ރާއްޖެއިން މިހާތަނަށް ކޮށްފައިވާ ތަޖުރިބާއަށް ބަލާއިރު، ބައިނަލްއަޤްވާމީ ބައެއް ޖަމާޢަތްތަކުން އެޖަމާޢަތްތަކުގެ މެންބަރު ޤައުމުތަކުގެ މައްޗަށް ކަނޑައަޅުއްވާ އުސޫލުތަކާއި ހަމަތަކަށް އެޖަމާޢަތްތަކުން ފުރިހަމައަށް ބޯނުލަނބާކަމަށާއި، ދުނިޔޭގެ އާދައިގެ ޤައުމުތަކަށް ލިބިދޭންޖެހޭ ފުރިހަމަ ރައްކާތެރިކަމާއި، ސަލާމަތްތެރިކަން އެޤައުމުތަކަށް ލިބެމުން ނުދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އ.ދ.ގެ 67 ވަނަ އާންމު ބައްދަލުވުމުގެ ބައެއްކަމުގައިވާ، ޤާނޫނީ ވެރިކަން ދެމެހެއްޓުމާ ބެހޭ މަތީ ފެންވަރުގެ ބައްދަލުވުމުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަކި ޤައުމުތަކެއްގެ މައްޗަށް ޤާނޫނުތައް ތަންފީޒު ކުރެވެމުންދާއިރު، ބައެއް ޤައުމުތައް، ޤާނުނީ ޙުދޫދުން ބަރީއަވެފައި ތިބޭނަމަ ދުނިޔޭގައި ޤާނޫނީ ވެރިކަން ފެއިލްވެގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި، ޤާނޫނީ ވެރިކަން ދެމެހެއްޓޭނީ، ކުދި ޤައުމުތަކެކޭ އެއްފަދައިން ބާރުގަދަ ޤައުމުތަކުގެ މައްޗަށްވެސް ހަމަހަމަ ގޮތެއްގައި ޤާނޫނުތަކާއި ޤަވާޢިދުތައް ތަންފީޒު ކުރެވިގެންކަން ފާހަގަކުރައްވަމުން، ބައިނަލްއަޤްވާމީ ބާރުގަދަ ފަރާތްތަކާ އެކު ވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖެއިން ކޮށްފައިވާ ތަޖުރިބާއަކީ އެންމެ އެދެވޭ ތަޖުރިބާއެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތުން، ބައެއް ކަންކަމުގައި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް ފިޔަވަޅު އަޅަން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ބައިނަލްއަޤްވާމީ ބާރުގަދަ ފަރާތްތަކުން ރާއްޖެއަށް އިރުޝާދުދެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ހިތާމައާއެކު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމާމެދު ރާއްޖެއިން ސުވާލު އުފެއްދުމުން އެއީ ރާއްޖެއިން އެފަރާތްތަކަށް އެއްބާރުލުން ނުދެނީކަމަށް ނިންމަވާ ކަމަށާއި، ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމާމެދުވެސް އެފަރާތްތަކުން ޝައްކު އުފައްދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ބައިނަލްއަޤްވާމީ ވޮޗް ލިސްޓަށް ދިވެހިރާއްޖޭގެ ނަން އެރުވުމަކީ ރާއްޖޭގެ އަގު ބޭރު ދުނިޔޭގައި ވަރަށް ބޮޑަށް ކިލަނބު ވެގެންދިޔަ ކަމެއް ކަމަށާއި، ރާއްޖޭގެ އިޤްތިޞާދަށް މިކަމުގެ ސަބަބުން ވަރަށް ނޭދެވޭ އަސަރުތަކެއް ކުރުވި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ޑިމޮކްރަސީގެ ތާރީޚުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، 2008 ވަނައަހަރު ރާއްޖޭގައި އާ ޤާނޫނު އަސާސީ ތަންފީޒު ކުރެވުމާ ގުޅިގެން، ޤާނޫނީ ގޮތުންނާއި، ވެރިކަން ހިންގުމުގެ ގޮތުން އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ގެންދަވަނީ މިހުރިހާ ގޮންޖެހުންތަކަކާ ވެސް ކުރިމަތިލައްވައިގެން، ޤާނޫނީ ވެރިކަން ކުރިއަށްނެރެ ޤައުމު ހިންގަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.