بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ކޮލަމާފުށީގެ ލޮބުވެތި ރައްޔިތުން، އަދި މިޖަލްސާއަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު ކޮލަމާފުށިން އަޅުގަނޑުމެންނަށް މިފެނުނު މަންޒަރަކީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން އެންމެން ހައިރާންކޮށްލި މަންޒަރެކޭ. ހަމައެކަނި ދިވެހި ދިދައިގެ ދަށުގައި ހުރިހާ ރައްޔިތުން ނުކުމެވަޑައިގެން އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު ތަރުޙީބަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އަދި މިފަދަ ފުރިހަމަކޮށް ކަންކަން އިންތިޒާމު ކުރެއްވީތީ އެކަމުގައި އިސްކޮށް އުޅުއްވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިއަދު މިރަށުން މިފެންނަ މަންޒަރަކީ މިއީ، އަޅުގަނޑު ރާއްޖޭގެ ހުރިހާ ރަށަކުންވެސް ދެކޭ ހިތްވާ މަންޒަރު. އެއީ، އަޅުގަނޑުމެން އެންމެންނަކީ އެއްބަނޑުއެއްބަފާ އެއްބައިވަންތަކަމާއެކީގައި މަސައްކަތްކުރާ ބައެއްގެ ގޮތުގައި ފެންނަ މަންޒަރު. އެކަން މިއަދު އަޅުގަނޑުމެންނަށް މިރަށުން ވަރަށް ރީތިކޮށް ފެނިގެން ހިނގައްޖެ. އަޅުގަނޑުމެންނަށް އުނދަގޫ ދުވަސްތަކަކަށްފަހު މިހާހިސާބަށް މިއާދެވުނީ. ދިވެހިރާއްޖެއަށް އާސިޔާސީ ނިޒާމެއް ތަޢާރަފްވެ، ޕާޓީ ސިސްޓަމް ގެނައުމާ ގުޅިގެން އަޅުގަނޑުމެން އެންމެން އުންމީދުކޮށްގެން މިތިބީ ރާއްޖެއަށް އިތުރު ތަނަވަސްކަމާއި ތަރައްޤީ ލިބިގެންދާނެ ކަމަށް. އެހެންނަމަވެސް ކަން ދިމާވިގޮތުން މިވޭތުވެދިޔަ ކުޑަ ދުވަސްކޮޅުގެ ކުރު މުއްދަތުގެ ތަޖުރިބާ އަޅުގަނޑުމެންނަށް މިކުރެވުނީކީއެއް އަދި އަޅުގަނޑުމެން އެންމެ އެދޭ ގޮތަކަށް ނޫން.

އާދެ! ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރު ސިޔާސީ ޕާޓީގެ ނިޒާމު ހިނގަމުންދަނީ. ސިޔާސީ ޕާޓީގެ މަސައްކަތް ކުރަމުންދަނީ ވަރަށް އެކުވެރިކަމާއެކީގައި. އިންތިޚާބަކަށްފަހުގައި އެ އިންތިޚާބު ކުރެވޭ ސަރުކާރުން ދެން ވެރިކަމަށް އައުމަށްފަހުގައި ވެރިކަން ކުރުމުގެ ފުރުސަތުދީ އަބަދުވެސް އޮންނަ ސަރުކާރަކަށް ހުރިހާ ޕާޓީތަކެއްގެ އެހީތެރިކަންދީ، އެކީގައި މަސައްކަތް ކުރާ ގޮތަށް. ޕާޓީތަކުގެ މެދުގައި އޮންނަ ވާދަވެރިކަން ފެނިގެންދަނީ އިންތިޚާބާ ހަމައަށްއައިމާ. އިންތިޚާބުގެ ކެމްޕެއިން ފެށުމާ ހިސާބުން ޕާޓީތަކުގެ ވާދަވެރިކަން ޢާންމު ގޮތެއްގައި ފެނިގެން މިދަނީ. ނަމަވެސް ރާއްޖޭގައި އެކަން މިއޮންނަނީ އެހެންނެއް ނޫން. ރާއްޖޭގައި ރެޔާއި ދުވާލު މިއޮންނަނީ ވާދަކުރުން. އެއްބަޔަކު އަނެއް ބަޔަކަށް އުނދަގޫކުރުން، ޖެއްސުންކުރުން، ދަތިކުރުން. އެގޮތަށް