ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީންގެ އަރިހަށް، ސާކް ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަޙްމަދު ސަލީމް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އިއްޔެ ބޭއްވުނު ސާކް ހޯމް މިނިސްޓަރުންގެ 5 ވަނަ ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަން ނާއިބު ރައީސާއި ސާކް ސެކްރެޓަރީ ޖެނެރަލް ފާހަގަކުރެއްވިއެވެ. އަދި، ރާއްޖެއަށް ކޮންމެހެން ބޭނުންވެފައިވާ ކަންކަމުގެ ތެރެއިން، ސާކް މެދުވެރިކޮށް ކުރެވިދާނެކަންކަމަކީ ކޮބައިތޯ ބަލައި، އެކަންކަން ކުރެވޭނެ ގޮތްތައް ހޯދުން މުހިންމު ކަންވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.