ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ޤަރާރަކުން، 2 ސެޕްޓެމްބަރ 2011 ގައި، ފަޅުރަށްރަށުގެ ގޮތުގައި ހަމަޖެއްސެވި ފުވައްމުލަކު ބިޅިފޭށި ސަރަޙައްދާއި، ފުވައްމުލަކު ތޫނޑު ސަރަޙައްދަކީ ފަޅު ރަށްރަށް ނޫންކަމަށް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު ލަފާއަރުއްވައިފިއެވެ. މި ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުއްވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައެވެ.

ކުރީގެ ސަރުކާރުން، ފުވައްމުލަކު ބިޅިފޭށި ސަރަޙައްދާއި، ފުވައްމުލަކު ތޫނޑު ސަރަޙައްދު، ދެ ފަޅު ރަށްކަމަށް ހަމަޖައްސަވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ރޫޙާ ޚިލާފަށް ކަމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ފުވައްމުލައް އެއްރަށެއްގެ ގޮތުގައި ބޭއްވުމަށް އެރަށުގެ ގިނަ ރައްޔިތުން އެދޭ ކަމުގައިވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފަތުރުވެރިކަން ތަރައްޤީކޮށް އިތުރަށް ފުޅާ ކުރުމަށްޓަކައި، ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި ތަރައްޤީކުރާނެ އިތުރު 14 ރަށެއް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، މިގޮތުން ތަރައްޤީ ކުރާނެ ރަށްތައް ދިރާސާކުރެއްވުމަށްފަހު މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން، އެރަށްތަކުގެ ލިސްޓު ހުށަހެޅުއްވިއެވެ.

ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން ހުށަހެޅުއްވި ރަށްތަކަކީ، މާޅޮސްމަޑުލު އުތުރުބުރީ ފަސްމަންދުއާއި، ފާދިއްޕޮޅު އޫކޮޅު ފިނޮޅާއި، ފެލިދެއަތޮޅު ބޮޑުމޮހަރާއާއި، މުލަކަތޮޅު ދިއްތުނޑިއާއި، ހައްދުންމަތީގެ ތިން ރަށް ކަމަށްވާ ހުޅިޔަންދޫއާއި، އޮޅުތޮޅާއި، އުވަދެވިފުށްޓާއި، ހުވަދުއަތޮޅު އުތުރުބުރީގެ ފަސް ރަށް ކަމަށްވާ ބިހުރެހާއާއި، ބޮޑުބޮނޑެއްޔާއާއި، ފަޅުވެއްރެހާއާއި، މާމުޓާއާއި، ޅޮއްސާއާއި، ހުވަދު އަތޮޅު ދެކުނުބުރީގެ ދެރަށް ކަމަށްވާ ކަންނިގިއްލާއާއި، ރަހަދުވާއެވެ.