بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ ‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް އެންޑް ޔޫތު، ޙާޒިރުވެވަޑައިގެން ތިއްބެވި ދައުލަތުގެ އެންމެހާ ވަޒީރުން އަދި އެންމެހާ ޢިއްޒަތްތެރިން. އަޅުގަނޑުމެންގެ ލޮބުވެތި އެންމެހާ ޒުވާނުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރޭ އަޅުގަނޑުމެން މި ފާހަގަކުރަމުން މިގެންދަނީ، 2012 ވަނަ އަހަރުގެ ޒުވާނުންގެ ދުވަސް. އެދުވަހަކީ މިއަދު ކަމުގައިވީނަމަވެސް، ކަންދިމާވިގޮތުން، ރަމަޟާންމަހުގެ ދުވަހަކަށް ވުމާއެކު، އަޅުގަނޑުމެންނަށް މި ޖަލްސާ ފަސްކޮށްލަންޖެހުނީ. ނަމަވެސް، މިރޭ އަޅުގަނޑުމެން މި ފާހަގަކުރަމުން ގެންދަނީ، އެ އުފާވެރި މުނާސަބާ.

އާދެ! މިއަދު ޒުވާނުންނަކީ މި ޤައުމުގެ ތިންބައިކުޅައެއްބައި ރައްޔިތުން. އަދި ޒުވާނުންނާއި ކުޑަކުދިންނާ، މިދެންނެވީ 18 އަހަރުން ދަށުގެ ކުދިންނާ އެއްކޮށްލައިފިނަމަ، މި ޤައުމުގެ ރައްޔިތުންގެ ދެބައިކުޅަ އެއްބައި ހިމެނޭނީ، އެ ގިންތީގެ ތެރޭގައި. ދެން ވަރަށްގިނަ ޢަދަދެއްގެ އަޅުގަނޑުމެންގެ ރައްޔިތުންގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އަޅުގަނޑުމެން ޤައުމު ބައްޓަންކޮށް، ޤައުމު ކުރިއަށް ގެންދިޔުމުގައި، ޒުވާނުންގެ ދައުރު އަޅުގަނޑުމެންނަށް ކުޑަކޮށްވެސް އިހުމާލު ކުރެވޭކަށް ނެތް. އެގޮތުން، އަޅުގަނޑު ފުރަތަމަވެސް ދަންނަވާނީ، ސަރުކާރުން ޒުވާނުންގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް، ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ފުރަތަމަވެސް އަރުވަން.

އާދެ! އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވީ، ޒުވާނުންގެ ޤައުމީ މަޖިލީހުގެ ރައީސް. އަޅުގަނޑު ކުޑަކޮށް، ޒުވާނުންގެ ޤައުމީ މަޖިލީހާ ދޭތެރޭ އެއްޗެއް ދަންނަވާލާނަން. 1979 އަދި 1980 އެއީ އަޅުގަނޑުވެސް ބޭރުން ކިޔަވައި ނިމިގެން ރާއްޖެއައި ދުވަސްވަރު. އެދުވަސްވަރު އަޅުގަނޑަށް ފެނިގެންދިޔައީ، ދިވެހިރާއްޖޭގެ މުޖްތަމަޢުގައި، ތަފާތު ޚިޔާލުގެ ޒުވާނުންތައް، ބޭރު ޤައުމުތަކުން ކިޔަވައިގެން އައިސް އުޅޭތަން. އަދި ވަރަށް ތަފާތު ޚިޔާލުގެ، ތަފާތު ފިކުރުގެ ވިސްނުން ހުރި ޒުވާނުންތައް އުޅެމުންދާތަން. އޭރު އަޅުގަނޑުމެންނަށް