އަޅުގަނޑުމެންނަކަށް ރާއްޖޭގެ ކަންކަން ރަނގަޅުކޮށް، އިޞްލާޙްކޮށް ކަންކަން ކުރިއަކަށް ނުގެންދެވޭނެ. އަޅުގަނޑުމެން އެބަޖެހޭ މިއަދު އަޅުގަނޑުމެން ސިޔާސީ ޕާޓީތައް ހިންގާ ގޮތާ ބެހޭގޮތުން ވިސްނާލަން. އަޅުގަނޑުމެން އެބަޖެހޭ ސިޔާސީ ޕާޓީތަކުގެ މަހާސިންތާއެއް ބާއްވަން. ޕާޓީޓަކުގެ ބޭފުޅުން އެއްތަނަކަށް ވަޑައިގެން އެބަ ވިސްނާވަޑައިގަންނަވަންޖެހޭ ކިހިނެއްތޯ ޕާޓީ ނިޒާމު ރާއްޖޭގައި ފުރިހަމައަށް ހިންގާނީ. އަޅުގަނޑުމެންނަށް އެކަން ނުކުރެވި ގިނަދުވަސްވެގެން ދިޔައިމާ މިވާގޮތަކީ އޭގެ ބުރަ އުފުލަން މިޖެހެނީ އަޅުގަނޑުމެންގެ ނިކަމެތި ރައްޔިތުންނަށް.

ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން ރާވާފައިވާ ކިތަންމެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް މިއަދު ދަތިވެގެން މިއުޅެނީ މިދެންނެވި ސަބަބާހުރެ. ސަރުކާރާ އިދިކޮޅަށް އެއްބަޔަކު މިމަސައްކަތް ކުރަނީ. ކުރާއިރުގައި ރައްޔިތުންނަށް ލާބައަށްޓަކައި މަންފާއަށްޓަކައި ރޭވިފައިހުރި މަޝްރޫޢުތައްވެސް ކުރިއަށް ގެންދިޔުމަށް ހުރަސް އަޅަމުން ގެންދަނީ. އެއީކީއެއް އެކަން ވެގެންވާނެ ގޮތެއް ނޫން. މިހާތަނަށް އަޅުގަނޑުމެންނަށް މިފެނިގެންދަނީ އަޅުގަނޑުމެން ރަށްފުށުގެ ފެންވަރުގައިވެސް ވާދަކުރުމުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް އުނދަގޫކޮށް ހެދުމަށްފަހު. ކިރިޔާވެސް ޞުލްޙައެއް މިއަންނަނީ އެއްބަޔަކު ރަށުން ފައިބައިގެން ދިޔައީމާ. އެ ވަރިހަމަ ފުލުހުން ކަމުގައިވިޔަސް. އެ ވަރިހަމަ ޕާޓީގެ ވެރިން ކަމުގައިވިޔަސް. އެހެންނެއްނޫން އެކަން އޮންނަންވާނީކީއެއް. މިރަށުން ވަނީ ފުލުހުން ބާލާފައި. އެއީ ވަރަށް ދެރަ ކަމެއް. އެއްވެސް ރަށަކުން ފުލުހުން ބާލާކަށް ނުވާނެ. ފުލުހުންނަކީ ދައުލަތުގެ މުއައްސަސާއެއް. އަޅުގަނޑުމެންގެ މުޖުތަމަޢުގެ އަމަންއަމާންކަން ޔަޤީންކޮށް ދިނުމަށްޓަކައި، އަޅުގަނޑުމެންގެ ރައްކާތެރިކަމަށްޓަކައި އަޅުގަނޑުމެން ޚަރަދުކޮށްގެން އުފައްދާފައިވާ މުއައްސަސާއެއް. ޤާނޫނެއްގެ ދަށުން އުފައްދާފައިވާ ވަރަށް މުހިންމު މުއައްސަސާއެއް. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން ދުވަހަކުވެސް ދެން ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި ފުލުހުންނާ ދޭތެރޭގައި އެގޮތަށް އެނިކަމެތިކޮށް އެއްވެސް ރައްޔިތަކު ކަންތައް ނުކުރައްވާނެ ކަމަށް. މިރަށުގައިވެސް އެބަހުރި ފުލުސް އޮފީހެއް. ފަޅުކޮށް ހުރި ތަނެއް. އެއީ ވަރަށް ދެރަ ކަމެއް. އަޅުގަނޑު އުންމީދު ކުރަން، ﷲ އިރާދަކުރެއްވިއްޔާ މިމަސް ނިމުމުގެ ކުރިން އަލުން މިފުލުސް އޮފީސް ހުޅުވޭނެ ކަމަށް.

