بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

މިއަދު ވަގުތުގެ ގޮތުން ތަންކޮޅެއް ކުރުކޮށްލަންޖެހޭނެ. އެހެންވީމާ، އަޅުގަނޑު މާދިގުކޮށް ވާހަކައެއް ނުދައްކާނަން. އެހެން ނަމަވެސް، ވިލިނގިލީގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ ފުރްޞަތު، އަޅުގަނޑު މިހާރުހުރި މަޤާމާ ޙަވާލުވިފަހުން ލިބޭ ފުރަތަމަފަހަރު ކަމަށްވާތީ، އަޅުގަނޑު ވަރަށް ބޮޑަށް ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑާއި އަޅުގަނޑާ އެކުގައި ވަޑައިގެންނެވި ދައުލަތުގެ އެންމެހާ ޢިއްޒަތްތެރިން މިރަށަށް ވަޑައިގަތުމުން އަދި އެއަރޕޯޓަށްވެސް ވަޑައިގަތުމުން، ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑުމެން ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ! މިއަދަކީ ވަރަށް ޚާއްޞަ ދުވަހެއް. ސަބަބަކީ މިއަދު މިއަތޮޅުގައި އެއަރޕޯޓް ހުޅުވިއްޖެ. އެއަރޕޯޓެއް ހުޅުވުމަކީ، މިއަތޮޅަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް. އެހެންވީމާ، އަޅުގަނޑަށް ޔަޤީންކަން އެބައޮތް، މި އެއަރޕޯޓްގެ ސަބަބުން މިއަތޮޅުގެ އިޤްތިޞާދަށް ވަރަށްބޮޑު ބަދަލުތަކެއް އައިސްގެންދާނެކަން. ހުވަދުއަތޮޅަކީ ރާއްޖޭގައި އޮތް އެންމެ ރީތި އެއް އަތޮޅު. އަދި މުޅި ދުނިޔޭގައިވެސް އޮތް އެންމެ ބޮޑު ކޮރަލް އެޓޮލް. އެހެންވީމާ، މިއަތޮޅުގައި މިހާރު އުފެދިގެން މިދަނީ، ރާއްޖޭގައި ނެތްވަރުގެ ރީތި ބޮޑެތި ރިޒޯޓްތަކެއް.

އާދެ! އަޅުގަނޑު ކުރިން ދެންނެވިހެން މިއަތޮޅަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް މިއަދު މިވީ. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. އަދި މިކަން ވެގެންމިދޔައީ ވަރަށްގިނަ ދުވަހެއްގެ އުންމީދުތަކާއެކުގައި، ވަރަށްގިނަ ބައެއްގެ ހިތްވަރާއެކުގައި. އެހެންވީމާ، މިކަމުގައި އެކިފަހަރު މަތިން މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތައްވެސް އަޅުގަނޑުމެން ހަނދާންކޮށް، އެފަރާތްތަކަށް އަޅުގަނޑުމެން ޝުކުރުވެރިވުމަކީ އެއީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ބައެއް ކަންކަމަކީ އެއީ، އަޅުގަނޑުމެންގެ ހިތުގައި އޮންނަހާ އަވަހަށް ވާ ކަންތައްތަކެއް ނޫން. ބައެއްފަހަރު ބައެއް ކަންކަން ވުމުގައި ދުވަސްކޮޅެއް ނަގާނެ. އެހެން ނަމަވެސް، މި މަޝްރޫޢު ފެށުމާ ގުޅިގެން، ދެން ވަރަށް ބާރު ސްޕީޑެއްގައި ގޮސް މިކަން މި ނިމުނީ. އެކަމަށްޓަކައި އަޅުގަނޑުމެން އަދިވެސް އެއްފަހަރު މުޙަންމަދު ޢަލީ ޖަނާހަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެކަން ކުރެއްވިލެއް އެފިޝަންޓްކަމާއި، އަވަސްކަމާއެކީގައި މިއަދު އަޅުގަނޑުމެންނަށް އެ ނަތީޖާ ފެނިގެން މިދިޔައީ.

