މި ޤައުމު ބިނާކުރުމުގައި އެންމެން އެކީ އަތުގުޅާލައިގެން ކުރިއަށް ދިއުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ސާކް ހޯމް މިނިސްޓަރުންގެ 5 ވަނަ ބައްދަލުވުން އިފްތިތާޙްކުރުމަށް މިއަދު ބަނޑޮސް އައިލެންޑް ރިޒޯޓްގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެން އެންމެން ނިސްބަތްވަނީ އެއް ޢާއިލާއަކަށް ކަމަށާއި، ސިޔާސީ ޕާޓީތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދުނަދީގެން ނުވާނެކަމުގައި ވިދާޅުވިއެވެ.

ސާކް ގެ ސަބަބުން ސާކް ޤައުމުތަކަށް އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަންނަމުންދާ ހެޔޮ ބަދަލުތަކުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވައިލައްވަމުން، އެއްޤައުމަކުން އަނެއް ޤައުމެއްގެ މިނިވަންކަމާއި، ޘަޤާފަތްތައް ބަލައިގަނެ، އެކަކު އަނެކަކަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، ސާކް ޤައުމުތަކުން ސާކްގެ އެހެން ޤައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަކަމަށާއި، މިކަމުގެ ސަބަބުން ސާކް ޤައުމުތަކުގެ މެދުގައި ވަރަށް ބޮޑު އިތުބާރެއް ޤާއިމްވެފައި އޮންނަކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ނައިބު ރައީސް ވިދާޅުވި ގޮތުގައި، ހުރިހާ ޤައުމެއްވެސް ކުރިއަރައި، އަޅުގަނޑުމެން މި އެދޭ ތަރައްޤީ ހޯދޭނީ، އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން، އިންސާނީ ތަރައްޤީއަށްޓަކައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެންނެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ، ކަނޑުފޭރުމާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ހިއުމަން ޓްރެފިކިންގއާއި، ޓެރަރިޒަމް ފަދަ މައްސަލަތަކާގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެވި، އެކަންކަމަށް ޙައްލު ހޯދޭނެ ކަމުގައި އުންމީދުކުރައްވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.