بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މަޑަވެލީގެ ޢިއްޒަތްތެރި އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

މިއަދު އަޅުގަނޑުމެން މިރަށަށް އައުމުން މިފެންނަނީ، ވަރަށްވެސް އަޅުގަނޑު އުފާވާކަހަލަ މަންޒަރެއް. މީގެކުރިން އަޅުގަނޑު އައިފަހަރު އުޅުނު ޙާލަކު ނޫން މިހާރު އުޅެން މިޖެހެނީކީ. އެއަށްވުރެ މާ ތަނަވަސްކަމާއެކީގައި އަޅުގަނޑުމެން މިއަދު މިތިބީ. އާދެ! އަޅުގަނޑު ވަރަށް ބޮޑަށް އުފާވޭ، މިރަށަށް އާދެވުނީމާ. ދެން ކަންދިމާވިގޮތުން، މިދަތުރުގައި އަޅުގަނޑުމެން މާގިނަ ރަށްރަށަށްދާ ގޮތަކަށް ނޫން، ދަތުރު ރޭވިފައި އޮތީކީ. ތަންކޮޅެއް އަވަހަށް މާލޭގައި އޮންނަ ޙަފްލާއަކަށް އަޅުގަނޑު އެބަ ދާންޖެހޭ. އެއީ ޒުވާނުންގެ ދުވަހާ ބެހޭގޮތުން އޮންނަ ވަރަށް މުހިންމު ޖަލްސާއެއް މިރޭ އެބައޮތް މާލޭގައި. އެހެންވީމާ، އެއަށް އަޅުގަނޑު ދާންޖެހޭތީ، ތަންކޮޅެއް އަވަހަށް ދަތުރު ކުރުކޮށްލާފައި އެބަދާންޖެހޭ. ދެން އެހެން ނަމަވެސް، އިއްޔެ މަޑަވެލީގެ ކައުންސިލްގެ ބޭފުޅުން އަޅުގަނޑާ ބައްދަލުކުރެއްވި. ބައްދަލުކުރައްވާފައި ވަރަށް ބޮޑަށް އެދިވަޑައިގެންނެވި، މިރަށަށް ކޮންމެހެންވެސް އަންނަން. އެހެންވީމާ، އެބޭފުޅުންގެ އެދިވަޑައިގަތުމާއެކީގައި، އަޅުގަނޑު މިއައީ، ކުޑައިރުކޮޅަކަށްނަމަވެސް، ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން.

ދެން އަޅުގަނޑު މިރަށަށް އައުމުގައި އަޅުގަނޑު މިއައީ ހޯނޑެއްދުއާ ކައިރިން. މިރަށާވެސް ކައިރިން ލޯންޗްގައި އައިއިރު އަޅުގަނޑަށް އެބަފެނޭ، މިދެރަށް ދޭތެރެ މިއޮތީ ވަރަށް ކައިރީގައި. ތަންކޮޅެއް މިއޮންނަނީ. އެހެންވީމާ، އަޅުގަނޑުގެ ހަމަ ފުރިހަމަ ޔަޤީންކަން އެބައޮތް، އިރާދަކުރެއްވިއްޔާ، މި ދެރަށް އަޅުގަނޑުމެންނަށް ގުޅުވާލެވޭނެ ކަމަށް. ދެން އެކަން ކުރުމުގައި، އަޅުގަނޑުމެން ތިމާވެށްޓަށް ރައްކާތެރިވާ ގޮތަށް، އެ ދެރަށް ހަލާކުނުވާ ގޮތަކަށް އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނީ. ބައެއްފަހަރު ވާގޮތަކީ މިދޭތެރެ ހިއްކާލައިފިއްޔާ، ދެން އަނެއްކާ ގިރުން މާބޮޑަށް ބޮޑުވެދާނެ، ރަށްގިރުން. އެހެންވީމާ، އެވަރަށް ވިސްނައިގެން، ރަށަށް ގެއްލުންނުވާ ގޮތަކަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ހޯނޑެއްދުއާއި މަޑަވެއްޔާ އަޅުގަނޑުމެން ގުޅާލަދޭނަން.

އާދެ! މިހާރުވެސް ކުރިއަށް އޮތް އަހަރުގެ ބަޖެޓްގައި، އަޅުގަނޑުމެން މި ހިމަނަނީ، މިރަށުގެ ބަނދަރު ހެދުމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިރަށުގެ ބަނދަރު ހެދޭނެ ކުރިއަށް އޮތް އަހަރު ދުވަސްތެރޭގައި. ދެން ތިޔަ ވިދާޅުވި ކަންތައްތަކުގެ ތެރެއިން، ނަރުދަމައާއި ބޯފެން، އަޅުގަނޑަކަށް ޔަޤީންކޮށް ދަންނަވާކަށް ނުކެރޭނެ، މިއަހަރު ދުވަހު ތެރޭގައި ހެދޭނެ ކަމަކަށް. އެހެންނަމަވެސް، އެކަން ކުރުމަށްޓަކައި އަޅުގަނޑު މިދަނީ މަސައްކަތް ކުރަމުން. އެހެންވީމާ، މިހާރު އަޅުގަނޑުމެން ތައްޔާރުކޮށްފައި އޮތް ބޭރުގެ އެހީއަށް ތައްޔާރުކޮށްފައި އޮތް ލިޔުންތަކުގައި، މިރަށުގައި މިދެރަށުގެ ނަރުދަމައާއި ބޯފެން އޮންނާނީ ހިމަނާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އެކަންކަންވެސް ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ.

ދެން މިހާރު ވަރަށްގިނަ ރަށްރަށަށް ދެވިއްޖެ އަޅުގަނޑަށްވެސް. އެހެންވީމާ، އަޅުގަނޑަށް ވަރަށް ރަނގަޅަށް އިޙްސާސް ކުރެވޭ، ރައްޔިތުންނަށް މިހާރު އެންމެ ބޮޑުވެފައިވާ އެއްކަމަކީ، ނަރުދަމާގެ ނިޒާމެއް ނެތުންކަން. ފާޚާނާ ކުރެވޭގޮތް ހެދުމަކީ، އެއީ އަޅުގަނޑުމެން ހުރިހާ އެންމެންގެވެސް ޢާއިލާތަކަށް ލިބޭ ވަރަށްބޮޑު ފަސޭހައަކަށްވާނެ. އަދި އޭގެ ސަބަބުން ރަށުގެ ބިމުގައި ހުރި ފެންވެސް، މިހާރަށްވުރެ ރަނގަޅުވެގެންދާނެ. ފާޚާނާގެ ފެން ރަށުތެރެއަށް ހިންދާލުމުގެ ސަބަބުން ވަރަށް ބޮޑަށް ރަށުގެ ފެން ތަޣައްޔަރުވޭ. އަދި ފެނުގެ ނުބައިވަސް ހުންނާނެ. ފެނުގައި އެކިއެކި ބެކްޓީރިއާ ހުރުމާއި، ޢާންމުކޮށް ޞިއްޙަތަށް މީގެ ސަބަބުން ގެއްލުން ލިބޭ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، އެންމެ މުހިންމު އެއްކަމަކީ، ރަށްރަށުގެ ނަރުދަމާގެ ނިޒާމް ޤާއިމް ކުރުން. އެހެންވީމާ، އެކަމަށްޓަކައި ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑު ހަމަ އެންމެބޮޑު އަހަންމިއްޔަތު ކަމެއްދީގެން، އެކަން ކުރެވޭތޯ މަސައްކަތް ކުރާނަން.

އާދެ! ކަންދިމާވިގޮތުން އަޅުގަނޑަށް މާގިނައިރު ހުރެވޭކަށް ނެތް. އެހެން ނަމަވެސް، ތިޔަ ހުރިހާ ބޭފުޅުން ވަޑައިގެން، އަޅުގަނޑާ ބައްދަލުކޮށްލައްވައި، އަޅުގަނޑުމެންނާ ސަލާމް ޤަލާން ކޮށްލައި، ޙާލުއަހުވާލު އަހާލުމުގެ ފުރްޞަތު ލިބުން އެއީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. އަޅުގަނޑު އެކަމަށްޓަކައި ވަރަށް އުފާކޮށްފިން. މި ހޫނު ވަގުތު ތިޔަ ހުރިހާ ބޭފުޅުން ވަޑައިގެން އަޅުގަނޑުމެންނާ ބައްދަލުކޮށްލެއްވީތީ. ﷲ އިރާދަކުރެއްވިއްޔާ އަދި ވަގުތުވެގެން ތަންކޮޅެއް ގިނައިރު މިދެރަށުގައި، ހޯނޑެއްދުއާއި މަޑަވެލީގައި އަޅުގަނޑުމެންނަށް ރަނގަޅަށް ބަލައިލެވޭނެ ފުރްޞަތަކަށް އަޅުގަނޑު އުންމީދު ކުރަން.

އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އަދިވެސް އެއްފަހަރު. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ބޭނުންވާ ކަންކަން ހަމަ ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ. އަޅުގަނޑު އެކަމަށްޓަކައި ތިޔަބޭފުޅުންނާއެކީގައި މަސައްކަތް ކުރަމުން ގެންދާނަން. ހަމައެހެން، އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު އަޅުގަނޑުމެން މި ޤައުމުގެ އިޤްތިޞާދު އޮތްގޮތުން، ބައެއް ދަތިތައް ހުރިކަމުގައިވިނަމަވެސް، އަޅުގަނޑަށް ފެންނަ ގޮތުގައި، ދެން އިޤްތިޞާދުވެސް ދާނީ ހަމަ ރަނގަޅަށް.

އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ، ހުރިހާ ބޭފުޅުން ވަޑައިގެން ދެއްވި ކަމަށްޓަކައި. އަޅުގަނޑު އެދެނީ، ތިޔަ ހުރިހާ ޢާއިލާތަކަށްވެސް އުފާވެރި ހިތްފަސޭހަ ދިރިއުޅުމެއް. އަޅުގަނޑުވެސް ޤަބޫލުކުރާ ގޮތުގައި، މިރަށުގެ ޙާލަތު ދެން ދުވަހަކަށްވުރެ ދުވަހެއްދާނީ ހަމަ ރަނގަޅުވަމުން. އަޅުގަނޑު، اللّـه سبحـانـه وتعـالى އަށް ދުޢާ ދަންނަވަން. މިރަށުގެ ހުރިހާ އަޚުންނާއި އުޚުތުންނަށް މާތްﷲ ރަޙްމަތް ލެއްވުމަށް.

والســّلام عليــكم