އާދެ! އަޅުގަނޑުމެން ކުރިން ދެންނެވިހެން އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަން އެބަ ބާއްވަންޖެހޭ. އެއްގޮތަކަށްވެސް އަޅުގަނޑުމެން ނުޖެހޭ އެއްބަޔަކު އަނެއްބަޔަކާ ދޭތެރޭގައި ފިތުނަވެރިވެގެން އެކަކު އަނެކަކަށް ދިމާކުރުމުގެ އުޞޫލުތައް ގެންގުޅޭކަށް. އެއީކީ ކުރަންޖެހޭ ކަމެއް ނޫން. ނަމަވެސް މިއަދު މިއޮތީ ވަރަށް ދެރަ ހާލަތެއްގައި. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހުރިހާ ޢާއިލާތަކެއްގައިވެސް އެއްބަޔަކު އަނެއް ބަޔަކަށް ޖެހި ފިތި ބާރުވެ، އެއްބަޔަކު އަނެއް ބަޔަކށް އިހާނެތިކޮށް ކަންތައް ކުރާ ގޮތަށް ކަންކަން ރޭވިފައި މިއޮތީ. މިހެން ވާން ޖެހުމުގެ ސަބަބު އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ. އެއީކީ ކުއްލިއަކަށް ވީ ކަމެއް ނޫން. އަޅުގަނޑުމެންގެ ބައެއް ސިޔާސީ ޕާޓީތައް ހިންގަވަން ތިއްބެވި ބޭފުޅުންނަކީ ކޮންމެވެސް ވަރަކަށް ސަރުކާރުގެ ފަރާތުން ނޫނީވިއްޔާ ކޮންމެވެސް އެހެން ބައެއްގެ ފަރާތުން އަނިޔާތަކެއް ލިބިފައިތިބި ބައެއް ކަމަށް ޤަބޫލުކުރެވިފައިވާތީ. އެހެން ހުރި ކަންކަން ރަނގަޅު ނުކުރެވި، އޭގެ އަސަރު، ޒާތީ ފެންވަރެއްގައި ލިބިފައި ހުރި އަނިޔާތަކެއްގެ އަސަރު މިއަދު މިއުޅެނީ ޕަބްލިކް ޑޮމެއިނަށް އައިސްގެން. ޤައުމުގެ އިޖްތިމާޢީ އެކިއެކި ކަންކަމުގެ ތެރެއަށް މިއުޅެނީ ޒާތީ ކަންތައްތަކެއް ވަދެގެން. އެއްބަޔަކު އަނެއްބަޔަކާ ދޭތެރޭގައި ހުރި ޒާތީ ފިތުނަ ފަސާދައާއި ދެކޮޅުވެރިކަމެއް، ދުޝްމަނުންގެ ތެރޭގައި ހުންނަފަދަ ނުރައްކާތެރި ދެކޮޅުވެރިކަމެއް މިވަނީ މުޅި މުޖުތަމަޢުގެ ތެރެއަށް ފޭދިގެން. އެހެން އެކަން ވިޔަނުދެމާ ހިންގަވާށޭ އަޅުގަނޑުގެ ވާހަކައަކީ. އެކަން އެބަޖެހޭ ހުއްޓާލަން. އެކަން އެގޮތަށް އޮތުމުގެ ސަބަބުން މިއަދު ރައްޔިތުންނަށް ވަރަށްބޮޑު ގެއްލުމެއް ލިބިގެން މިދަނީ.