މިއަތޮޅު، ކުރިން ދެންނެވިހެން ފަތުރުވެރިކަމުގެ ވަރަށް މުހިންމު އަތޮޅަކަށް ވެގެން މިދަނީ. އެހެންވީމާ، އެ ރިޒޯޓްތަކުގައި މަސައްކަތް ކުރާނެ ޒުވާނުންނަށް އެކަށީގެންވާ އެކިއެކި ހުނަރުތައް އެބަ ދަސްވާންޖެހޭ. އެކަމަށްޓަކައި އެބަ ތައްޔާރުވާންޖެހޭ. އެހެންވީމާ، އެގޮތުން އަޅުގަނޑު އުންމީދު ކުރަން، މިރަށުގައި ޓްރޭނިންގ ސެންޓަރެއް ޤާއިމް ކުރެވޭނެ ކަމަށް. އެކަމަށްޓަކައި ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން. އަދި އެ ޓްރޭނިންގ ސެންޓަރަކީ އެއީ، މިއަތޮޅުން މިކުރާ މަސައްކަތްތަކާ ގުޅިފައި ހުރި ހުނަރުތައް ލިއްބައިދޭ ތަނަކަށްވާން އެބަޖެހޭ. އެގޮތުން، ހޮސްޕިޓޭލިޓީ އިންޑަސްޓްރީއާ ގުޅޭ އެކިއެކި ހުނަރުތައް ދިނުމާއި އަދި ހަމަ އެހެން، އޭގެއިތުރުން އަދި މަސްވެރިކަމާބެހޭ ކަންކަމުގެ ހުނަރުތައްވެސް ދެވޭ ޓްރޭނިންގ ސެންޓަރަކަށް އެބަ ހަދަންޖެހޭ.

މިއަދު ފުރަތަމަފަހަރަށް އަޅުގަނޑު ކޫއްޑޫއަށް މިއައީ. އަޅުގަނޑު ވަރަށް ކުޑައިރުކޮޅަކަށް ކޫއްޑޫ ފިޝަރީޒް ކޯޕަރޭޝަންގެ މުވައްޒަފުންނާ ބައްދަލުކޮށްލިން. ބައްދަލުކޮށްލީމާ އަޅުގަނޑަށް އެނގިގެންދިޔައީ، އެ ކުންފުންޏަކީ އެއީ، މިއަތޮޅުގެ ރައްޔިތުންނަށް އަދި ޚާއްޞަކޮށް، މި ހިސާބުގެ ރަށްރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ފައިދާތަކެއް ލިއްބައިދޭ ކުންފުންޏެއް ކަމަށް. ވަރަށްގިނަ ޢަދަދެއްގެ ފައިސާ، އެ ވިޔަފާރީގެ ތެރެއިން ރައްޔިތުންގެ، ސީދާ ރައްޔިތުންގެ ޖީބަށް ވަދެގެން އެބަދޭ. އަދި އޭގެއިތުރުން، އަޅުގަނޑު އުފަލާއެކު ފާހަގަކުރަން، ކޫއްޑޫ ފިޝަރީޒްގެ ފަރާތުން މިހާރު ދައުލަތަށްވެސް، ދައުލަތުގެ ރެވެނިއުއަށްވެސް ރަނގަޅު އެއްޗެއް ވަންނަމުންދާކަން އެއީ، އަޅުގަނޑުމެން އުފަލާއެކީ ފާހަގަކުރަންޖެހޭ ކަމެއް. އަޅުގަނޑު ދަންނަވާނީ، ނަމޫނާ މަސައްކަތްތަކެއް މިހާރު އެކުންފުނީގެ ފަރާތުން ކުރައްވަމުން އެބަ ގެންދަވައޭ. ދައުލަތުގެ އެހެން ހުރިހާ ކުންފުނިތަކުންވެސް އެހާ ރަނގަޅަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! އޭގެއިތުރުން، ފަތުރުވެރިކަމާއި، މަސްވެރިކަމާ އަދި މިނޫން އެކިއެކި މަސައްކަތްތައްވެސް މިއަތޮޅުގައި ކުރެވޭނެ ގޮތްތައް އަޅުގަނޑުމެން ޖެހޭ އެބަ ހޯދަން. އެގޮތުން، މިއަތޮޅު މިއޮންނަނީ ޚާއްޞަކޮށް، ދެކުނުގެ ކަނޑުދަތުރު ފަތުރު ކުރުމުގެ ވަރަށް މުހިންމު ހިސާބެއްގައި، އިންޑިއާ ކަނޑުގައި. އެހެންވީމާ، މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ، ޝިޕިންގގެ އެކިއެކި ޚިދްމަތްތައް ދެވޭ މަރްކަޒެއްވެސް މިތާނގައި ޤާއިމް ކުރުމަކީ އެއީ ކުރެވިދާނެ ކަމެއް. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުން ގެންދާނެ ވާހަކަވެސް އަޅުގަނޑު ދަންނަވަން.