ވިސްނުނީ، ޒުވާނުންގެ މެދުގައި ވާހަކަ ދެކެވި، ޚިޔާލު ބަދަލުކުރެވި، ކަންކަމާ ދޭތެރޭގައި ބަޙުޘް ކުރެވޭނޭ ފޯރަމެއް ނެތިއްޖިއްޔާ، ޒުވާނުންގެ މެދުގައި ވަރަށް ފުން ތަފާތުތަކެއް އުފެދުމަކީ އެކަށީގެންވާ ކަމެއް. މިދެންނެވި ވިސްނުން ވިސްނިގެން، 1980 ވަނަ އަހަރުގެ ތެރޭގައި، އޭރު ތަޢުލީމީ ދާއިރާގައި އުޅުއްވި ބައެއް ބޭފުޅުން. އެއީ އޭރުގައި ހުންނާނެ، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރ، އޭރު ހުންނަނީ އެޑިޔުކޭޝަން ޕްރޮޖެކްޓް އޮފީސް. ފަހުން އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރަކަށް ބަދަލުވީ. އަޅުގަނޑުވެސް އޭރު މަސައްކަތް ކުރަމުންދަނީ އެތާނގައި. އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އޭރުގައި ޤަޞްދުކުރީ، ޒުވާނުންގެ ޖަމްޢިއްޔާއެއް ހަދަން. އެއީ ޒުވާނުންގެ މެދުގައި ޚިޔާލު ބަދަލުކުރެވޭނޭ ފޯރަމެއް އުފެއްދުމަށްޓަކައި. އެ މަޤްޞަދުގައި އަޅުގަނޑުމެން ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކުރަން ފޯމް ފުރާފައި، އަޅުގަނޑުމެން އޭރު ހުށަހެޅީ. ހުށަހަޅައިގެން، ދެން އޭގެ މަޤްޞަދެއް ކަމުގައި އޮންނާނެ، ހަމަ ކަނޑައެޅިގެން ޒުވާނުންގެ މެދުގައި ބަޙުޘް ކުރުމާއި، އިޖްތިމާޢީ އެކިއެކި ކަންކަމާ ދޭތެރޭގައި ޚިޔާލު ކުރުމާއި، ޒުވާނުންގެ މެދުގައި އެއްބަސްވެވޭނެ މަގުތައް ހޯދުމާ، މިބާވަތުގެ މަޤްޞަދުތަކެއް، އެ ޖަމްޢިއްޔާ އުފެދުމުގައި އަޅުގަނޑުމެން އެކުލަވައިލާފައި އޮންނާނެ. އޭގެ ލިޔުންތައް، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިހާރުވެސް ރިސާރޗް ކުރައްވާ ބޭފުޅުންނަށް ހޯމް މިނިސްޓްރީން ފެނިވަޑައިގަންނަވާނެ.

އާދެ! ޖަމްޢިއްޔާ އުފެއްދުމަށް އަޅުގަނޑުމެން ހުށަހެޅުމަށްފަހުގައި، ދެން މާބޮޑަކަށް އެ ކުރިއަށްދާގޮތެއްނުވޭ. ދެން ހަމަ ހަފްތާއަކު އެއްފަހަރުހެން، އަޅުގަނޑުމެންގެ ގްރޫޕްގެ ސެކްރެޓަރީއަކަށް އޭރުގައި ހުންނެވީ، ޝަރަފުއްދީން އަބޫބަކުރު. ދެން އެބޭފުޅާ ވަޑައިގަންނަވާނެ، މިނިސްޓްރީއަށް ހަފްތާއަކު އެއްފަހަރު، މި ޖަމްޢިއްޔާ އުފެދޭނީ ކޮންއިރަކުންތޯ ބައްލަވަން. މިހެންގޮސް ދުވަސްގަނޑެއްވީފަހުން ކުއްލިއަކަށް އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔައީ، ޒުވާނުންގެ މަޖިލީހެއް ސަރުކާރުގެ ފަރާތުން އުފެއްދެވި ޚަބަރު. އެރޭ ރޭގަނޑުގެ ޚަބަރުން. މި ފުރަތަމަ އުފެދުނު ޔޫތު ކައުންސިލް އިޢުލާނު ކުރިއިރުގައި، އެ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި އަޅުގަނޑުގެ ނަންވެސް ހިމެނިފައި އޮތްކަން ޚަބަރުން އަޅުގަނޑަށް އެނގިގެންދިޔައީ. ފުރަތަމަ ޔޫތު ކައުންސިލްގެ ރައީސަކަށް، ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، އޭރުގެ ފޮރިން މިނިސްޓަރ ފަތުޙުﷲ ޖަމީލް. އަލްމަރްޙޫމް ފަތުޙުﷲ ޖަމީލް. އެ އުފެއްދެވި ދުވަހުގެ އަނެއް ދުވަހު އަޅުގަނޑު އޮފީހުގައި އިންދާ، ފަތުޙުﷲ ފޯނުކުރައްވާފައި ވިދާޅުވީ، މުންނާރުދޮށުގެއަށް އައިސްބަލާށޭ، ޔޫތު ކައުންސިލްގެ ކަންތަކާ ބެހޭގޮތުން ވާހަކަ ދައްކާލަން. ކިހިނެއްތޯ ޔޫތު ކައުންސިލް ރާވައި ހަދާނީ. ދެން އަޅުގަނޑު އަނެއް ދުވަހު ހަވީރު އެގެއަށް ގޮސް ވާހަކަ ދެއްކުމުގެ ތެރޭގައި، އަޅުގަނޑު ހުށަހެޅިން، ފުރަތަމަ ޒުވާނުންގެ ޚިޔާލު ހޯދަމާ ހިންގަވާށޭ. ޒުވާނުންނަށް ކަންކަން ރާވައި ހިންގޭނީ، ޒުވާނުން ވިސްނަނީ ކިހިނެއްތޯ ބަލައި، ޒުވާނުންގެ ޚިޔާލު ހޯދައިގެން. އެހިސާބުން އަޅުގަނޑުމެން ނިންމީ، ގަލޮޅު ބޯޅަދަނޑުގައި ޒުވާނުންނާ ބައްދަލުކުރަން. ދެރެއެއްގެ މަތިން އަޅުގަނޑުމެން ޒުވާނުންނާ ބައްދަލުކުރިން. ވަރަށް ތަފާތު ޚިޔާލުތައް އޭރުވެސް އައި. މިދަންނަވަނީ މީގެ 32 އަހަރު ކުރީގެ ވާހަކަ. އޭރުވެސް ޒުވާނުންގެ ޚިޔާލުހުރީ ވަރަށް މުއްސަނދިކޮށް. ޒުވާނުންނާއި ޒުވާނުންނަށް ދައުލަތުން ދޭންޖެހޭ ޚިދްމަތްތަކުގެ ވާހަކައާއި، ސަރުކާރުގެ ކަންކަމުގައި، ސަރުކާރުން ގެންގުޅެންވީ އުޞޫލުތަކާ ބެހޭގޮތުން ޒުވާނުންނަށް ފެންނަ ގޮތަކާ، މިބާވަތުގެ އެތައް ޚިޔާލުތަކެއް، ވަރަށް ތަނަވަސްކަމާ އެކީގައި ފާޅުވެގެންދިޔަ. އާދެ! އެހިސާބުން މިދެންނެވީ ކުރުގޮތަކަށް، ޒުވާނުންގެ ޤައުމީ މަޖިލިސް ފެށިގެންދިޔަގޮތް. އޭރު ކޮންމެއަކަސް މާގިނަ ބަޙުޘްތަކެއް ކުރެވޭގޮތެއްނުވި. ފުރަތަމަވެސް އަޅުގަނޑުމެން އެނބުރިގަތީ އެކިއެކި ކުޅިވަރުތައް ރާވައި ހިންގޭތޯ. އެހެންވީމާ، ޒުވާނުންގެ މަރްކަޒުގައި އޭރު ކުރަމުންގެންދިޔަ މުހިންމު ކަމަކީ، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ގޮތްތަކެއް ފަހިކޮށްދިނުން.

