بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މާމެންދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، ދިވެހި ދައުލަތުގެ ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އަދި އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާއި، އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ އަޅުގަނޑަށް ވަރަށް އުފާވެރި ދުވަހެއް. ސަބަބަކީ މިރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ ނަޞީބު، މާތްﷲ އަޅުގަނޑަށް މިންވަރު ކުރެއްވީތީ. އަޅުގަނޑު މިރަށަށް އައިސް، މިރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލުމުން، އަޅުގަނޑަށް ވިސްނިގެންދިޔައީ، މިރަށުގެ ރައްޔިތުންނަކީ މީހުންނަށް ވަރަށް ކަމޭހިތައި، ޚާއްޞަކޮށް، ވެރިންނަށް ކަމޭހިތައި، ވެރިންދެކެ ލޯބިވާ ރައްޔިތެއްކަމަށް. އަޅުގަނޑުމެންނަށް މިރަށުން މި ލިބުނު ހޫނު މަރްޙަބާއަށްޓަކައި، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިރަށަކީ މިއީ އަޅުގަނޑަށް މާ ގިނަގިނައިން އާދެވިފައިވާ ރަށެއް ނޫން. އެހެންވީމާ، ރަށުގެ ޙާލަތާ ބެހޭގޮތުން އަޅުގަނޑަށް ޖެހުނީ، އެންމެފަހު ވަގުތުގައި، ކުޑަކޮށް މަޢުލޫމާތު ސާފުކޮށްލަން. ސާފުކޮށްލިއިރުގައި، އަޅުގަނޑަށް ހިތްފަސޭހަ މަޢުލޫމާތުތަކެއް ލިބިގެންދިޔައީ. އެންމެ ބޮޑަށް އަޅުގަނޑަށް ފާހަގަކުރެވުނު އެއްކަމަކީ، މިރަށުގެ ރައްޔިތުންނަކީ ތަޢުލީމަށް ލޯބިކުރާ ބައެއްކަން. ޚާއްޞަކޮށް، ކީރިތި ޤުރްއާނަށް، ދީނީ ޢިލްމުވެރިކަމަށް އަދި ޢާންމު ގޮތެއްގައި، ތަޢުލީމީ ކަންކަމަށް ލޯބިކުރާ ރައްޔިތެއްކަން. އެހެންވީމާ، މިއީ އަޅުގަނޑަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއް. ސަބަބަކީ، ރަށެއްގެ، ޤައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނަނީ، އެ ޤައުމެއްގެ ރައްޔިތުންގެ ޢިލްމުވެރިކަމާ. އެ ޢިލްމަށް އެމީހުން ލޯބިކުރާ ވަރެއްގެ މައްޗަށް. އެހެންވީމާ، އެހިސާބުން ދެން އަޅުގަނޑަށް އެނގިއްޖެ، މިރަށުގެ ޙާލަތު އިރާދަކުރެއްވިއްޔާ، އަބަދުވެސް އޮންނާނީ ރަނގަޅަށް.

އާދެ! އަޅުގަނޑު ވަރަށް އުފަލާއެކީ ފާހަގަކުރަން. ތަޢުލީމަށްޓަކައި މިރަށުގެ ރައްޔިތުން ތިޔަ ބަހައްޓަވާ ލޯތްބާއި އިޙްތިރާމް. އެކަން އަޅުގަނޑަށް، މާ ކުރިންވެސް އެނގިފައި އޮތީ، އެހެން ގޮތަކުން. އެއީ، ވަރަށް ކުޑައިރުއްސުރެ އަޅުގަނޑުމެން މާލޭގައި އުޅޭއިރު ދަންނަ ބޭފުޅެއް، އަލްފާޟިލް އިބްރާހީމް ފައުޒީ. އިބްރާހީމް ފައުޒީއަކީ އަޅުގަނޑުމެންގެ އުސްތާޛެއް. އަދި ފަހުން އަޅުގަނޑާއެކީގައި މަޖީދިއްޔާ ސްކޫލްގައި މަސައްކަތް ކުރެއްވި މުދައްރިސެއް. މަޖީދިއްޔާ ސްކޫލުން ކިޔަވައިގެން ނުކުތް ވަރަށްގިނަ ޢަދަދެއްގެ ދަރިވަރުންގެ އުސްތާޛެއް. މިއަދު އަޅުގަނޑު މި ބިމުގައި ހުރެގެން، އަޅުގަނޑު ވަރަށް އުފަލާއެކީގައި ފައުޒީބެގެ ހަނދާން އަޅުގަނޑު އާކުރަން. އަޅުގަނޑަށް އެނގޭ، މިރަށުގެ ހުރިހާ ބޭފުޅުންނަށް އިބްރާހީމް ފައުޒީ އެނގިވަޑައިގަންނަވާނެކަން. އެބޭފުޅާއަކީ ވަރަށް މަޑުމައިތިރިކޮށް ހުންނަވާ ބޭފުޅެއް. އެހެން ނަމަވެސް، ވަރަށްގިނަ ބައެއްގެ ތަޢުލީމީ ކަންކަމުގައި ޚިދްމަތް ކޮށްދެއްވާފައި ހުންނެވި ބޭފުޅެއް. އެހެންވީމާ، މިރަށުގައި، މި ރައްޔިތުންގެ މެދުގައި ހުރެގެން އަޅުގަނޑު އިބްރާހީމް ފައުޒީގެ ހަނދާން އާކޮށް، އެމަނިކުފާނަށް އަޅުގަނޑު ފަށްފަށުން، ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުންވެސް، އަދި ހަމަ އަޚެއްގެ ޙައިޘިއްޔަތުންވެސް އަޅުގަނޑު އިބްރާހީމް ފައުޒީއަށް ޝުކުރު ދަންނަވަން.

