ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެއްޔާއި ހޯނޑެއްދުއާ ދެރަށް ގުޅާލެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެއްޔަށް މިއަދު ހެނދުނު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަސައްކަތް ކުރައްވާނީ، ތިމާވެށްޓަށް ރައްކާތެރިގޮތަކަށް ދެރަށް ހަލާކުނުވާ ގޮތަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި މަޑަވެލީގެ ބަނދަރު ހެދުމުގެ ޚަރދު ހިމަނުއްވާނެކަންވެސް ހާމަކުރެއްވިއެވެ. އަދި މަޑަވެއްޔާއި ހޯނޑެއްދޫގެ ނަރުދަމާ ޤާއިމުކުރުމާއި ބޯފެން ފޯރުވައިދިނުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ފެށޭގޮތް ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންނަށް މިހާރު އެންމެ ބޮޑުވެފައިވާ އެއްކަމަކީ، ނަރުދަމާގެ ނިޒާމެއް ނެތުންކަން ރާއްޖޭގެ ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުން އިޙްސާސް ކުރެއްވޭ ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ އެންމެ މުހިންމު އެއްކަމަކީ، ރަށްރަށުގައި ނަރުދަމާގެ ނިޒާމެއް ޤާއިމު ކުރެއްވުން ކަމަށާއި، ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން އެކަން ކުރެއްވޭތޯ އިރާދަކުރެއްވިއްޔާ މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.