އާދެ! ކުރުގޮތަކަށް މިދެންނެވީ ޒުވާނުންގެ ޤައުމީ މަޖިލިސް އުފެދިގެން އައިގޮތް. މިހާރު އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ޒުވާނުންގެ މަޖިލީހުން ކުރައްވަންޖެހޭ މަސައްކަތްތައް، ކުރިއަށްވުރެވެސް ފުޅާވެފައި، ކުރިއަށްވުރެންވެސް މުހިންމު. މިއަދު ޑިމޮކްރަސީގެ އާ ޗެޕްޓަރެއް އަޅުގަނޑުމެން ފަށައިގެން އުޅޭއިރުގައި، އަޅުގަނޑުމެންގެ ޒުވާނުންނަށް ލިބިފައިވާ ޙައްޤުތަކާއި، އެމީހުންގެ ރައިޓްސް ކުރިއަށްވުރެ މާ ފުޅާ. އަދި އެމީހުންގެ ރެސްޕޮންސިބިލިޓީޒްވެސް ކުރިއަށްވުރެ މާ މުހިންމު. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެން އެންމެ ފުރަތަމަވެސް އެ ވިސްނިގޮތަށް، ޒުވާނުންގެ ޤައުމީ މަޖިލީހުގެ އެއް މަޤްޞަދަކީ، ޒުވާނުންގެ މެދުގައި ޚިޔާލު ފާޅުކުރެވޭނެ ގޮތްތައް އުފެއްދުމާއި، ބަޙުޘް ކުރެވޭނެ ގޮތްތައް ތަނަވަސްކޮށްދިނުމާއި އަދި ޒުވާނުންގެ މެދުގައި ހުރި އެކިއެކި ތަފާތުތައް ކުޑަކުރުމަށްޓަކައި މަސައްކަތް ކުރެއްވުން. އެއީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ! ދިވެހިރާއްޖޭގެ އާބާދީއަކީ ވަރަށްކުޑަ އާބާދީއެއް. މިއަދު ރާއްޖޭގެ އާބާދީ ބޮޑުވަމުން މިދަނީ، ރާއްޖެއިން ބޭރުން އަންނަ ބިދޭސީންތަކެއްގެ ޙާޒިރުގައި. އަޅުގަނޑުމެންގެ ތެރޭގައި މިއަދު ހަތަރު މީހުންކުރެ ކޮންމެ އެކަކީ ބިދޭސީއެއް. އެއީ، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ބޭނުންވާތީ. ޤައުމުގެ ތަރައްޤީއަށްޓަކައި ބިދޭސީ ލޭބަރގެ ބޭނުންވެސް ކުރަންޖެހޭތީ. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ޒުވާނުންނަށް ދޭންޖެހޭ ފުރްޞަތުތައް ދިނުމުގައި، އަޅުގަނޑުމެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން އަދިވެސް އެބަހުރި. އާދެ! ބައްލަވާލައްވާ، މިއަދު ދިވެހިރާއްޖޭގެ ސްކޫލްތަކުގައި، ސެކަންޑްރީ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތައަކީ ބިދޭސީން. އެއީ، ތިންހާހަށްވުރެ ގިނަ ޢަދަދުގެ ވަޒީފާ. މިވަޒީފާތައް އަދާކުރަމުން ގެންދަނީ ބިދޭސީން. މާލެއިން ބޭރުގައި ހުރި ހުރިހާ ޞިއްޙީ މަރްކަޒުތަކާއި، ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ގާތްގަނޑަކަށް ހުރިހާ ޑޮކްޓަރުންނަކީ ބިދޭސީ ޑޮކްޓަރުން.

އަޅުގަނޑުމެންގެ ތެރޭގައި ޒުވާނުން ވަޒީފާ ނެތިފައި ކިތަންމެ ބައިވަރު ބޭފުޅުންނެއް އެބަތިއްބެވި. މިދެންނެވި ވަޒީފާތަކަކީ، އެއީ އަޅުގަނޑުމެންގެ ޒުވާނުން އަދާކުރަންޖެހޭ ވަޒީފާތައް. އެ ފުރްޞަތު އެކުދިންނަށް ލިބިއްޖެނަމަ، އަޅުގަނޑަށް ޔަޤީން، އެކަމަށް ކުރިމަތިލާނެ ކިތަންމެ ޒުވާނުންނެއް ތިބޭނެ. އަދި އޭގެ ސަބަބުން އަޅުގަނޑުމެންގެ ޢާއިލާތަކަށާއި، އަޅުގަނޑުމެންގެ ޤައުމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އެކަން އެގޮތަށް ކުރުމަށްޓަކައި މިއަދު އަޅުގަނޑުމެން ކުރަންޖެހޭ އެންމެބޮޑު އެއްކަމަކީ، ޒުވާނުންނަށް ތަޢުލީމުގެ ފުރްޞަތު