ސަރުކާރުގެ ހުރިހާ ވުޒާރާތަކަކުންވެސް ރާއްވަވަމުން ގެންދަވާ ކަންކަން ރޭއްވެވުމުގައާއި، އަދި ޚާއްޞަކޮށް، އަންނަ އަހަރުގެ ޕްރޮގްރާމްތައް ރޭއްވެވުމުގައި، ކޮންމެ ވުޒާރާއަކުންވެސް އެކަމާބެހޭ ޒުވާނުން ގެންނަވައި، ޒުވާނުންގެ ޚިޔާލު ހޯއްދަވައިގެން، ޕްރޮގްރާމްތައް ބައްޓަން ކުރައްވަމުން ގެންދެވުމަށް ހުރިހާ ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަހީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، މިރޭ ބޭއްވެވި މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޒުވާނުންނަށް ދޭންޖެހޭ އެހީތެރިކަމާއި އަހަންމިއްޔަތުކަން ދިނުމުގައި، އަޅުގަނޑުމެން ކުޑަކޮށްވެސް ފަހަތަށްޖެހިގެން ނުވާނެ ކަމުގައި ވިދާޅުވަމުން، ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި، ޒުވާނުންގެ ޚިޔާލާއި، ބައިވެރިވުން ހޯއްދެވުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި، 2012 ވަނަ އަހަރުގެ ޒުވާނުންގެ ޤައުމީ އިނާމް ޙާޞިލްކުރި ފަރާތްތަކަށް އިނާމު ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. 2012 ވަނަ އަހަރުގެ ޒުވާނުންގެ ޤައުމީ އިނާމު ޙާޞިލުކުރީ ކުޅިވަރުގެ ދާއިރާއިން ހެންވޭރު މިސްޓީނައިޓް މުޢީނާ މުޙަންމަދާއި، ހެންވޭރު ދިލާސާއާގޭ މުޙަންމަދު އަޖުފާން ރަޝީދާއި، މިލަދުންމަޑުލު ދެކުނުބުރީ މާފަރު ވާދީ އަސްޢަދު ޢަބްދުލްޣަނީއެވެ. މަސައްކަތްތެރިކަމުގެ ދާއިރާއިން މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ސިމްލާ، އިބްރާހީމް ފަލާޙާއި، ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ގުލްބަހާރުގޭ ރަވީ ފާރޫޤެވެ. މިޔުޒިކްގެ ދާއިރާއިން މިޔުޒިކް ބޭންޑެއް ކަމަށްވާ ނޮތް ނެގަލްއާއި، އިޖްތިމާޢީ ދާއިރާއިން މާފަންނު ނޫރާނީގޭ ޒެނީޝާ ޝަހީދު ޒަކީއެވެ. ޖަމްޢިއްޔާތަކުގެ ތެރެއިން ފާހަގަކުރެވޭ ޚިދްމަތްތަކެއް ކުރި ޖަމްޢިއްޔާގެ އިނާމު ޙާޞިލުކުރީ، މުލަކު އެކުވެރި ޒުވާނުންގެ ޖަމްޢިއްޔާއެވެ. ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާގެ ޙައްޤުވެރިއަކީ، ޕޮލިސް ސަރޖެންޓް ކާށިދޫ ކެތި ޝަހީދު އަލްމަރްޙޫމް އާދަމް ޙަލީމެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ބިދޭސީންގެ ޢަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވަމުން، ޒުވާނުންނަށް ދޭންޖެހޭ ފުރްޞަތުތައް ދިނުމުގައި، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން އެބަހުރި ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ކުރަންޖެހޭ އެންމެބޮޑު އެއްކަމަކީ، ޒުވާނުންނަށް ތަޢުލީމްގެ ފުރްޞަތުތައް ހޯދައިދިނުން ކަމަށް ވިދާޅުވެ، މިގޮތުން، މަތީ ތަޢުލީމުގެ ފުރްޞަތު ޒުވާނުންނަށް ފުޅާކުރުމަށް މިހާރު ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މިފުރްޞަތު ހުޅުއްވާލެއްވުމުގެ ގޮތުން، ސްކޮލަރޝިޕް ޕްރޮގްރާމްތަކެއް މާދަމާ އިޢުލާނު ކުރައްވާނެ ކަމަށާއި، މި ޕްރޮގްރާމްގެ ދަށުން ގާތްގަނޑަކަށް ފަނަރަސަތޭކަ ކުދިންނަށް އެހީ ލިބުމުގެ ފުރްޞަތު ތަނަވަސްވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތަޢުލީމް ލިބިފައި ތިބި ކިތަންމެ ޒުވާނުންނެއް ވަޒީފާނެތި ތިބިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކީ، ކޮންމެވެސް ބާވަތެއްގެ ތަޢުލީމީ ނުވަތަ ތަމްރީން ޕްރޮގްރާމެއްގައި އުޅޭ ކުއްޖެއް ކަމުގައި ހެއްދެވުމުގެ ސިޔާސަތެއް ކަނޑައަޅުއްވަން ޤަޞްދު ކުރައްވާކަންވެސް ހާމަކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއާއި، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން، [ސްކިލްސް ޓްރޭނިންގ އެޓް ރިޒޯޓްސް]ގެ ނަމުގައި، ތިންމަހާއި ހަމަސްދުވަހާ ދެމެދުގެ މުއްދަތެއްގެ ތަމްރީން ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށްޓަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒުވާނުންގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާއި، ކުރެއްވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ރާއްޖޭގެ ޒުވާނުންނަށް ދެއްވިއެވެ. އަދި ޤައުމު ކުރިއަށް ގެންދިޔުމުގައި ޒުވާނުންގެ ދައުރާމެދު ކުޑަކޮށްވެސް އިހުމާލު ކުރެވޭކަށް ނެތްކަން ފާހަގަކުރައްވަމުން، ޑިމޮކްރަސީގެ އާ ޗެޕްޓަރެއް މިއަދު ފަށައިގެން އުޅޭއިރު، ޒުވާނުންނަށް ލިބިފައިވާ ޙައްޤުތައް، ކުރިއަށްވުރެ މާފުޅާ ކަމަށާއި، އެމީހުންގެ މަސްއޫލިއްޔަތުވެސް ކުރިއަށްވުރެ، މާ މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.