ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ބަރނާރޑް ސަވާޖް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާއި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، އީ.ޔޫ.ގެ ސަފީރަށް އެރުވިއެވެ. އަދި ސިޔާސީ ގޮތުން ގެންނަންހުރި އިޞްލާޙުތަކާއި، ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

މިސްޓަރ ބަރނާރޑް ސަވާޖް ދެއްކެވި ވާހަކަފުޅުގައި، ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.