ހޯދައިދިނުން. ޚާއްޞަކޮށް، މަތީ ތަޢުލީމުގެ ފުރްޞަތު ހޯދައިދިނުން. މިއަދު ދިވެހިރާއްޖޭގައި، މަތީ ތަޢުލީމަށް އަހަރެއްގެ މައްޗަށް މިދަނީ ގާތްގަނޑަކަށް ތިންސަތޭކައެއްހާ ކުދިން. އެއީ ދިވެހިރާއްޖޭގައި ހުރި އެކިއެކި މަތީ ތަޢުލީމުގެ މަރްކަޒުތަކާއި އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިން. އަހަރަކު ގާތްގަނޑަކަށް ތިންސަތޭކަ ކުދިން. ދަންނަވަންތޯ، ދިވެހިރާއްޖޭގައި ތިންސަތޭކަ ކުދިން، 18 އަހަރުން ދަށުގެ ތިންސަތޭކަ އަންހެން ކުދިން އަހަރަކު ބަލިވެއިނދޭ. މިދަންނަވާލީ އަޅުގަނޑުމެންނަށް ތަޢުލީމަށްދެވޭ، މަތީ ތަޢުލީމަށްދެވޭ އަހަންމިއްޔަތުގެ ވާހަކަ. މިކަން މިހެން އޮތުމާ އެކީގައި، މިހާރު އަޅުގަނޑުމެން ނިންމާފައިވަނީ، މަތީ ތަޢުލީމުގެ ފުރްޞަތު ވަރަށް ބޮޑަށް ޒުވާނުންނަށް ފުޅާކޮށްލަން. އެގޮތުން، އިރާދަކުރެއްވިއްޔާ، މާދަމާ އަޅުގަނޑުމެން އިޢުލާން ކުރާނަން ސްކޮލަރޝިޕް ޕްރޮގްރާމްތަކެއް. މިދެންނެވި ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ، ޒަކާތުގެ ފައިސާއިން ފައިނޭންސްކުރާ 489 ސްކޮލަރޝިޕާއި އަދި ސަރުކާރުގެ ބަޖެޓުން އެހީތެރިވެދޭ ރިވޯލްވިންގ ލޯން ސްކީމެއްގެ ދަށުން 1000 ކުދިންނަށް މަތީ ތަޢުލީމް ޙާޞިލް ކުރެވޭނެ ފުރްޞަތު ހުޅުވާލުން. އެހެންވީމާ، ގާތްގަނޑަކަށް 1500 ކުދިންނަށް އިރާދަކުރެއްވިއްޔާ، މަތީ ތަޢުލީމަށް ދިނުމަށްޓަކައި އެހީ ލިބޭނެ ފުރްޞަތު، އެއީ ގްރާންޓްގެ ގޮތުގައި ނަމަވެސް، ލޯނުގެ ގޮތުގައި ނަމަވެސް އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ފަރާތުން މިހާރު މި ހުޅުވާލެވެނީ. އެކަން އިރާދަކުރެއްވިއްޔާ މާދަމާ އަޅުގަނޑު އެހެން ރަސްމިއްޔާތެއްގައި އިޢުލާނު ކުރާނަން.

އާދެ! ތަޢުލީމް ލިބިފައި ތިބި ކިތަންމެ ޒުވާނުންނެއްވެސް އެބަތިބި ވަޒީފާނެތި. އަޅުގަނޑުމެންގެ އެންމެ ކުރިއަރާފައިވާ ޞިނާޢަތަކީ ފަތުރުވެރިކަމުގެ ޞިނާޢަތު. ނަމަވެސް އަދިވެސް ފަތުރުވެރިކަމުގެ ޞިނާޢަތުގައިވެސް ދިވެހިން ވަޒީފާ އަދާކުރަންޖެހޭ މިންވަރަކަށް ވަޒީފާއެއް އަދައެއްނުކުރޭ. ގިނަ ރިޒޯޓްތަކުގައި އަދިވެސް ގިނައިން މަސައްކަތް ކުރަމުން ގެންދަނީ ބިދޭސީން. އެއީ އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ކުރާނެ ކުދިން ނެތީމައެއް ނޫން. އެކަން އެގޮތަށް ދިމާވެފައި މިއޮތީ، އެކުރަންޖެހޭ މަސައްކަތަށް ދޭންޖެހޭ ތަމްރީނު އެކުދިންނަށް ދެވެމުން ނުދާތީ. ވީމާ، އަޅުގަނޑު އަޅުގަނޑުގެ ކެބިނެޓަށް ދަންނަވައިގެން، އަޅުގަނޑު ޤަޞްދުކުރަނީ، އަޅުގަނޑުމެންގެ ސިޔާސަތެއް ކަމުގައި ކަނޑައަޅަން، 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކީ، ކޮންމެވެސް ބާވަތެއްގެ ތަޢުލީމީ ނުވަތަ ތަމްރީން ޕްރޮގްރާމެއްގައި އުޅޭ ކުއްޖެއް ކަމުގައި ހެދުމަށް. އޭރުން 18 އަހަރުވެގެން ނުކުންނަ ކޮންމެ ޒުވާނަކީ، އެއީ ތަޢުލީމީ ޒުވާނަކަށްވާނީ. މަސައްކަތަށް ތައްޔާރުވެފައި ހުރި ޒުވާނަކަށްވާނީ. އާދެ! މިކަން ކުރެވޭނީ، މިހާރު