އަޅުގަނޑުމެން ރާއްޖެ، ކުރިއަށް ގެންދަންވީ ބާރު ސްޕީޑުގައި އަޅުގަނޑުމެންނަށް ގެންދެވޭނީ، މިދެންނެވި ކަންކަން އެއްކިބާކޮށް، އަޅުގަނޑުމެން ޤައުމަށްޓަކައި ޤައުމު އިސްކޮށް ހަމައެކަނި ދިވެހި ޤައުމުގެ މަޞްލަޙަތު އެއީ، އަޅުގަނޑުމެންގެ އެންމެ މުހިންމު މަޞްލަޙަތު ކަމުގައި ބަލައިގެން، ޤައުމައިގެން ކުރިއަށްދާން އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރުން. އެނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން ދާން ބޭނުންވާ ސްޕީޑްގައި ކުރިއަކަށް ނުދެވޭނެ. އަޅުގަނޑުމެންގެ ކޮންމެ ރަށަކަށް ބަލާލިޔަސް ވަރަށް މަދު ރަށެއް ނޫނިއްޔާ އަސާސީ ޚިދްމަތްތައް އަދިވެސް މިއޮތީ ނުލިބި. އަޅުގަނޑުމެން ދާ ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެންގެ ކައިރީގައި ރައްޔިތުން މިބުނަނީ ކީކޭތޯ! ތިމަންނަމެންނަށް ފާޚާނާ ކުރެވޭނެ ގޮތެއް ނެތޭ. ތިމަންނަމެންނަށް ބޯފެނެއް ނެތޭ. ތިމަންނަމެންގެ މަގުތައް ހުރީ ހަލާކުވެފައޭ. ލަފާފުރޭކަށް ނެތޭ. މިއީ ދައްކާ ވާހަކައަކީ. އެހެންވީމާ، މިހާރު އަޅުގަނޑުމެންގެ ޖެހިއްޖެ، މިކަމާ ދޭތެރޭގައި ކުރިއަށްވުރެ ސީރިއަސްކޮށް ވިސްނައި، އަޅުގަނޑުމެން އެންމެން އެކީގައި އެކަންކަން ޙައްލުކުރަން މަސައްކަތް ކުރަން. އެގޮތަށް އެކަން ނުކޮށްފިއްޔާ އަޅުގަނޑުމެންގެ ޑިމޮކްރަސީއަކީ އަޅުގަނޑުމެންނަށް ލިބުނު ނިޢުމަތަކަށް ނުވާނެ. ޑިމޮކްރަސީގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމު ފަނާވެގެން ދިޔުން ނޫން ހަމަ އެއްކަމެއްވެސް ނުވާނެ. އެހެންވީމާ، މިއަދު އަޅުގަނޑުމެން އެބަޖެހޭ، ޑިމޮކްރަސީއާ ދޭތެރޭގައި ވިސްނަން. ސިޔާސީ ޕާޓީތަކާ ދޭތެރޭގައި ވިސްނަން. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ސިޔާސަތު ބައްޓަންކޮށް، ޤައުމު ކުރިއަށްގެންދާނެ ގޮތާ ދޭތެރޭގައި ވަރަށް ފުން ނަޒަރަކުން ވިސްނައި، އެންމެން އެކަތިގަނޑަކަށް ވެގެން އެއްބާރުލައިގެން މަސައްކަތް ކުރަން.

