بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ތިނަދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު. އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. އަދި ސްކޫލްތަކުގެ ދަރިވަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. އަޅުގަނޑަށް ވަރަށް އުފާވެރި ދުވަހެއް. ސަބަބަކީ މިރަށަށް އަޅުގަނޑު އަންނަހިތުން އުޅޭތާ މިހާރު ކިތަންމެ ދުވަހެއް. މިރަށަށް އަންނަން މާލަސްވެސްވެއްޖެ. އެހެން ނަމަވެސް، އަޅުގަނޑު މިރަށަށް އައުން ލަސްކޮށްލީ، އަޅުގަނޑުގެ ވަރަށް ގާތް، ވަރަށް އެކުވެރި ގިނަ ކުދި ބަޔަކު މިރަށުގައި، އަޅުގަނޑާ ދޭތެރޭގައި ހިތްނުބައިވެ، އަޅުގަނޑާ ދޭތެރޭގައި ޝަކުވާ ކުރަމުން ގެންދާތީ. އަޅުގަނޑު މަޑުކުރީ، އެ ޝަކުވާތައް ފިލުވައިލެވެންދެން. އެ ޝައްކުތަކާއި ވަހުމްތައް ފިލުވައިލެވެންދެން. ﷲ އިރާދަކުރެއްވީތީ، މިއަދު މިއޮތީ ޙަޤީޤަތް ވަރަށް ރަނގަޅަށް ސާބިތުވެފައި.
އާދެ! މިއަދަކީ މިރަށުގެ ރައްޔިތުންވެސް ވަރަށް އުފާކުރަންޖެހޭ ދުވަހެއް. އެންމެބޮޑު އެއްސަބަބަކީ، މިރަށަށް ނިސްބަތްވާ ވަރަށް މުހިންމު ބޭފުޅުންކޮޅެއް މިރަށަށް ވަޑައިގެންނެވީތީ. އަޅުގަނޑުގެ ވާހަކައެއް ނޫން އަޅުގަނޑު މިދައްކަނީކީ. އާދެ! އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިއަދު ތިނަދޫގެ ހުރިހާ ރައްޔިތުންވެސް ފަޚްރުވެރިވާންޖެހޭ، އަޅުގަނޑުމެން އެންމެން އިޙްތިރާމް ކުރަންޖެހޭ، އަދި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިރަށް އަދި މިހާތަނަށް ދެކެފައިނުވާވަރުގެ އަގުހުރި ދަރިއެއް މިރަށަށް މިއަދު ވަޑައިގެންނެވީ. އެބޭފުޅަކީ ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ. އަޅުގަނޑުމެން އެންމެންވެސް ޑޮކްޓަރ ޞަމަދު މި ކިޔަނީ. ޑޮކްޓަރ ޞަމަދަކީ ވަރަށްގިނަގުނަ ޚިދްމަތް، ދިވެހި ޤައުމަށް ކޮށްދެއްވާފައި ހުންނެވި ބޭފުޅެއް. ފުރަތަމަ، ޒުވާން ޑޮކްޓަރެއްގެ ޙައިޘިއްޔަތުން ރަޝިޔާގައި ތަޢުލީމް ޙާޞިލް ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން، ވަރަށްގިނަ ޢާއިލާތަކަށް އެހީވެވަޑައިގެންދެއްވި ބޭފުޅެއް. ރާއްޖޭގައި ލެޕްރަސީ ނައްތާލުމުގައި އެންމެބޮޑު އެއްރޯލް އަދާކުރެއްވި ބޭފުޅެއް. ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުން، މާލޭގައި ތިއްބެވި ޒުވާން ބޭފުޅުން އުފަންވެވަޑައިގަތީ މިބޭފުޅާގެ ބެއްލެވުމުގެ ދަށުން. ވަރަށްގިނަ ޢާއިލާތަކެއްގެ އަންހެން ބޭފުޅުން އަދި ޢަމްދުން، އެބޭފުޅުންގެ ޞިއްޙީ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދެވި ބޭފުޅެއް ޑޮކްޓަރ ޞަމަދަކީ. އެއަށްފަހުގައި، މި ސަރަޙައްދުގެ އެތަކެއް ޤައުމަކަށް، ދެކުނު އޭޝިޔާއަށް އަދި އިރު ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޞިއްޙީ ކަންކަން ދެމެހެއްޓެވުމަށްޓަކައި 16 ވަރަކަށް އަހަރުވަންދެން، 15 ވަރަކަށް އަހަރު ވަންދެން، މިބޭފުޅާ ދުނިޔޭގެ ޞިއްޙީ ޖަމާޢަތުގެ މުސްތަޝާރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި. އެބޭފުޅާ ޑަބްލިޔޫ.އެޗް.އޯ އިން ޕެންޝަން ހޯއްދެވުމަށްފަހުގައި، އެނބުރި ރާއްޖެ ވަޑައިގެން އަނެއްކާވެސް ރާއްޖެއަށް ޚިދްމަތް ކޮށްދެއްވަމުން މިގެންދަވަނީ، މިއަދު ދިވެހިރާއްޖޭގެ ކެބިނެޓްގެ ޚާރިޖީ ވަޒީރެއްގެ މަޤާމުގައި.