އާދެ! ދެން ހަމަ އެއާއެކީގައި، މިއަދު އަޅުގަނޑަށް ލިބިއްޖެ، އުސްތާޛު އަޙްމަދު ޝަކީބްގެ ޤުރްއާން ކްލާހަށްވެސް ޒިޔާރަތް ކޮށްލުމުގެ ނަޞީބު. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރު ޝަކީބް ކްލާސްތައް ކިތަންމެ ރަށްރަށެއްގައި ހިންގަވަމުން އެބަގެންދަވާ. ހަމައެކަނި މިރަށަކުވެސް ނޫން. އެހެންވީމާ، އެބޭފުޅާވެސް ޚާއްޞަކޮށް، ކީރިތި ޤުރްއާން ދަސްކޮށްދިނުމަށްޓަކައި އެ ކުރައްވަމުން ގެންދަވާ މަސައްކަތަށް، އަޅުގަނޑު ވަރަށް އިޙްތިރާމާއެކީ ޝުކުރު ދަންނަވަން. މިކަންކަމުން ވަރަށް ސާފުކޮށް އެބަ ދޭހަވޭ، މިރަށުގެ ރައްޔިތުންނަކީ ކޮންކަހަލަ ބައެއްކަން.

އާދެ! މިއަދު އަޅުގަނޑަށް ޔަޤީން، މުޅި ދިވެހި ޤައުމަށްވުރެވެސް ބޮޑަށް، މިރަށުގެ ރައްޔިތުން އެންމެ ބޮޑަށް ފަޚްރުވެރިވާނެ އެއް ބޭފުޅަކީ، އަޅުގަނޑު ކުރިމަތީގައި މި އިންނެވީ. އަޅުގަނޑުމެންގެ މިއަދުގެ ޢިއްޒަތްތެރި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޝަހީމް. އެބޭފުޅާއަކީ އަޅުގަނޑުމެން ހުރިހާ އެންމެންގެ ވަރަށްބޮޑު އިޙްތިރާމަކާއި ލޯތްބެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް. ހޯއްދަވާފައިވާ ބޭފުޅެއް ވަރަށް މަސައްކަތްޕުޅުން. އަޅުގަނޑުމެން ރާއްޖޭގައި އަދި މިހާތަނަށް ނުފެންނަވަރުގެ ވަރުގަދަ، ޤާބިލް، ރީތިކޮށް، އެންމެ ރީތިކޮށް ދިވެހިރާއްޖޭގައި ޤުރްއާން ކިޔަވާ ވިދާޅުވާ ބޭފުޅާ. އަދި ހަމައެއާއެކީގައި، މިހާރު އަޅުގަނޑުގެ ކެބިނެޓްގައި، އެންމެބޮޑު ޚިދްމަތެއް ކޮށްދެއްވަމުން ގެންދަވާ އެއްބޭފުޅެއް. އެބޭފުޅާގެ ޚިދްމަތް މިހާރު ފެނިގެން މިދަނީ، ރާއްޖޭގެ އެކި ކަންކޮޅުން. މިއަދު މިރަށުގައި މި އެޅޭ މިސްކިތްވެސް މިއީ ޝަހީމްގެ ހިތްވަރުފުޅާއި، ދުރު ވިސްނެވުމުގެ ސަބަބުން ޙަޤީޤަތުގައި ވެގެންދާ ކަންތައްތައް. ޝަހީމް ތިކޮށްދެއްވާ ޚިދްމަތަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިރަށަކީ މިއީ ސުނާމީގެ ވަރަށްބޮޑު ގެއްލުން ލިބިފައި އޮތް ރަށެއް. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، މިރަށަކަށް އަދި މާބޮޑު އެހީތެރިކަމެއް، އެކަމުގައި މިރަށުގެ ރައްޔިތުންގެ ތެރެއިން ގެދޮރު ގެއްލިފައިވާ މީހުންނަށް އަދި ވަގުތީ ހިޔާގައި އުޅޭ މީހުންނަކަށް މާބޮޑު އެހީތެރިކަމެއް ނުލިބޭ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ހިތާމަކޮށް، އަޅުގަނޑު ވަރަށް ދެރަވާ ވާހަކަ އަޅުގަނޑު ދަންނަވަން. ﷲ އިރާދަކުރެއްވިއްޔާ، އެކަމުގައި އަޅުގަނޑުމެންނަށް ޙައްލެއް ފެނޭތޯ އަޅުގަނޑު މަސައްކަތް ކޮށްދޭނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ! ދެން މިއަދު އަޅުގަނޑުމެންނަށް މިތަނުން