އާދެ! މި ވޭތުވެދިޔަ 6 މަސް ދުވަހު އަޅުގަނޑުމެން މިއުޅެން ޖެހުނީ ވަރަށް ބިކަ ހާލުގައި. މިޤައުމު އުޅެން ޖެހުނީ ވަރަށް ބިކަ ހާލުގައި. އެއީ، ކީއްވެގެންތޯ؟ އެއީ ބައެއްގެ އަޅުގަނޑު ދަންނަވާނީ ހެޔޮ ވިސްނުން ކުޑަވުމާއި، އަމިއްލަ އެދުން ބޮޑުވުމާއި، ޒިންމާދާރުކަން ކުޑަވުން. ޤައުމުގެ މަޞްލަޙަތަށްވުރެ އަމިއްލަ މަޞްލަޙަތު އިސްކުރަން މަސައްކަތް ކުރުން. އެހެންވެގެން، އެހާ ބިކަހާލުގައި އަޅުގަނޑުމެން އުޅެން މިޖެހުނީ. އަޅުގަނޑުމެންގެ މުޖުތަމަޢު ބައިބައިވެ، އަޅުގަނޑުމެންގެ ޢާއިލާތަކުގައި ރެނދުއަޅައި، އެއްއަޚް އަނެއް އަޚާ ދޭތެރޭގައި ހިތްގޯސްވެ، މިދަރަޖައަށް މިކަން މިދާންޖެހުނީ މިދެންނެވި ސަބަބާހުރެ. އެހެންނަމަވެސް، ވިސްނާވަޑައިގަންނަވާ. އަޅުގަނޑުމެން އަބަދުވެސް ވިސްނަންވާނީ، އަޅުގަނޑުމެންނަށް ދިމާވާ ކުދިކުދި ޒާތީ ކަންތައްތަކަށްވުރެ ބޮޑަށް އެ ހުރިހާ ކަމެއް އެކުވެގެން މުޅި ޤައުމަށް ވެގެންދާ ގޮތާ ދޭތެރޭގައި. އޭގެ ބޮޑު މަންޒަރަކީ، ޙަޤީޤަތުގައި ޞުލްޙަވެރި މަންޒަރަކަށް ހެދޭތޯ ބެލުން. ތަރައްޤީއާއި ތަހުޒީބުގެ މަންޒަރަކަށް ހެދޭތޯ ބެލުމަށް. އެ ވިސްނުމުގައި ތިބެގެން އަޅުގަނޑުމެން އެންމެން މަސައްކަތް ކުރިއްޔާ ނޫނިއްޔާ އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް، އެދޭ ސްޕީޑެއްގައި އަޅުގަނޑުމެންނަކަށް ނުލިބޭނެ.

އާދެ! މިވޭތުވެދިޔަ 7 މަސް ދުވަހު އަޅުގަނޑުމެން މިއުޅެން ޖެހުނީ އަޅުގަނޑުމެންގެ ސަރުކާރުގެ އިސްވެރިންގެ ބޮލުގައި އަޅުވާފައި އޮތް ޒިންމާއެއް އޮތުމާއެކުގައި އެކަމުގެ ދަތީގައި. އަދި އަޅުގަނޑުމެންގެ މި ބޮޑު ދިވެހި ޢާއިލާގެ ބައެއް މެންބަރުން، އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ޝައްކުކޮށް، ޚިޔާލު ގޯސްވެ، ޚިޔާލު ތަޣައްޔަރުވެ، އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ފާޑުފާޑުގެ ނަމުންގޮވާ ހެދި ދުވަސްވަރެއް. އެކަން އަޅުގަނޑު ޤަބޫލުކުރަން، މިހާރު މިއޮތީ ވަރަށް ރަނގަޅަށް ސާފުވެފައި ކަން. އެހެންވީމާ ހުރިހާ ބޭފުޅުންވެސް، ވަކިޕާޓީއަކަށް ނުބަލައި، މިހާރު އެކަން އެއޮތީ އެގޮތަށް ނިމިފައިކަމަށް ބައްލަވައިގެން، ހިންގަވާށޭ ޤައުމައިގެން ކުރިއަށްދެވޭތޯ ބަލަމާ. ކުރިއަށް އޮތް އިންތިޚާބު މިއަންނަ އަހަރު އޮންނާނެ. އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިޚާބު. އެއީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމުގެ ތެރޭގައި އިންތިޚާބުތައް ހަމަޖެހިފައިވާ ތާވަލުގެ މަތިން އޮންނާނެ އިންތިޚާބެއް. އެހާތަނަށް އެބައޮތް އަހަރެއްހާ ދުވަސް. އެހެންވީމާ، ކުރިއަށް މިއޮތް އަހަރުގެ ތެރޭގައިވެސް އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިންގަވާށޭ އެކީގައި ޤައުމަށް ކުރިއެރުމެއް ލިބޭތޯ.