އެހެންވީމާ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިއަދު، ކުރިންވެސް ބޭފުޅަކު ވިދާޅުވިހެން، ޚާއްޞަކޮށް، ތިނަދޫގެ ޒުވާނުން، ތިނަދޫގެ ކިޔަވާ ކުދިން އެބަ ދަންނަންޖެހޭ، މިރަށަކީ މިއީ ވަރަށް ޚާއްޞަ ރަށެއްކަން. ވަރަށް މުހިންމު ބޭފުޅުން އުފައްދާފައި ހުރި ރަށެއްކަން. އޭގެ ނަމޫނާ، އަޅުގަނޑުމެންގެ ކުރިމަތީގައި މި އިންނެވި، ޑޮކްޓަރ ޞަމަދު މިއީ. އޭގެއިތުރުންވެސް ކިތަންމެ ބޭފުޅުންނެއް އެބަތިއްބެވި. އަޅުގަނޑުމެންގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އަނެއް ބޭފުޅަކީ، ފިނޭންސް މިނިސްޓަރ ޖިހާދު. އެމަނިކުފާނަކީވެސް މިރަށު ބޭފުޅެއް. އެމަނިކުފާނަކީ މިއަދު ދިވެހިރާއްޖޭގައި ތިއްބެވި މާލީ އެކްސްޕާރޓުންގެ މާހިރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެންމެ ފުންނާބު އުސް އެއްބޭފުޅެއް. އެކަމަށްޓަކައިވެސް އަޅުގަނޑުމެން ފަޚްރުވެރިވާންޖެހޭ.

ދެން އަދި ހަމައެހެން، އަޅުގަނޑުމެންގެ ޑިމޮކްރަސީ ހަރުދަނާކޮށް، ޑިމޮކްރަސީއަކީ ބާރު ސްޕީޑެއްގައި ކުރިއަށްދާ އެއްޗެއް ކަމުގައި ހެއްދެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން މި އިންނެވި އަޅުގަނޑުމެންގެ މެންބަރު ނިހާން އަޅުގަނޑު ފާހަގަކުރަން. އެހެންވީމާ، މިއަދަކީ އަޅުގަނޑުމެން ހަމަ މިއަދަކީ އަޅުގަނޑުމެން އެންމެންވެސް ވަރަށް އުފާކުރަންޖެހޭނެ ދުވަހެއް.

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު މި މަޤާމާ ޙަވާލުވިފަހުން މިރަށަށް އަންނަ ފުރަތަމަ ދުވަސް މިއީ. ކުރިން ދެންނެވިހެން އެއީ އަޅުގަނޑު އެއްގޮތަކަށްވެސް އަންނަހިތް ނުވާތީކީ ނޫން. އެހެން ނަމަވެސް، އަޅުގަނޑު މިރަށަށް އައުމުގެ ސަބަބުން އިތުރު ހަމަނުޖެހުމެއް އުފެދެން އަޅުގަނޑު ބޭނުންނުވާތީ، ދެން ތިބި އަޅުގަނޑާ ދޭތެރޭގައި ސުވާލު އުފެއްދެވި އަޅުގަނޑުގެ އަޚުންނާއި އުޚުތުންވެސް އެބޭފުޅުންނަށް މިކަން އޮތްގޮތް ރަނގަޅަށް ސާފުވެވަޑައިގަތީމާ އަންނަން މަޑުކޮށްގެން އަޅުގަނޑު މިހުރީ. އަޅުގަނޑު ޔަޤީން ކުރަން، މިހާރު އެބޭފުޅުންނަށްވެސް މިކަން އޮތްގޮތް ރަނގަޅަށް ސާފުވެވަޑައިގެންފާނެ ކަމަށް.

