މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރު، ދުނިޔޭގެ އެއްވެސް ތަނެއްގައި ބަލަންވެއްޖެނަމަ، އެތަނަކީ ރާއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން، "ކްލައިމެޓް ވަލްނަރަބިލިޓީ މޮނިޓަރ" ގެ ނަމުގައި ބޭއްވެވި ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކްލައިމެޓް ވަލްނަރަބިލިޓީ ފޯރަމްގެ މިހާރުގެ ޗެއަރޕަރސަނަކީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާއެވެ. މި ފޯރަމްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 2010 ވަނަ އަހަރު، ރާއްޖޭގެ ޗެއަރމަންކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ނާޒުކުކަން އެންމެ ބޮޑަށް ހާމަވާ ކަންކަމަކީ، ޤުދުރަތީ ކާރިޘާއެއްގެ ސަބަބުން ގެދޮރު ގެއްލިގެން ދިޔުމުގެ ނުރައްކާ އޮތުމާއި، އިޤްތިޞާދީގޮތުން ކުރިމަތިވެފައިވާ ކަންބޮޑުވުންތަކާއި، ޞިއްޙީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތައް ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރާއްޖެއެކޭ އެއްފަދައިން މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ޤައުމުތަކުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާއެކީގައި މިކަމާ ދެކޮޅަށް އަޅަންޖެހިފައިވާ ފިޔަވަޅުތައް އެޅުމަށް، ގުޅިގެން މަސައްކަތްކުރަންވެއްޖެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ބޮޑެތި ނުރައްކާތަކާބެހޭ މަޢުލޫމާތު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްކުރުމަށްޓަކައި ކްލައިމެޓް ވަލްނަރަބިލިޓީ މޮނިޓަރގެ ބޭނުންތެރިކަން ހާމަކުރެއްވިއެވެ.