އަޅުގަނޑު ދެންނެވިން ކުރީގެ އެޑްމިނިސްޓްރޭޝަނުން، ކުރީގެ ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢޫތަކުގެ ތެރެއިންވެސް ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް އަޅުގަނޑު ހުއްޓައެއް ނުލާނަމޭ. އަޅުގަނޑު ހުއްޓައެއް ނުލަން. އެމަސައްކަތްތަކައިގެން އަޅުގަނޑުމެން ހަމަމިކުރިއަށްދަނީ. އަޅުގަނޑުމެން ނިދާފަތިބީކީ ނޫން މިހަތް މަސް ދުވަހު. އަޅުގަނޑުމެން ކަމެއް ނުކޮށް ތިބީކީއެއް ނޫން. އަޅުގަނޑުމެން ކަމެއް ނުކުރެވިފައި ތިބީކީއެއްވެސް ނޫން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އޭގެ ނަތީޖާގެ ގޮތުން، ކުރިން ފަށާފައި ހުރި މަޝްރޫޢުތައް ނިމެމުން އެބަދޭ. އެކަމަށްޓަކައި އަޅުގަނޑުމެންގެ ރައްޔިތުން އުފާކުރަމުން ދާނެ. އަދި އާމަޝްރޫޢުތައް ފެށޭތޯވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސަތުގެ ދަށުން ﷲ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ތިޔަ ބޭނުންފުޅުވާ ނަރުދަމާވެސް އިރާދަކުރެއްވިއްޔާ މިރަށުގައި އެޅޭނެ. އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އެމަސައްކަތް މިރަށުގައި ފެށޭވަރުވުން.

އާދެ! ސިޔާސީ މަސްރަޙު މިހާރުވަނީ ކޮންމެވެސް ވަރަކަށް އޮމާންވެފައި. އެކަމަށްޓަކައި އަޅުގަނޑު، ﷲ ސުބްޙާނަޙޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަން. މިހާރު ދެންވީ އަޅުގަނޑުމެންގެ ހިތުގައި ހުރި އުދާސްތައް ފިލުވާލައި، އެކީގައި މަސައްކަތް ކުރަން. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި މިއަދު މިރަށުން ބައެއް ބޭފުޅުން ފައިބާ ވަޑައިގަންނަވައިފި. އެއީކީ އެކަން ވާންޖެހޭނެ ގޮތެއް ނޫން. އެއީކީ އަޅުގަނޑުމެން އެކަން ބޭނުންވާގޮތެއްވެސް ނޫން. ދާދި ދެންމެއަކު އަޅުގަނޑު ދިޔަ ރަށަކުން ޒުވާން ބޭފުޅަކު ވަޑައިގެން އަޅުގަނޑު ކައިރީ ވިދާޅުވި، ތިމަންނާ މިއީ މިރަށުގައި ހުރި އެމް.ޑީ.ޕީ.ގެ އެންމެބޮޑު އެކްޓިވިސްޓޭ. ތިމަންނަ ބޭނުންވަނީ ރައީސާއެކީގައި މަސައްކަތް ކުރާށޭ. އެއީ އަޅުގަނޑު ދެކޭ ހިތްވާ ގޮތަކީ. އަޅުގަނޑުމެން މިތިބީ އެމް.ޑީ.ޕީ.ގެ ބޭފުޅުންނާ އެކީގައިވެސް މަސައްކަތް ކުރަން ތައްޔާރަށް. ވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަމާ ހިނގާށޭ. ކޮންމެހެން އަދި އެމް.ޑީ.ޕީ.