ކޮންމެ ފަލްސަފާއެއް ޤަބޫލުކުރި ކަމުގައިވިޔަސް، ދައުލަތް ހިންގުމަށްޓަކައި އަދި ދިވެހި ސަރުކާރު ހިންގުމަށްޓަކައި އެންމެން އެކީގައި ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދައުލަތުން ކޮށްދޭންޖެހޭ ކަންތައްތައް ކުރެވޭނީ، ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަން ހާމަކުރައްވަމުން، ތިނަދުއަށް ކަނޑައެޅިފައި ހުރި މަޝްރޫޢުތައް ހިންގޭނީވެސް ރަށުގެ ވެރިންގެ އެހީތެރިކަން ލިބިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ތިނަދުއަށް ވަރަށްގިނަ ކަންކަން ކޮށްދިނުމަށް ރޭވިފައި އެބަހުރި ކަމަށާއި، އިރާދަކުރެއްވިއްޔާ، އެކަންކަން ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަންކަން އެހެން ކުރުމަށްޓަކައި ސަރުކާރާ އެކީގައި މަސައްކަތް ކޮށްދެއްވުމަށް ތިނަދޫ ރަށު ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ކޮށްދެއްވާ ކަންތައްތަކަކީ، ރައްޔިތުންނަށް ކޮށްދެއްވާ ކަންތައްތައް ކަމަށާއި، އެހެންވީމާ، ސަރުކާރުދެކެ އަންނަ ރުޅިއެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާދެކެ އަންނަ ރުޅިއެއްގައި، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމަށް ހުރަސްއަޅައި، އެކަންކަމުގައި އެއްބާރުލުން ނުދިނުމަކީ، ހަމަޖެހޭ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިނަދުއަށް ކުރެއްވި ދަތުރުފުޅުގައި، ތިނަދޫ ގޭގެއަށް ސާފު ބޯފެން ފޯރުވައިދިނުމުގެ ޚިދްމަތް، މިއަދު ހަވީރު ވަނީ ފަށްޓަވައިދެއްވާފައެވެ. ތިނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ޚިދްމަތް ފަށްޓަވައި ދެއްވުމަކީ، އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިއަދު މި ޚިދްމަތް މި ދެވެން ފެށުނީ ބައެއް ގޭގެއަށް ކަމަށާއި، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ތިނަދޫގެ ހުރިހާ ގެއަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިހާރު ހުރި ފެން ޕްލާންޓްގެ އިތުރުން، އެ ޚިދްމަތް މުޅި ރަށަށް ދެއްވުމަށްޓަކައި، އިތުރު ފެން ޕްލާންޓެއް ގެންނަވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ތިނަދޫގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އިރާދަކުރެއްވިއްޔާ، މިއަހަރު ނިމުމުގެ ކުރިން، ތިނަދޫގައި ފާޚާނާހޮޅި އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަޤީންކަން ހައުސިންގ މިނިސްޓަރާއި، އެންވަޔަރަންމަންޓް މިނިސްޓަރ ދެއްވާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުދުވަހުގެ ތެރޭގައި، ތިނަދޫގެ ކުނި ނައްތާލުމުގެ ނިޒާމްގެ ބޭނުންކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.