އާދެ! ދެން އިތުރު މާގިނަ ކަންތައްތަކެއްގެ ވާހަކަ ދަންނަވާނެ ކަމެއް ނެތް. ކުރަންހުރި ވަރަށްގިނަ ކަންތައްތައް އެބަހުރި. ތަޢުލީމީ ގޮތުންނާއި، ޞިއްޙީ ގޮތުން ގެންނަންޖެހޭ އެކިއެކި އިޞްލާޙުތަކާއި، ކުރަންޖެހޭ ކަންތައްތައް އެބަހުރި. އެކަންކަން ކުރުމުގައި، އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ. އަދި މިތާނގެ ޒުވާނުންގެ މަރްކަޒަށްވެސް ވަރަށް އަވަހަށް އިޞްލާޙީ ބަދަލުތަކެއް އަންނާނެ. އައިސް، ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް އެތާނގެ ޚިދްމަތް ލިބޭނެގޮތް ފަހިވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ވަރަށް ކުރުކޮށް އަޅުގަނޑު އެއްޗެއް ދަންނަވާލާނަން. އަޅުގަނޑު ކުރިން ދެންނެވިހެން، މި މަޤާމާ ޙަވާލުވިފަހުން އަދި މިރަށަކަށް ނާދެވޭ. ފުރަތަމަފަހަރަށް މި އާދެވުނީ. އެހެންވީމާ، ދަންނަވާލަންޖެހޭ ދެތިން ވާހަކައެއް އެބައޮތް. ފުރަތަމަ ކަމަކީ، މިވޭތުވެދިޔަ 7 މަސް ދުވަހުގެ ތެރޭގައިވެސް، ބައެއް ބޭފުޅުންނަށް ހީފުޅުވާހެން، އެއްގޮތަކަށްވެސް އަޅުގަނޑުމެން ކަމެއްނުކޮށް ތިބީކީ ނޫން. އަޅުގަނޑުމެން ކަމެއް ނުކޮށް ތިބިނަމަކަ، މި އެއަރޕޯޓެއްވެސް ހަމަ ނުހުޅުވޭނެ. އަދި ކޫއްޑޫ ފިޝަރީޒް ކުންފުންޏަކުންވެސް ކަންތައްތަކެއް ނުހިނގާނެ. އެހެންވީމާ، އަޅުގަނޑުމެން މިވޭތުވެދިޔަ 7 މަސް ދުވަހުގެ ތެރޭގައިވެސް މަސައްކަތް ކުރަމުން މި ގެންދިޔައީ، ރައްޔިތުންނަށް ދޭން ރޭވިފައި ހުރި ޚިދްމަތްތައް ބަރާބަރަށް ދެމުން ގެންދެވޭތޯ. ރޭވިފައި ހުރި މަޝްރޫޢުތައް ބަރާބަރަށް ކުރިއަށްދޭތޯ. އޭގެތެރެއިން އަޅުގަނޑުމެންނަށް ހިފަހައްޓާލަން ޖެހުނު ބައެއް ކަންކަން އެބަހުރި. އެއީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ނޫން ގޮތަކަށް ރޭވިފައި ހުރި ބައެއް ކަންކަން ކަމަށް ފާހަގަކުރެވިގެން. އެނޫން އެހެން ކަންކަން އަޅުގަނޑުމެން ހަމަ އެއްވެސް ތަޢައްޞުބެއްނެތި، އެއްވެސް ފަރާތަކަށް ނުޖެހި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެކަންކަން ކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ. އޭގެ ދަލީލު މިއަދު އަޅުގަނޑުމެންނަށް މިފެނިގެންދިޔައީ.