އާދެ! ދުނިޔޭގެ ހުރިހާ ޤައުމުތައް ދިވެހި ސަރުކާރު މިއަދު ޤަބޫލުކުރޭ. ދުނިޔޭގެ ދެތިން ޤައުމެއްގެ ތެރޭގައި ކުޑަކޮށް ރާއްޖެއާ ދޭތެރޭގައި ޝައްކު އުފެދިގެން އުޅުނު. އެހެންނަމަވެސް، އެކަންވެސް މިއަދު ވަނީ ސާފުވެފައި. އެ ދެތިން ޤައުމަކުންވެސް މިހާރު ރާއްޖެއަށް އަންގާފައިވަނީ، ތިމަންނަމެންގެ އެއްވެސް މައްސަލައެއް ނެތޭ. ތިމަންނަމެން ޤަބޫލުކުރާ ގޮތުގައި، މިހާރު ރާއްޖޭގައި އޮތީ ޤާނޫނީ ސަރުކާރެކޭ. ތިމަންނަމެން ޤަބޫލުކުރަމޭ. ތިމަންނަމެން މިތިބީ، ތިމަންނަމެންގެ ގުޅުންތައް ހަމަ ފުރިހަމައަށް ކުރިއަށް ގެންދާށޭ. މިހެން މިކަން އޮތްއިރުގައި އަދިވެސް އެކަމަކު، އަޅުގަނޑުމެންގެ ޤައުމުގެ ތެރޭގައި ތިބި ބައެއް ކައުންސިލްތައް އެބަ ސުވާލު އުފައްދާ. އެއީކީ ބުއްދި ޤަބޫލުކުރެވޭކަހަލަ ވާހަކައެއްވެސް ނޫން.

އާދެ! އަނެއް ވާހަކައަކީ، އަޅުގަނޑުމެންގެ ތެރެއިން ތަޢުލީމީ ގޮތުން ފުންނާބު އުސް ބޭފުޅުން އަޅުގަނޑަށް އަބަދުވެސް ވިދާޅުވާ އެއްޗެއް. އެވާހަކައަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އޮންނަނީ، ވެރިކަމުގެ ތިންބާރު ކަމަށް ކަނޑައެޅިފައި. މި ތިން ބާރަކީ އެއީ އެގްޒެކެޓިވް ބްރާންޗް، އެއީ ރިޔާސީ ގޮފި. ދެން އޮންނަނީ، ލެޖިސްލޭޗަރ، އެއީ ޤާނޫނުހަދާ މަޖިލިސް. ދެން މިއޮންނަނީ ޖުޑިޝަރީ. އެއީ، ޤާނޫނު ތަންފީޒުކުރާ ކޯޓުތައް. މި ތިން ބާރު މިއޮންނަނީ. އެ ނޫން ބާރެއް ދިވެހި ދައުލަތަކުއެއް ނޯވޭ، ދިވެހި ދައުލަތުގެ ޤާނޫނުއަސާސީގެ ދަށަކުންނެއް. ހުރިހާ ކައުންސިލްތަކަކީވެސް، ސިޓީ ކައުންސިލެއް ކަމުގައިވީ ނަމަވެސް، ރަށު ކައުންސިލެއް ކަމުގައިވީނަމަވެސް، އަތޮޅު ކައުންސިލެއް ކަމުގައިވީނަމަވެސް، އެހުރިހާ ކައުންސިލްތައް ހިމެނިގެން ދަނީ އެގްޒެކެޓިވް ބްރާންޗްގެ ދަށުގައި. އެއީ ރިޔާސީ ގޮފީގެ ދަށުގައި. އެހެންވީމާ، އެގްޒެކެޓިވް ބްރާންޗްގައި މިއަދު ޤާނޫނުއަސާސީ ބުނާގޮތުން، އެންމެ އިސްކޮށް އެ މަޤާމުގައި ހުރި މީހަކީ އަޅުގަނޑު. އެހެންވީމާ، އަޅުގަނޑު މިދަންނަވާ އެއްޗަކީ، ކޮންމެ ޕާޓީއަކުން އިންތިޚާބުވެގެން އަޔަސް، ކޮންމެ ފަލްސަފާއެއް ޤަބޫލުކުރި ކަމުގައިވިނަމަވެސް، ދިވެހި ދައުލަތް ހިންގުމަށްޓަކައި، ދިވެހި ސަރުކާރު ހިންގުމަށްޓަކައި އަޅުގަނޑުމެން އެންމެން އެބަޖެހޭ އެކީގައި މަސައްކަތްކުރަން. މިއަދު ދެންމެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އެ ވިދާޅުވިހެން، ދައުލަތުން ކޮށްދެވެންހުރި ކަންތައްތައް ކުރެވޭނީ، ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އެއްބާރުލުން ލިބިގެން. މިރަށަށް ކަނޑައެޅިފައި ހުރި ކިތަންމެ ބައިވަރު މަޝްރޫޢުތަކެއް އެބަހުރި. އެ މަޝްރޫޢުތައް ހިންގޭނީ، މިރަށުގެ ވެރިންގެ އެހީތެރިކަން ލިބިގެން. އެކަމަށް ހުރަސް ނޭޅީމާ. މިއަދު އެވިދާޅުވީ ލިސްޓް، ކުރަންހުރި ކަންތައްތައް. ވަރަށްގިނަ ކަންތައްތަކެއް، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މިރަށުގައި ކުރަން ރޭވިފައި އެބަހުރި. އިރާދަކުރެއްވިއްޔާ، އެކަންކަން ކުރެވޭނެ. އެކަން އެހެން ކުރުމަށްޓަކައި އަޅުގަނޑު ވަރަށް އާދޭހާ އެކުގައި، މިރަށުގެ ރަށު ކައުންސިލަށް އަޅުގަނޑު އެދެން، އިލްތިމާސް ކުރަން، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވާށޭ. މިއީކީ އަޅުގަނޑަކަށް ކޮށްދޭ ކަމެއް ނޫން. މި ސަރުކާރަކަށްވެސް ކޮށްދޭ ކަމެއް ނޫން. މިކަމަކީ މިއީ އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންނަށް ކޮށްދޭ ކަމެއް. އެހެންވީމާ، ސަރުކާރު ދެކެ އަންނަ ރުޅިއެއްގައި ނޫނީ އަޅުގަނޑު ދެކެ އަންނަ ރުޅިއެއްގައި، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމަށް ހުރަސްއަޅައި، އެކަމުގައި އެއްބާރުލުން ނުދިނުމަކީ އެއީ ހަމަޖެހޭ ކަމެއް ނޫން. ބުއްދި ޤަބޫލު ކުރެވޭކަހަލަ ކަމެއް ނޫން.

އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އެހެންވީމާ، އެކަމުގައި ތިޔަ ލޮބުވެތި ރައްޔިތުންވެސް ނަޞޭޙަތްތެރިވެވަޑައިގެން، ރަށުގެ ރަށު ކައުންސިލްގެ އެއްބާރުލުން މި ހުރިހާ ކަމެއްގައި ހޯއްދަވައިދެއްވުން. އޭރުން ﷲ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ބޭނުންފުޅުވާ ގިނަ ކަންތައްތަކެއް، މި ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަވެގެންދާނެ.

އާދެ! އަޅުގަނޑު ވަރަށް އުފާކުރަން މިއަދު ބޯފެނުގެ އިންތިޒާމް ހަމަޖެހިގެންދިޔަ ކަމަށްޓަކައި، ބައެއް ގެތަކަށް. މިއަދު އަދި މި އިފްތިތާޙް ކުރެވުނު ނިޒާމުން މުޅި ރަށަކަށް އޭގެ ފައިދާއެއް ނުކުރާނެ. މުޅި ރަށަކަށް ފެނެއް ނުލިބޭނެ. އެހެން ނަމަވެސް، ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، މިރަށުގެ ހުރިހާ ގެއަކަށް، ހުރިހާ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެގޮތް އަޅުގަނޑު އިރާދަކުރެއްވިއްޔާ، އިންތިޒާމް ކުރާނަން. އެކަން ކުރުމަށްޓަކައި މިހާރު މި ފެން އުފައްދާ ޕްލާންޓްގެ އިތުރުން، އިތުރު ޕްލާންޓް ގެނެސް ބަހައްޓައިގެން، އެކަން އިންތިޒާމް ކުރެވޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! ދެން އޮތީ ނަރުދަމާގެ ވާހަކަ. ވަރަށްގިނަ ދުވަސްވެއްޖެ މިވާހަކަ ދައްކާތާ. ނަރުދަމާ މިހާރު އޮތީ ހޮޅިއަޅަންވެފައި. އެކަމަށްޓަކައި ބިޑް މިހާރު ހުޅުވަން އޮތް ތާރީޚު ވަރަށް ގާތުގައި އޮތީ. އަޅުގަނޑުގެ މިނިސްޓަރ، މިނިސްޓަރ އޮފް ހައުސިންގއާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓާ ދެބޭފުޅުން އަޅުގަނޑަށް ދެއްވާ ޔަޤީންކަމަކީ، ﷲ އިރާދަކުރެއްވިއްޔާ، މިއަހަރު ނިމުމުގެ ކުރިން، މިރަށުގައި ފާޚާނާ ހޮޅި އެޅުމުގެ މަސައްކަތް ފެށިގެންދާނެއޭ.

