނަ އަދަދަކަށް ކާބަން ބޭރުކުރާ ޤައުމުތަކުން ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށްޓަކައި، އިޢާދަކުރަނިވި ސާފު ހަކަތަ ބޭނުންކުރުމަށްވެސް އެޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.