ގެ ބޭފުޅުން ސަރުކާރަށް ވެދެވަޑައިގެން ނުގަތަސް އަޅުގަނޑުމެންނަށް އެކީގައި މަސައްކަތް ކުރެވިދާނެއޭ. މަސައްކަތް ކޮށްގެން އިންތިޚާބަށް. އިންތިޚާބުގެ ތާރީޚް އިޢްލާނު ކުރައްވާނީ އިލެކްޝަން ކޮމިޝަނުން. އެއީ، އަޅުގަނޑު ކުރާ ކަމެއް ނޫން. އެހެންވީމާ، އިލެކްޝަން ކޮމިޝަނުން ކަނޑައަޅުއްވާނީ އިންތިޚާބުގެ ތާރީޚް އޮންނަ ދުވަހެއް. ކަނޑައެޅުއްވީމާ އެހާ ހިސާބުން ފެށިގެން ފޯރީގައި އިންތިޚާބުގެ ކެމްޕެއިންގެ މަސައްކަތް ފެށިގެންދާނެ. އެހެންވީމާ އެކެމްޕެއިން ކުރިއަށްދާއިރުގައި ހަމަ ހުރިހާ ޕާޓީތައްވެސް މިނިވަންކަމާއެކީގައި ކެމްޕެއިން ކުރުމުގެ މާޙައުލު އުފައްދާ ދިނުން އެއީ، އަޅުގަނޑުގެ މަސްއޫލިއްޔަތެއް. އަޅުގަނޑު، ﷲ އިރާދަކުރެއްވިއްޔާ މިރާއްޖޭގައި އޮންނަ އިންތިޚާބުތަކަކީ އެއީ އިންސާފުވެރި މިނިވަން އިންތިޚާބު ތަކެއް ކަމުގައި ހެދުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން. އަދި އެއިންތިޚާބުތަކުގެ ޙަޤީޤަތް ސާބިތުކޮށްދިނުމަށްޓަކައި، އޭގެ އިންސާފުވެރިކަމާއި މިނިވަންކަން ސާބިތުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ހުރި ހުރިހާ ކަމެއްވެސް އަޅުގަނޑު ކުރާނަން. އެގޮތުން އަޅުގަނޑު ގަސްދުކޮށްފިން، ކުރިއަށް އޮންނަ ރިޔާސީ އިންތިޚާބު ބެއްލެވުމަށްޓަކައި ދުނިޔޭގެ އެކިއެކި ޤައުމުތަކުން އޮބްޒާވަރުންނާއި މޮނީޓަރުން ވަޑައިގަތުމަށް. ދާދި އަވަހަށް އަޅުގަނޑު އެ ދަޢުވަތު ފޮނުވާނަން. ދެން ތާރީޚް އެނގުނީމާ އެބޭފުޅުން ވަޑައިގަންނަވާނެ ދުވަހެއް އެނގޭނީ. އެހެންނަމަވެސް، އަޅުގަނޑު ގަސްދުކުރަނީ، އެ ދަޢުވަތު ފޮނުވާފައި ބާއްވަން. އޭރުން މިތާނގައި ހިނގާ އިންތިޚާބުގެ ކަންކަން ވަރަށް ދެފުށްފެންނަ ގޮތަށްމ ވަރަށް ޓްރާންސްޕޭރަންޓްކޮށް އެކަން ހިނގަމުންދާނީ.

އާދެ! މިކަންކަނ މިގޮތަށް ކުރުމުގެ ހުރިހާވެސް މަޤްޞަދަކީ ކޮބައިތޯ؟ ހުރިހާވެސް މަޤްޞަދަކީ އަޅުގަނޑުމެންގެ ތެރޭގައި ޞުލްޙަވެރިކަމާއި އަމާންކަމާއި އެއްބައިވަންތަކަމާއި އެކުވެރިކަން ބޭއްވުން. ގަދަ ހަދާފައި އެހެންމީހުންނަށް މަކަރު ހަދާފައި ކޮންމެ ގޮތަކުން ނަމަވެސް ވެރިކަން ސަލާމަތް ކުރުމަށްޓަކައި، ނޫނީ ވެރިކަން ދެމެހެއްޓުމަށްޓަކައި ނޫނީ ހިފެހެއްޓުމަށްޓަކައި މަސައްކަތް ކުރާނެ މީހެއް ނޫން އަޅުގަނޑަކީ. އެހެންވީމާ، އަޅުގަނޑު ދަންނަވަން، އަޅުގަނޑު މި ޔަޤީންކަން ހުރިހާ ބޭފުޅުންނަށްވެސް އަރުވަން. ވީމާ، މިހާރުއްސުރެ އަޅުގަނޑުމެން ޤައުމަށްޓަކައިގެން މަސައްކަތް ކުރަމާ ހިންގަވާށޭ. އަޅުގަނޑު މިހުރީ ތިޔަހުރިހާ ބޭފުޅުންނާއެކީގައި މަސައްކަތް ކުރާށޭ.