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، ސިޔާސީ ގޮތުން މާ ފަސޭހަ ދުވަސްވަރެއް ނޫން އަޅުގަނޑުމެން މިވޭތުކުރި ދުވަސްތަކަކީ. އަދި އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންގެ މެދުގައި، އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ މެދުގައި އުފެދިފައި އޮތް ޚިޔާލު ތަފާތުވުމެއްގެ މައްސަލަ، ވަރަށްބޮޑު މައްސަލައަކަށްވެ، އެކަން ޙައްލު ކުރުމަށްޓަކައި އަޅުގަނޑުމެން ބޭރުގެ އެހީއާ އެކީގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅި ކޮމިޝަނަކުން މަސައްކަތްކޮށް، ބޭރުގެ ބޮޑެތި ތިން މާހިރުން، އޭގެތެރޭގައި ހިމެނިގެން މިހާރުވަނީ އެ މައްސަލަ ބަލާ ނިންމާފައި. އެހިސާބުން އަޅުގަނޑު ދެކޭގޮތުގައި، ކަމުގެ ޙަޤީޤަތް މުޅިން ލިޔެ ނިމުނީ. ދެން އަޅުގަނޑުމެން އެބަޖެހޭ، މި ޤައުމާއިގެން ކުރިއަށްދާން. އެއްވެސް މީހަކު ޤަބޫލުކުރާ ގޮތް އެއީ ހަމަ އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެން ނުވާނެ. އަޅުގަނޑު ޤަބޫލުކުރާ ގޮތްވެސް އެއީ ފަހަރެއްގައި ހަމަ ކުށްހީއަކަށްވެސް ވެދާނެ. އެހެން ނަމަވެސް، އެ ޙަޤީޤަތް ސާބިތު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން އެއީ މުހިންމު ކަމެއް. އެގޮތުން، ކުރަންޖެހޭ ކަންތައްތައް މިހާރު އަޅުގަނޑުމެން މިތިބީ ކޮށްގެން. އެކަން ކުރީމާ، އޭގެ ނަތީޖާވެސް ފެނިއްޖެ. ދެން މިއޮތީ، ދެން ކުރަންޖެހޭ ކަންތައް ކުރުމަށްޓަކައި މަސައްކަތް ކުރިއަށް ގެންދިޔުން. ޤައުމާއިގެން ކުރަންހުރި ކަންތައް ކޮށްގެން ކުރިއަށް ދިޔުން. އެހެންވީމާ، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރެވެންހުރި ހުރިހާ ކަންތައްތަކެއް ކުރުމަށްޓަކައި އަޅުގަނޑުމެން އަތުކުރި އޮޅާލައިގެން، ކުރިއަށްވުރެ އިތުރު ހިތްވަރަކާއެކީ އަޅުގަނޑުމެން މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެންގެ ޒުވާން ކެބިނެޓް، މިކަމުގައި ޙަރަކާތްތެރިވެވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

އަޅުގަނޑު އެދެނީ، މިރަށުގައިވެސް ތިޔަ ލޮބުވެތި ރައްޔިތުންވެސް ސިޔާސީ ކަންކަމަށްވުރެ ބޮޑަށް، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އުޚުއްވަތްތެރި ކަމަށް ބާރުއަޅައި، އެއްބަޔަކު އަނެއް ބަޔަކާ އެކީގައި މަސައްކަތްކޮށް، ރަށުގެ ތަރައްޤީއަށްޓަކައި ކަންތައް ކުރަމުން ގެންދިޔުން. އެކަން އަޅުގަނޑަށް މިހާރު އެބަ ފެނޭ. އޭގެ ނަތީޖާއެއްގެ ގޮތުން، މިއަދު އަޅުގަނޑުމެންނަށް މި ރިސޯސް ރިކަވަރީ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް މިރަށުގައި މި ހުޅުވުނީވެސް. އަޅުގަނޑަށް ޔަޤީން، ރައްޔިތުންގެ ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން، މިވަރުގެ ބޮޑު ތަނެއް ހަދާ ނިންމޭނީވެސް. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ތަހުނިޔާއާއި މުބާރަކްބާދު ދަންނަވަން.

