ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އ.ދ.ގެ 67 ވަނަ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވާނެއެވެ. މި ދަތުރުފުޅުގައި، އ.ދ.ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ވަޑައިގަންނަވާ އެކި ޤައުމުތަކުގެ ވެރިންނާއި، އ.ދ.ގެ އެކި ޖަމާޢަތްތަކުގެ އިސް ބޭފުޅުންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، ރަސްމީ ފާލަމުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، އެބޭފުޅުން ދެންނެވި ބައެއް ސުވާލުތަކަށް، ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.