އަޅުގަނޑުމެން މިހާރު ވަރަށް ބޮޑެތި މަޝްރޫޢުތައް ރާވަމުން އެބަ ގެންދަން. އޭގެ ތެރޭގައި ގިނަ ރަށްތަކުގައި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމާއި، ބޯފެނުގެ ނިޒާމު ޤާއިމު ކުރުމާއި އަދި ގިނަ ރަށްރަށެއްގެ ބޮޑެތި މަގުތައް، ތާރު އެޅުން ނުވަތަ ގާއެޅުމުގެ މަޝްރޫޢުތަކެއް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ފެށިގެންދާނެ. މިކަންކަމަށްޓަކައި ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ކުރަމުން އެބަގެންދަން. އެހެންވީމާ، އެކަން ހަމަޖެހިގެންދާނެ ކަމުގެ އުންމީދު އަޅުގަނޑަށް ވަރަށްބޮޑު. އަޅުގަނޑު މިދޭތެރެއިން ރާއްޖެއިން ބޭރަށް ކުރި ބައެއް ދަތުރުތަކުގައި، ޚާއްޞަކޮށް ސަޢޫދީ ޢަރަބިއްޔާއަށް އަޅުގަނޑު އެންމެފަހުން ކުރި ދަތުރާއި ޗައިނާއަށް އަޅުގަނޑު ކުރި ދަތުރާ މިދެދަތުރަކީ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ދެދަތުރު.

އާދެ! އަދިވެސް އެއްފަހަރު ތިޔަހުރިހާ ބޭފުޅުން މިއޮތް ރަތްދަކަ އަވީގައި ހޫނުގައި ނުކުމެވަޑައިގެން އަޅުގަނޑުމެންނަށް އެހާބޮޑު ތަރުޙީބެއް ދެއްވިކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް އެނގޭ، މިކަން ރޭއްވެވުމުގައި މަދުނަމަވެސް ބޭފުޅުން ކޮޅެއް އިސްކޮށްވަނީ މަސައްކަތް ކޮށްދެއްވާފައި. އެގޮތުން ކައުންސިލްގެ މެންބަރު، މިތާ މި އިންނެވި ވަރަށް އިސް ރޯލެއް ކުޅުއްވި ކަމަށް އަޅުގަނޑަށް ޚަބަރު ލިބިފައިވޭ. އަދި ހަމައެހެން، މިރަށުގެ ސިވިލް ސަރވިސްގެ މުވައްޒަފުން ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވި ކަމަށްޓަކައި އަޅުގަނޑު، އެބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ދެން ހަމައެހެން، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އަޅުގަނޑުމެންގެ ވަރަށް ގާތް ބޭފުޅެއް ކަމުގައިވާ ޑޮކްޓަރ ނަޒީރުވެސް، އެމަނިކުފާނާއި އެމަނިކުފާނުގެ ގާތް ބޭފުޅުންވެސް، މިކަމުގައި ވަރަށްބޮޑު ހިތްވަރެއް ކުރެއްވިކަމަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑު އުންމީދު ކުރަން، މިއަދު ތިޔަބޭފުޅުން ތިޔަ ދެއްކެވި އެކުވެރިކަމާއި އެއްބާރުލުމުގައި ތިޔަބޭފުޅުން އަބަދުވެސް ތިއްބަވާނެކަމަށް. އަދި އަޅުގަނޑުމެންނާ ޚިޔާލު ތަފާތު ބޭފުޅުން އުޅުއްވާ ކަމަށްވާނަމަ، އެބޭފުޅުންނަށް ދަޢުވަތު ދެއްވައިގެން ގެންނަވައި، އެބޭފުޅުންނަށް މަރްޙަބާ ވިދާޅުވެ، އެބޭފުޅުންނާ ގާތް ގުޅުމެއް ބޭއްވޭތޯ ބައްލަވަންޖެހޭނެ. އެއީ މުހިންމު ކަމެއް. އެކަން ހުރިހާ ބޭފުޅުންވެސް ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރަކީ، މިރަށަށް، ކޮލަމާފުށްޓަށް އިރާދަކުރެއްވިއްޔާ ﷲ ސުބުޙާނަހޫ ވަތަޢާލާ ހެޔޮ ފާގަތި ގޮތްތަކެއް ދައްކަވާނެ އަހަރެއް. އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ މިރަށުގެ ހުރިހާ ރައްޔިތުންނަށް މާތްﷲ ރަޙްމަތް ލައްވައި، ތިޔަބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތުގައި، އުފާ ފާގަތިކަމާއެކީގައި، ޞުލްޙަވެރިކަމާއެކުގައި އުޅުއްވާ އެއްބަނޑުއެއްބަފާ ބަޔަކު ކަމުގައި ލެއްވުން.

والســّلام عليــكم