ތިމާވެށްޓަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކމެދު މިއަދު އަޅާނުލައިފިނަމަ މާދަމައެއް ނުލިބޭނެ ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑް އިފްތިތާޙްކުރުމަށް ޓްރޭޑަރޒް ހޮޓެލްގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެންގެ މުސްތަޤްބަލްވަނީ ތިމާވެށްޓާ ގުޅިފައި ކަމަށާއި، އެހެންކަމުން ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމަކީ، ކޮންމެހެން ކުރަންޖެހޭކަމެއްކަން މިއަދުގެ ކުޑަކުދިންނަށް ރަނގަޅަށް ސާފުކޮށްދީފައި އޮންނަން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޔޫރަޕިއަން ޔޫނިއަނާއި، އޮސްޓްރޭލިއަން އޭޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓާއި، ވަރލްޑް ބޭންކާއި، ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކާއި ދިވެހި ސަރުކާރާ ގުޅިގެން މިއަދު މިފެށްޓެވި މަޝްރޫޢަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެދޭނެ، ދިގުމުއްދަތަކަށް ކުރިއަށްދާނެ މަޝްރޫޢެއްކަމަށް ޔަޤީން ކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ތިމާވެށި ބޭނުންކުރުމުގައި އޭގެ ސަބަބުން އިޤްތިޞާދީ ގޮތުން އެއްވެސް ހީނަރުކަމެއް ނާންނަފަދަ ގޮތަކަށް ކަންތައް ކުރުމަކީ، އަންނަން އޮތް ޖީލްތަކަށްޓަކައި މުސްތަޤްބަލް ބިނާކުރުމުގައި އަޅަން އޮތް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ފަރުތަކާއި ފަޅުތަކަކީ، ރާއްޖޭގެ އެންމެ ބޮޑު ރައުސްމާލު ކަމަށާއި، ޤައުމުގެ އިޤްތިޞާދު ދެމެހެއްޓުމަށްޓަކައިވެސް މިކަންކަމަށް ރައްކާތެރިވާންޖެހޭ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.