ސިއްކަގޭ މުޙަންމަދު ނަސީމް (ނ.ދ.ޝ.ޢ) ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެމަރްޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޢްޒިޔާ ވިދާޅުވެއްޖެއެވެ.

އަލްމަރްޙޫމް މުޙަންމަދު ނަސީމްގެ ހުވަފަތް އަނބިކަނބަލުން އަލްފާޟިލާ ޞަބީޙާ އަޙްމަދުދިދީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢްޒިޔާގެ ސިޓީފުޅުގައި، މިހިތާމައިގައި ބައިވެރިވެވަޑައިގެން، އަނބިކަނބަލުންނަށާއި ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާސްތެރިކަމާއެކު ތަޢްޒިޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، އަލްމަރްޙޫމް މުޙަންމަދު ނަސީމަކީ، ސަރުކާރަށް އެތަކެއް އަހަރު ވަންދެން ނުހަނު އިޚްލާޞްތެރި ކަމާއެކު ޚިދްމަތް ކުރައްވާފައިވާ ބޭފުޅެއްކަމާއި، ތަފާތު އެކި ރޮނގުރޮނގުން ޤައުމަށް ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި، އަލްމަރްޙޫމް މުޙަންމަދު ނަސީމް ފަދަ، ޤައުމަށް އިޚްލާސްތެރި، ޚިދްމަތްތެރި ބޭފުޅަކު އަވަހާރަވުމަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު އުނިކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އަލްމަރްޙޫމް ސިއްކަގޭ މުޙަންމަދު ނަސީމަކީ، ރާއްޖޭގެ ތަޢްލީމީ ދާއިރާއަށް ފާހަގަކުރެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މިގޮތުން، މަދްރަސަތުލް ޢާލިޔާ، 1965 ވަނަ އަހަރު ދިވެހި ވުޖޫދަށް އައުމުގައި، އަލްމަރްޙޫމް މުޙަންމަދު ނަސީމް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ޢާލިޔާގައި ކިޔަވައިދެއްވަން އުޅުއްވުމަށްފަހު، އައްޑުއަތޮޅަށް ވަޑައިގެން، ހިތަދޫގައި މަދްރަސަތުލް ޙުސައިނިއްޔާ އުފައްދަވައި، ސީދާ ނަސީމުގެ ނާޒިރު ކަމުގައި ނުވަސަތޭކަވަރަކަށް ދަރިވަރުންނަށް ތަޢްލީމް އުނގަންނައިދެއްވިއެވެ. އަދި ފަހުން، އައްޑޫ އިންގްލިޝް ސްކޫލްގެ ނަމުގައި ހިތަދޫގައި ސްކޫލެއް ރަޖިސްޓްރީ ކުރައްވައިގެން، ރާއްޖެއިން ބޭރުން ޕްރިންސިޕަލެއް ގެންނަވައިގެން، އެ ސްކޫލް ހިންގެވިއެވެ.

އަލްމަރްޙޫމް މުޙަންމަދު ނަސީމް، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އަތޮޅުވެރިޔާގެ ބަދަލު ކަމުގެ މަގާމުގައި ހޭދަކުރެއްވި 12 އަހަރު ދުވަހަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ރާއްޖޭގެ 6 އަތޮޅު ފިޔަވައި، އެހެން ހުރިހާ އަތޮޅެއް، ވަގުތީގޮތުން ވަނީ ހިންގަވާފައެވެ. އަދި، އަލްމަރްޙޫމް މުޙަންމަދު ނަސީމަކީ ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ މެންބަރުކަން ކުރައްވައި، އެކޮމިޓީއަށް ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އަލްމަރްޙޫމް މުޙަންމަދު ނަސީމް ދިވެހި ޤައުމަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ކޮށްދެއްވާފައިވާ އިޚްލާސްތެރި ޚިދްމަތްތަކުގެ އަގު ވަޒަންކުރައްވައި، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އަރުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.