މުޙަންމަދު ޢަލީ ޖަނާހު އެ ދެއްކެވި މިސާލަކީ، އެއީ މިރާއްޖޭގެ އެހެން ވިޔަފާރިވެރިންވެސް، އިންވެސްޓަރުންވެސް ބަލައިގަންނަންވީ މިސާލެއް. އަޅުގަނޑުމެންގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި. ވަރަށް އަސާސީ ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ކުނި ނައްތާލުން. ނޫނީވިއްޔާ ބޯފެން، ނޫނީވިއްޔާ ފާޚާނާ ކުރެވޭ ނިޒާމް. މިއީ ވަރަށް އަސާސީ ކަންތަކެއް. މިއީ އިންސާނުން ދިރިއުޅުމަށްޓަކައި، އެމީހުންގެ ނަފްސުގެ ޢިއްޒަތް ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުން ކަންތައްތަކެއް. އެހެންވީމާ، މިކަންކަން ކުރުމަށްޓަކައި ހަމައެކަނި ސަރުކާރުން އެކަން ކުރުމަށް ކުރެވޭހާ ދުވަހެއް ވަންދެން ދޫކޮށްލައިގެން ތިބުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ވިޔަފާރިވެރިންނާއި، އިންވެސްޓަރުންނާއި، އެކަމުގެ ކުޅަދާނަކަން ހުރި ބޭފުޅުން އެބަޖެހޭ މިއަދު ރައްޔިތުންނަށް އެހީތެރިވެދެއްވަން.

ވަރަށްގިނަ ޒަމާންވެއްޖެ. ރާއްޖޭގައި މިކަން ކުރެވިއްޖައީސް، މީގެ 30 އަހަރު ކުރިންވެސް. ނޫނީ 50 އަހަރު ކުރިންވެސް. އެހެން ނަމަވެސް، އެކަމަކީ މާ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފެނިފައި ނެތީމާ، އެކަން ނުވެ މިހާ ހިސާބަށް ގޮއްސަ މިއޮތީ. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން އެކަން ކުރަން އެބަޖެހޭ. އެކަމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ވަރަށްބޮޑު ހިތްވަރެއްލާން. ރައްޔިތުންނާއި، ވިޔަފާރިވެރިންނާއި، ޕްރައިވެޓް ސެކްޓަރގެ ބޭފުޅުން، އެބޭފުޅުންނާއި ސަރުކާރާ، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަނިކޮށް، އިރާދަކުރެއްވިއްޔާ، މިއީ އެއްވެސް ކަމެއް ނޫން. މިކަންތައް އަޅުގަނޑުމެންނަށް ކުރެވިދާނެ. އެހެންވީމާ، އަޅުގަނޑު މިއަދު ގޮވާލަން، ރާއްޖޭގައި ތިއްބެވި ވިޔަފާރިވެރިންނާއި، އިންވެސްޓަރުންނާއި، މިކަމަށް ކެރިކުޅަދާނަ ވެގެންވާ ހުރިހާ ބޭފުޅުންނަށްވެސް. ސަރުކާރާ އެކުގައި ތިޔަބޭފުޅުން މަސައްކަތް ކޮށްދެއްވާށޭ. އަޅުގަނޑުމެންގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށެއްގައި ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމް ކުރުމަށް. އަޅުގަނޑުވެސް ވަރަށްގިނަ ރަށްރަށަށް މިހާރު ހިނގައްޖައިން. މިކަމާ ބެހޭގޮތުން