ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށްޓަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮލަމާފުށްޓަށް ވަޑައިގެން މިއަދު މެންދުރުފަހު އެރަށު ރައްޔިތުންނާ ބައްދަކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަން ބާއްވަން އެބަޖެހޭ ކަމަށާއި، އެއްބަޔަކު އަނެއްބަޔަކާ ދޭތެރޭ ފިތުނަވެރިވެގެން އެކަކު އަނެކަކާ ދިމާކުރުމުގެ އުކުޅުތަކެއް ގެންގުޅެން އެއްގޮތަކަށްވެސް ނުޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެއްބަޔަކު އަނެއް ބަޔަކާ ޖެހޭގޮތަށް، އެއްބަޔަކު އަނެއް ބަޔަކަށް އިހާނެތިކޮށް ކަންތައް ކުރުމުން ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރާއްޖެ ކުރިއަށް ގެންދަން ބޭނުންވާނަމަ ރިތިކޮށް ކުރިއަށް ގެންދެވޭނީ މިދެންނެވި ކަންކަން އެއްފަރާތްކޮށް، ޤައުމުގެ މަޞްލަހަތު އެއީ، އަޅުގަނޑުމެންގެ އެންމެ މުހިންމު މަޞްލަހަތު ކަމަށް ބަލައިގެން ޤައުމާއިގެން ކުރިއަށް ދިޔުމަށް ހިތްވަރާއެކު މަސައްކަތް ކޮށްގެން ކަމަށާއި، ދާން ބޭނުންވާ ސްޕީޑުގައި އެނޫން ގޮތަކަށް ކުރިއަކަށް ނުދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމުގެ ތެރޭގައި އިންތިޚާބުތައް ހަމަޖެހިފައިވާ ތާރީޚުގެ މަތިން މި އަންނަ އަހަރު ރިޔާސީ އިންތިޚާބު އޮންނާނެ ކަމަށް ވިދާޅުވެ، ކުރިއަށް މިއޮތް އަހަރު ދުވަހުގެ ތެރޭގައިވެސް އެންމެން އެކީގައި މަސައްކަތް ކޮށްގެން ޤައުމަށް ކުރިއެރުމެއް ލިބޭތޯ މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން ކުރީ ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުތަކުގެ ތެރެއިންވެސް ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ހުއްޓަވާނުލައްވާ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މިއަދުވެސް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޯނީގެ ރިޕޯޓަށްފަހު، މިހާރު އަޅުގަނޑުމެންވީ، އަޅުގަނޑުމެންގެ ހިތުގައި ހުރި އުދާސްތައް ފިލުވާލުމަށް ކަމަށް ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އެމް.ޑީ.ޕީ.ގެ ބޭފުޅުންނާއެކު މަސައްކަތް ކުރައްވަން ހުންނެވީ ތައްޔާރަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.