އޭ ލެވެލްގެ ފެންވަރަށް ކިޔަވައިދޭ ތަންތަން އިތުރުކޮށް، އަދި އޭލެވެލަށް ކިޔަވަން ނުދެވޭ ކުދިންނަށް ކިޔެވޭނެ އެހެން ރޮނގުތަކުގެ ކޯސްތައް އުފައްދައިގެން. އެހެންވީމާ، ތަޢުލީމީ ނިޒާމް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ސިޔާސަތެއްގެ ގޮތުގައި އަޅުގަނޑުމެން އެބަޖެހޭ، މިކަން ކަނޑައަޅައިގެން ކުރިއަށް ގެންދަން. އަޅުގަނޑު އެކަމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ އެހީފުޅާ އެކުގައި، މިކަން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އާދެ! ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމުގެ ގޮތުން، އަޅުގަނޑު އުންމީދު ކުރަން، ވަރަށް އަވަހަށް ކޮލިފައިޑް ކުދިންނަށް ރާއްޖެއިން ބޭރުން ވަޒީފާ ލިބޭނެ ދޮރުތަކެއް ހުޅުވޭތޯ. އެކަމަށްޓަކައި އަޅުގަނޑު މިދަނީ، އަޅުގަނޑުމެންގެ ބައެއް ރަޙްމަތްތެރިންނާއި، އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް އޮފީސްތަކާއި އެމްބަސީތަކާ ވާހަކަ ދައްކަމުން. ދިވެހިރާއްޖޭގެ ރައްޔިތުންނަކީވެސް ބޭރުގެ ޤައުމުތަކުގައި ވަޒީފާ އަދާކުރާ ބަޔަކަށް ވާންޖެހޭ އެބަ. މިހާރު ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރަނީ ވަރަށްމަދު ދިވެހިން. ރާއްޖެއަށް ޢާއިލާތަކަށް އެކުދިންގެ ޢާއިލާތަކަށް އަދި ރާއްޖެއަށް ވަރަށްބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމެއް، ދިވެހި ކުދިންނަށް، ދިވެހި ޒުވާނުންނަށް ބޭރުގެ އެކިއެކި ޤައުމުތަކުން ވަޒީފާގެ ފުރްޞަތުތައް ހުޅުވިގެންދިޔުމަކީ. އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިހާރު އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް އޮފީސްތަކުން ކުރައްވަންޖެހޭ ވަރަށް މުހިންމު، ވަރަށް އިސްކަންދޭންޖެހޭ މަސައްކަތެއް.

އާދެ! މީގެއިތުރުން، ވަޒީފާގެ ކަންތައް ތަނަވަސްކޮށްދިނުމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން، އަޅުގަނޑުމެންގެ ތިން މިނިސްޓްރީއެއް ގުޅިގެން، އެއީ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އާއި، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން [ސްކިލްސް ޓްރޭނިންގ އެޓް ރިޒޯޓްސް]ގެ ނަމުގައި ޕްރޮގްރާމެއް ވަރަށް އަވަހަށް ޤާއިމްވެގެންދާނެ. އޭގެ ސަބަބުން ތިންމަސް ދުވަހާއި ހަމަސްދުވަހުގެ މުއްދަތެއްގެ ޓްރޭނިންގ، އެކއެކި ރިޒޯޓްތަކުގައި ކުދިންނަށް ލިބޭނެ ފުރްޞަތު ހުޅުވިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ޒުވާނުންނަށް ވަޒީފާ ނުލިބި، މުޖްތަމަޢުގައި ގިނަވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ކުރިމަތިވާ އެކިއެކި ދަތިތައް، އެކިއެކި މައްސަލަތައް ވަރަށް ބޮޑަށް ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް އިޙްސާސް ކުރެއްވޭނެ. އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ޢަދަދެއްގެ ޒުވާނުން ވަނީ މިދެންނެވި އިޖްތިމާޢީ އެކިއެކި ނޭދެވޭ ކަންކަމުގެ ތެރެއަށް ގޮއްސަ. ޚާއްޞަކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ތެރެއަށް ކިތަންމެ ޒުވާނުންނެއް ވަނީ ގެއްލިފައި. އެހެންވީމާ، އެކަމުން ކުދިން ސަލާމަތް ކުރުމަށްޓަކައި މިހާރު އެނގިވަޑައިގަންނަވާނެ ފަދައިން، މިދިޔަ އަހަރުގެ ތެރޭގައި، އަޅުގަނޑު ނައިބު ރައީސެއްގެ މަޤާމުގައި ހުރެގެން، ޑްރަގްސް ޕްރޮގްރާމްގެ ކަންތައްތައް ބަލަމުން ގެންދިޔައިރު، ވާނީ ރައްޔިތުންގެ މަޖިލީހަށް އާ ބިލެއް ހުށަހަޅައި، އާ ޤާނޫނެއް ފާސްވެފައި. އެ ޤާނޫނުގެ ދަށުން ނޭޝަނަލް ޑްރަގް އޭޖެންސީގެ ނަމުގައި އޭޖެންސީއެއް އުފެދި، އަދި ޑްރަގް ކޯޓްސް އުފެދިފައިވަނީ. އެހެންވީމާ، މި ޕްރޮގްރާމްގެ ދަށުން އިރާދަކުރެއްވިއްޔާ، ކުރިއަށްވުރެ ހަރުދަނާ ގޮތެއްގައި، މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް ފަރުވާލިބި، އެކުދިންނަށް އަނބުރާ މުޖްތަމަޢަށް އައުމުގެ ފުރްޞަތު ހުޅުވިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ޝައްކެއްނެތް، މި ޤައުމުގެ ޒުވާނުންނަކީ މި ޤައުމު. އެހެންވީމާ، ޒުވާނުންނަށް ދޭންޖެހޭ އެހީތެރިކަމާއި އަހަންމިއްޔަތުކަން ދިނުމުގައި، އަޅުގަނޑުމެން ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ޒުވާނުންނަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު ރިސޯސްއެއް. އަޅުގަނޑުމެން ހިންގާ ކަންކަމުގައި، ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި، ޒުވާނުންގެ ޚިޔާލާއި އެއްބައިވެރިކަން ހޯދުމަކީ އެއީ ވަރަށް މުހިންމު ކަމެއް. ޒުވާނުންގެ ޕާރޓިސިޕޭޝަން ހުރިހާ ކަމެއްގައިވެސް ހޯދައި، ޒުވާނުންގެ ޚިޔާލާ އެއްގޮތްވާ ގޮތުގެ މަތިން ޤައުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރުމަކީ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އެގޮތުން އަޅުގަނޑު އިލްތިމާސް ކުރަން. އަޅުގަނޑުމެންގެ ސަރުކާރުގެ ހުރިހާ ވުޒާރާތަކަކުންވެސް ރާއްވަވަމުން ގެންދަވާ ކަންކަން ރޭއްވެވުމުގައި، އަދި ޚާއްޞަކޮށް، އަންނަ އަހަރުގެ ޕްރޮގްރާމްތައް ރޭއްވެވުމުގައި، ކޮންމެ ވުޒާރާއަކުންވެސް އެކަމަކާބެހޭ ޒުވާނުން ގެންނަވައި، ޒުވާނުންގެ ޚިޔާލު ހޯއްދަވައިގެން، ޕްރޮގްރާމްތައް ބައްޓަން ކުރެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދި ހުރިހާ މިނިސްޓަރުންނަށް އަޅުގަނޑު އިލްތިމާސްކޮށް ދަންނަވަން.

އާދެ! އަޅުގަނޑަށް މިފުރްޞަތު ދެއްވި ކަމަށްޓަކައި އަޅުގަނޑު މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ޒުވާނުންނަށް ތަޢުލީމީ ގޮތުންނާއި، ޞިއްޙީ ގޮތުން، ކުޅިވަރުގެ ގޮތުންނާއި އަދި ވިސްނުންތެރި ކަމުގެ ގޮތުން މާތްﷲ ރަޙްމަތް ލައްވައި، އަޅުގަނޑުމެންގެ ޒުވާނުންނަކީ، މި ޤައުމަށް ފައިދާހުރި، އެ ޒުވާނުންނަށާއި، އެ ޒުވާނުންގެ ޢާއިލާއަށް ބޭނުންތެރި، ވަފާތެރި، ފައިދާހުރި ދަރިންތަކެއް ކަމުގައި ލެއްވެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.