ވާހަކަވެސް ދެކެވިއްޖެ. ދެކެވުނުއިރުގައި އެއްގޮތަކަށްވެސް މިއީކީ އެހާބޮޑު އިންވެސްޓްމަންޓެއް ބޭނުންވާ ކަމެއްވެސް ނޫން. ކިތަންމެ ރަށެއްގައި އަމިއްލައަށް މިމަސައްކަތް އެބަ ކުރޭވެސްމެ މިހާރު. ހަމަ ކޮންމެ ގެއަކުން ކުޑަ ޗަންދާއެއް ނަގައިގެން، ކުނި ނަގައިގެން ގެންގޮސް، ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން އެބަގެންދޭ. އޭގެތެރެއިން ބައެއް ރަށްރަށުން، ގޭގެއިން ފަންސާސް ރުފިޔާ ނޫނީ ސަތޭކަ ރުފިޔާ ނަގައިގެން، މިކަން އެބަ ހިނގާ ހަމަ އިނގޭތޯ. އެކަމަކު އެމީހުންނަށްވެސް އެކަން އެ ކުރެވެނީ، ކޮންމެވެސް ފަރާތެއްގެ ދީލަތި އެހީއެއް ލިބިގެން. އޭގެތެރޭގައި، އެއީ ޕިކަޕްގަނޑެއް ނަމަވެސް، ނޫނީވިއްޔާ މި ކުނި ނައްތާލަން ހަދާފައި އޮތް ބިމުގެ ވަށާފާރުލުން ނަމަވެސް، މިކަހަލަ ކުޑަކުޑަ އެހީއެއް ދިނުމުން، އެކަން އެބަ ރައްޔިތުން ކުރެއޭ. އެހެންވީމާ، ކުޑަކުޑަ އެހީއަކުން ރައްޔިތުން އަމިއްލައަށްވެސް ކުރާ ކަހަލަ ކަންތައްތައް، ކުނި ނައްތާލުމުގެ މަސައްކަތަކީ. އެކަން އަޅުގަނޑަށް ހީވަނީ، ހަމަ ކެމްޕޭނެއްގެ ގޮތުގައި އަޅުގަނޑުމެން ފަށައިގެން، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ ހުރިހާ ރަށެއްގައިވެސް ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމް ކުރެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މިއަދު ޖަނާ ތިޔަ ދެއްކެވި އަދި މި ވިލިނގިލީގެ ރައްޔިތުން ދެއްކެވި ރިވެތި ނަމޫނާ އަޅުގަނޑަށް ހީވަނީ މުޅި ރާއްޖެއަށް ގެންދިޔުން އެއީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. ﷲ އިރާދަކުރެއްވިއްޔާ، އެކަމާއިގެން އަޅުގަނޑުމެން އަތުކުރި އޮޅާލާނެ ވާހަކަ ދަންނަވަން. އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުން، މިއޮތް ރަތްދަކަ އަވީގައި، މިއޮތް ހޫނުގައި ވަޑައިގެން، އަޅުގަނޑުމެންނާ ބައްދަލުކުރައްވައި، އަޅުގަނޑުމެން މުނިފޫހިފިލުވުމަށްޓަކައި އެކިއެކި ޙަރަކާތްތައް ރާވައިދެއްވައި، އަޅުގަނޑުމެންނަށް ވަރަށް ޢިއްޒަތްތެރިކަމާއެކީގައި ކަމޭހިއްތެވިކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަޅުގަނޑު އުންމީދު ކުރަން، އަދިވެސް މާ ލަހެއްނުވެ، އަޅުގަނޑަށް ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރްޞަތެއް ލިބޭނެ ކަމަށް.

ޝުކުރިއްޔާ. والســّلام عليــكم