އާދެ! ދެން ދެންމެ ޢާރިފާ ވިދާޅުވި ކުނި ނައްތާލުމުގެ މަޝްރޫޢުގެ ވާހަކަ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ކޮންމެވެސް ފަރާތެއްގެ އެހީއާ އެކީގައި، އަޅުގަނޑު މިރަށުގެ ކުނި ނައްތާލުމުގެ ނިޒާމް، މިހާރަށްވުރެ ރަނގަޅުކޮށް، އެކަން ބޭނުންކުރެވޭނެ ގޮތެއް އަޅުގަނޑު ހޯދާނަން. އަޅުގަނޑު މިހާރު އެންމެ ބޮޑަށް އިސްކަންދޭ ކަންތައްތަކަކީ، ނަރުދަމާ އެޅުމާއި، ބޯފެން ދިނުމާއި، މަގުތައް ހެދުމާއި، ބަނދަރުތައް ހެދުމާ، މިބާވަތުގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް. އެހެންވީމާ، މިކަމަށްޓަކައި އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ ބޭރުގެ އެހީވެސް ހޯދައިގެން. އެކަންކަން ވީހާވެސް ބާރު ސްޕީޑެއްގައި ގެންދެވޭތޯ. އެގޮތުން، މިހާރު ނަރުދަމާ އެޅުމަށް ހަމަޖެހިފައިވާ ރަށްރަށުގައި، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ ނަރުދަމާގެ މަސައްކަތްތައްވެސް ފެށޭނެ، އެހެން ރަށްރަށުގައިވެސް. އަދި ހަމައެހެން، މީހުންގިނަ، ގިނަ ޢަދަދެއްގެ އާބާދީ ދިރިއުޅެމުންދާ ހުރިހާ ރަށެއްގައިވެސް އަޅުގަނޑު ބޭނުންވޭ މަގުތައް ހަދަން. އެގޮތުން، އަވަސް ސްޕީޑެއްގައި، ﷲ އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ތެރޭގައި މިރަށުގައިވެސް މަގުތަކެއް ހެދިގެންދާނެ. މިދެންނެވީ މަގުތަކުގައި ގާއެޅުން ނުވަތަ ތާރުއެޅުން. އެކަން އިރާދަކުރެއްވިއްޔާ، ހަމަޖެހިގެންދާނެ. އަދި އެހެނިހެން ރަށްރަށުގައިވެސް، އެހެން ބޮޑެތި ރަށްރަށުގައިވެސް މިމަސައްކަތް ހަލުވި ސްޕީޑެއްގައި އެކީގައި މިއަންނަ އަހަރު ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އަޅުގަނޑު އުންމީދުކުރާ ގޮތުގައި، ވަރަށް އަވަހަށް ރާއްޖޭގައި އޮތް އެންމެ ދިގު މަގު މިއޮތީ ހައްދުންމަތީގައި. އެ މަގުގައި ތާރުއެޅުމުގެ މަސައްކަތް ފެށިގެންދާނެ.

