ތަޢްލީމީ ދާއިރާގައި ޚިދްމަތް ކުރައްވާ ބޭފުޅުން، އެ ދާއިރާ މުއްސަނދިކޮށްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، މަތީ ތަޢްލީމަށް މާލީ އެހީދެއްވުމުގެ ދާއިމީ ސްކީމްތައް އިފްތިތާޙް ކުރެއްވުމާއި، ޒަކާތު ފަންޑުގެ ހިލޭ އެހީގައި މަތީ ތަޢްލީމުގެ ފުރުޞަތު ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރެއްވުމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ތަޢްލީމީ ދާއިރާއިން ބައެއް ބޭފުޅުން ދުރަށް ޖެހިވަޑައިގަންނަވާކަމުގެ ޚަބަރު ލިބިވަޑައިގެންފައިވާ ކަމަށާއި، އެއީ ވަރަށް ދެރަކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ތައްލީމި ދާއިރާގެ ވަޒީފާތަކަކީ، އެންމެ މުސާރަ ބޮޑު ވަޒީފާތައް ނޫންކަމަށް ވެދާނެ ކަމަށާއި، އެހެންނަމަވެސް، މި ޤައުމު ބިނާކުރުމަށްޓަކައި، މިއަށްވުރެ ބޮޑު ޚިދްމަތެއް ކޮށްދެއްވާ ބޭފުޅުންނެއް ނުތިއްބަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަޢްލީމަށްވުރެ ވަކި އިންވެސްޓްކުރަން މުހިންމު ކަމެއް ނެތްކަންވެސް ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމް ފެށްޓެވުމުގެ ބޭނުންފުޅަކީ، މަތީ ތައްލީމް ޙާޞިލުކުރުމުގެ ފުރުޞަތު ލިބޭ ކުދިންގެ ޢަދަދު މަދުކަމާއެކު، އެ ފުރުޞަތު ވީހާވެސް ގިނަ ދަރިވަރުންނަށް ހޯއްދަވައިދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ދަރިވަރުންނަށް ޔަޤީންކަމާއެކު ކިޔެވޭނެ އިންތިޒާމް މި ޕްރޮގްރާމުގެ ތެރެއިން ހަމަޖެހިގެންދާނެކަން ހާމަކުރެއްވިއެވެ. އަދި މިފަދަ ޕްރޮގްރާމެއް އެކުލަވާލެއްވުމުގެ ބޭނުންފުޅަކީ، މައިންބަފައިން ކުރައްވާ މަސައްކަތަށް އިތުރު އެހީތެރިކަމެއް ފޯރުއްވައިދެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތުގެ ފަރާތުން ދެވޭ އެހީއަކީވެސް ވަރަށް ބޮޑު އެހީއެއް ކަމަށް ވިދާޅުވެ، މި ޕްރޮގްރާމްގެ ތެރެއިން ފުރުޞަތު ލިބޭ ކުދިން ވަރަށް ހިތްވަރާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެކުދިން ކިޔަވަމުންދާއިރު މުރާލިކަމާއެކު ފިލާވަޅުތައް ދަސްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި ވަގުތު ހޯދައިގެން އާމްދަނީ ހޯދުމަށާއި، ތަޖުރިބާ ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މަތީ ތަޢުލީމަށް މާލީ އެހީ ދިނުމުގެ ދާއިމީ ސްކީމްތަކުގެ ތެރޭގައި ހިމެނެނީ 4 ސްކީމެކެވެ. އެއީ، ދިގުމުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ދަރިވަރުންނަށް ދެވޭ ލޯނާއި، މަތީ ތަޢުލީމަށް ދިޔުމަށް ފެންވަރު ހުރި ނަމަވެސް، ޢާއިލާގައި ތަނަވަސްކަން ނެތް ފަރާތްތަކަށް ހިލޭ ދެވޭ ސްކޮލަރޝިޕާއި، އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުގެ ވަޒީފާގައި ތިބެ، މަތީ ތަޢުލީމަށް ދާންބޭނުންވާ ފަރާތްތަކަށް، ވަޒީފާ ދީފައިވާ ފަރާތާއި ސަރުކާރާއެކުގައި މަތީ ތަޢުލީމަށް އެހީތެރިވުމަށްޓަކައި ކޯހަށް ހިނގާ ޚަރަދުގެ މަދުވެގެން އެއްބައި، ދިގު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ދަރިވަރުންނަށް ދެވޭ ލޯން ސްކީމާއި، މޮޅު ދަރިވަރުންގެ މެދުގައި ވާދަކުރެވިގެންހޮވޭ ފަރާތްތަކަށް ދެވޭ ސްކޮލަރޝިޕެވެ.