މިހާރު ރާއްޖެއިން ކުރިއަށްދާންވީ ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމުގެ މަގުގައި ކަމަށް އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި، ޑިމޮކްރަސީ ނެގެހެއްޓުމުގައި އ.ދ. އިން އަބަދުވެސް ރާއްޖެއަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ޚާއްޞަކޮށް 2013ގެ ރިޔާސީ އިންތިޚާބަށް ރާއްޖެއިން ވަމުންދާ ތައްޔާރީތަކަށާއި، އިންތިޚާބުގެ ތެރޭގައި އޮބްޒަރވަރެއްގެ ގޮތުގައި އ.ދ. ގެ އެހީތެރިކަން ލިބޭނެކަމުގައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ އެކިއެކި ނޭދެވޭ އަސަރުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކުގައި މެދުނުކެނޑި ކުރިއަށް ދިއުމަށްވެސް ބާންކީ މޫން އެދިވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އ.ދ. އިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކޯނީ އަލުން އެކުލަވާލުމުގައި ދެއްވި އެއްބާރުލެއްވުންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ކޯނީ ރިޕޯޓްގައި ފާހަގަކޮށްފައިވާ އެކިއެކި މައްސަލަތަކާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ރިޕޯޓާއި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.