ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޑިޔާގެ މިނިސްޓަރ އޮފް ޑިފެންސް ޝްރީ އޭ.ކޭ. އެންތަނީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އަބަދުވެސް އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރި، އިތުބާރުހުރި ގުޅުމެއް ކަމަށާއި، މިގުޅުން އިތުރަށް ތަރައްޤީ ކުރައްވައި، ބަދަހިކުރައްވަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވެ، މިހާރު ލިބެމުންދާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އިޤްތިޞާދީ ރޮނގުންނާއި، ޞިއްޙީ ރޮނގުންނާއި، ރާއްޖޭގެ ސަލާމަތީ ކަންކަން އިތުރަށް ފުޅާކުރުމަށް އިންޑިއާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ޑިފެންސް މިނިސްޓަރ ވަޑައިގެން ދިވެހި ސިފައިންގެ ހޮސްޕިޓަލެއް ހުޅުވައިދެއްވައި، ޓްރޭނިންގ ސެންޓަރގެ ބިންގާ އަޅުއްވައިދެއްވިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު ހަމައަކަށް އެޅިފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

ޝްރީ އޭ.ކޭ. އެންތަނީ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށާއި އަރިހުގައި ގެންނެވި ވަފްދުގެ ބޭފުޅުންނަށް ދިވެހި ސަރުކާރުން ދެއްވަމުން ގެންދަވާ ފުރިހަމަ މެހްމާންދާރީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އިންޑިޔާއާއި ދިވެހިރާއްޖެއަށް ދިމާވެފައިވަނީ ވަރަށް އެއްކަހަލަ ގޮންޖެހުންތަކެއްކަމަށް ވިދާޅުވެ، އިންޑިޔާ ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ކުރިއަށްއޮތް ތަނުގައިވެސް ވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.