އާދެ! މިހެންގޮސް މިހުރިހާ ކަންތައްތައްވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރާނަން. އަޅުގަނޑުމެންނަށް ކުރެވޭނެ. އެކަމުގެ ޤާބިލްކަން އަޅުގަނޑުމެންގެ އެބަހުރި. އެހެންވީމާ، ތިޔަބޭފުޅުން އެއްގޮތަކަށްވެސް ކަންބޮޑުވެވަޑައިގަންނަވާކަށް ނުޖެހޭނެ. ރައްޔިތުންނަށް ބޭނުންފުޅުވާ ހުރިހާ އަސާސީ ޚިދްމަތްތަކާއި، ހުރިހާ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ކުރިއަށްދާނީ. މިވޭތުވެދިޔަ 7 މަސްދުވަހުގެ ތެރޭގައި، އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެން މިއުޅުނީކީ ފަސޭހައެއްކޮށްނޫން. އެހެން ނަމަވެސް، ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދްމަތްތައް ހަމަ ބަރާބަރަށް ލިބެމުން ގޮސްފައި ހުރީ. ރައްޔިތުންނަށް ލިބިދޭންޖެހޭ އެކިއެކި ޚިދްމަތްތައް ލިބެމުން ގޮސްފައި ހުރީ. ދުވަސްވީ މީހުންނަށް ލިބެންޖެހޭ ޢިނާޔަތްތަކާއި، އެހެނިހެންވެސް އާބާދީގެ ގިންތިތަކަށް ލިބެންޖެހޭ އެކިއެކި ޢިނާޔަތްތައް ދަނީ ލިބެމުން. ނަމަވެސް، ޤައުމުގެ ސިޔާސީ ޙާލަތާއި، އިޤްތިޞާދީ ޙާލަތު އޮތީކީ އެއްގޮތަކަށްވެސް އާދައިގެ ހަމަޖެހިފައި އޮންނަ ޙާލަތެއްގައެއް ނޫން. ވަރަށް ދަތި ޙާލަތެއްގައި ކަންކަން ހުރީ. އެހެން ނަމަވެސް، އެކަންކަން އަޅުގަނޑުމެން ކުރަމުން މިގެންދަނީ. ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައިވެސް އަދި މިވޭތުވެދިޔަ ތަނަށްވުރެ މާ ފުރިހަމަކޮށް، މާ ރަނގަޅަށް އެކަންކަން ކުރެވިދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް ލިބިފައި އެބައޮތް.

އަޅުގަނޑު އެދެނީ، ތިނަދުއަށް ހުރިހާވެސް ހެޔޮގޮތެއް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިރަށަށް އަޅުގަނޑު ހެޔޮނޭދި، ވަކި ހެޔޮއެދޭނެ އެހެން ރަށެއް ނޯންނާނެ. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، މިރަށަށް ބޭނުންވާ ކަންތައްތައް ވަރަށް އަވަސް ސްޕީޑެއްގައި، އަޅުގަނޑުގެ ޒަޢާމަތުގެ ދަށުގައި އެކަންކަން ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން. އޭގެ ދަލީލެއްގެ ގޮތުން، ކުރިއަށް އޮތް އަހަރު ދުވަސް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ، މިރަށުގައި ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތައް ހިނގާނެ. ތިޔަބޭފުޅުންނަށް އޭގެ ނަތީޖާ ފެނިވަޑައިގަންނަވާނެ. އަޅުގަނޑުމެން ހުސް ވާހަކައަކުން ނިންމައެއްނުލާނަން.

އާދެ! އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެން މިރަށަށް އައުމުން، އަޅުގަނޑުމެންނަށް ވަރަށްހޫނު މަރްޙަބާއެއް ތިޔަބޭފުޅުން ވިދާޅުވި. އެކަމަށްޓަކައި އަޅުގަނޑާއި، އަޅުގަނޑާއެކީގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ފަރާތުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑަށް އެނގިއްޖެ، އަޅުގަނޑަށް މި އާދެވުނީ އަޅުގަނޑުގެ ރަށަށްކަން. އާދެ! އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، މިރަށުގެ ޙާލަތު، ދުވަހަކަށްވުރެ ދުވަހެއް ރަނގަޅަށްދާނީ. ކަންކަން ހަމަޖެހިގެންދާނީ. އަޅުގަނޑުމެންނަށް ދަތި ދުވަސްކޮޅެއް ފެނުނު ކަމުގައިވީ ނަމަވެސް، މުސްތަޤްބަލް އޮތީ ވަރަށްވެސް އުޖާލާކޮށް. ވަރަށްވެސް ރަނގަޅަށް. ވޭތުވެދިޔަ ތަން ވޭތުވެދިޔައީ. ދެން އޮތީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ރަށާއިގެން، އަޅުގަނޑުމެންގެ ޤައުމާއިގެން ކުރިއަށް ދިޔުން. اللّـه سبحـانـه وتعـالى ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް ރަޙްމަތް ލައްވާށި! މިރަށަކީ އުފެއްދުންތެރި، ތަރައްޤީވަމުންދާ، ބާރު ސްޕީޑެއްގައި ރައްޔިތުންނަށް ހުރިހާ ޚިދްމަތްތަކެއް ލިބި، ރައްޔިތުން، ހިތްފަސޭހަކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއެކީގައި ދިރިއުޅޭ ރަށެއް ކަމުގައި މާތްﷲ ލައްވާށި! والحمد للّـه

والســّلام عليــكم ورحـمــة اللّـه وبـركاتـه