ކްލައިމެޓް އިންވެސްޓްމަންޓް ފަންޑުން ކުރިއަށް ގެންދާ ސްކޭލިންގ އަޕް އޮފް ރިނިއުބަލް އެނަރޖީ އިން ލޯ އިންކަމް ކަންޓްރީސް (އެސްރެޕް) އަށް ހުށަހެޅުމަށްޓަކައި، ދިވެހިރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ ކުރިއެރުވުމާގުޅޭ ރިނިއުބަލް އެނަރޖީ އިންވެސްޓްމަންޓް ޕްލޭނެއް އެކުލަވާލައްވައިފިއެވެ. މި ޕްލޭން މިހާރުވަނީ ވަޒީރުންގެ މަޖިލީހުންވެސް ފާސްކުރައްވާފައެވެ.

ވާރލްޑްބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ތަޖްރިބާކާރުންގެ އެހީއާއެކު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ތައްޔާރުކުރި މި ޕްލޭންގެ ޖުމްލަ އިންވެސްޓްމަންޓްގެ ޢަދަދަކީ، 139 މިލިއަން އެމެރިކާ ޑޮލަރެވެ. މި ޕްލޭން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހު އިސްތަންބޯލްގައި އޮންނަ އެސްރެޕް ސަބްކޮމިޓީގެ ބައްދަލުވުމަށެވެ.

މި ޕްލޭނަށް ޖުމްލަ އިންވެސްޓްމަންޓްގެ ތެރެއިން އެސްރެޕުން 30 މިލިއަން އެމެރިކާޑޮލަރު ރާއްޖެއަށްވަނީ ކަނޑައަޅާފައެވެ. އަދި ވާރލްޑް ބޭންކުންނާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުންނާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުންނާއި، އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުންވެސް ފައިސާ ކަނޑައަޅާފައިވެއެވެ.

މި ޕްލޭން ބައްޓަން ކުރެވިފައިވަނީ އިޢާދަކުރަނިވި ދާއިރާއިން ޕްރައިވެޓް ސެކްޓަރުގެ އިންވެސްޓްމަންޓްތަކަށް ވަރަށްބޮޑަށް މަގުފަހިވާ ގޮތަށެވެ. ރާއްޖޭގެ ފަރާތުން ހުށަހަޅާ ޕްލޭނުގައި، ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 10 ރަށަކަށް ބޭނުންވާ ކަރަންޓް މުޅިން އިޢާދަކުރަނިވި ހަކަތައިން އުފެއްދުމާއި، 15 ރަށެއްގެ ކަރަންޓްގެ ނިޒާމް މުޅިން އާކުރުމާއި، ޖުމްލަ 30 ރަށެއްގައި އެރަށްރަށަށް ބޭނުންވާ ކަރަންޓްގެ 30 އިންސައްތަ އިޢާދަކުރަނިވި ހަކަތައިން އުފެއްދުމާއި، ރާއްޖޭގެ 4 ސަރަޙައްދެއްގައި އުކާލެވޭ ކުނިބުނި ބޭނުންކޮށްގެން 6 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށްވަނީ ހިމެނިފައެވެ.