މި ފެނިގެން މިދިޔައީ، މިރަށުގެ ރައްޔިތުންގެ އެދިވަޑައިގަތުމުގެ މަތިން، އަމިއްލަ ފަރާތަކުން ވަރަށް ބޭނުންތެރި މަޝްރޫޢެއް ފެށްޓެވި ތަން. ޖަނާހަކީ އަޅުގަނޑުގެ ވަރަށް ގާތް އަޚެއް. މިހާރު އަޅުގަނޑު ވަރަށް ބޮޑަށް އުފާވޭ، ޖަނާހު މިކަހަލަ ބޮޑެތި އިޖްތިމާޢީ ކަންކަން ފަށްޓަވާފައިވާތީ. އަޅުގަނޑުމެން އިއްޔެ ވިލިނގިލީގައި އަޅުގަނޑުމެން މި އިފްތިތާޙުކުރީ ކުނި ނައްތާލުމުގެ މަރްކަޒެއް. ހަމަ އެފަދަ މަރްކަޒެއް މިހާރު މިރަށުގައި އެޅުއްވުމުގެ މަޤްޞަދުގައި މިއަދު މި ބިންގާ އެޅުނީ. އެހެންވީމާ، މިކަހަލަ ބޮޑު މަސައްކަތެއް ކޮށްދެއްވާތީ، އަޅުގަނޑު، އަޅުގަނޑުމެންގެ ރައްޔިތުންގެ ނަމުގައި ޖަނާހަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ދެން އަޅުގަނޑު ކުޑަ ދެތިން އެއްޗެއް ހަމަ ދަންނަވާލަން އަދި މި މަޝްރޫޢާބެހޭ. އާދެ! ކުނި ނައްތާލުމަކީ މިއީ ހުރިހާ ރަށެއްގައިވެސް ކުރަމުން އަންނަ ކަމެއް. އެހެން ނަމަވެސް، އަޅުގަނޑުމެން މިހާތަނަށް މިކަން ކުރަމުން އައިގޮތާ ޚިލާފަށް، އެހެން ގޮތަކަށް މިހާރު އެކަން ކުރަން ޖެހިފައިވާ ކަމެއް. އަޅުގަނޑު ވަރަށް އުފަލާ އެކީގައި އަބަދުވެސް ފާހަގަކުރާ ކަމެއް، ދިވެހި ދަރިއެއްގެ ޙައިޘިއްޔަތުން. ދިވެހިރާއްޖޭގެ އަޅުގަނޑުމެންގެ ޚާއްޞަކޮށް، އަޅުގަނޑުމެންގެ މަންމައިންނާއި، އަޅުގަނޑުމެންގެ ކޮއްކޮ، ދައްތަމެން، ޚާއްޞަކޮށް، އަންހެން ބޭކަނބަލުން، ރަށްރަށް ސާފުކޮށް ބޭއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތް. އަޅުގަނޑުމެން ކުޑައިރުގައި، އަޅުގަނޑު ކޮންމެ ރަށަކަށްދިޔަސް އަދި މާލޭގައިވެސް އަޅުގަނޑުމެންނަށް ހަމަ ފެނޭ، ހުރިހާ އަންހެން ބޭފުޅުން ނުކުމެވަޑައިގެން، ހެނދުނު މަގުމަތި ކުނި ކައްސަވާތަން. އަޅުގަނޑު މަންމަވެސް. އަދި އަޅުގަނޑުމެންގޭ އެހެން އަންހެން ބޭފުޅުންވެސް އެގޮތަށް. ހަމަ ރަށަކަށް ދިޔަސް، އެރަށެއްގެ ހުރިހާ އަންހެން ބޭފުޅުން ނުކުމެވަޑައިގެން، ރަށުތެރެ ސާފުކުރެއްވުމަށްޓަކައި ކޮންމެ ދުވަހަކު ހަމަ ކުނި ކައްސަވައި ހައްދަވާ. އެއީ މީހަކު އެއްޗެއްދީގެނެއް ނޫން. މީހަކު މާބޮޑު ކަމެއް ކޮށްދޭތީކީއެއްވެސް ނޫން. އެހެން ނަމަވެސް، އެ ބޭކަނބަލުންގެ ހިތްޕުޅުގައި، ރަށުގެ ރައްޔިތުންނަށް، ރަށަށްޓަކައި އޮންނަ ލޯތްބެއްގެ ސަބަބުން، ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމެއްގެ ސަބަބުން ކުރައްވަމުން ގެންދަވާ ކަމެއް. މިކަން ޒަމާނުއްސުރެ އަންހެން ބޭކަނބަލުން ގެންދަވަނީ ކުރައްވަމުން. އޭގެ ސަބަބުން ދިވެހިރާއްޖެއަކީ ސާފު، ތާހިރު، ރީތި ތަނެއްގެ ގޮތުގައި، މުޅި ދުނިޔެއަށް އަބަދުވެސް އޮންނަނީ މަޝްހޫރުވެފައި. ދިވެހިރާއްޖޭގެ ވާހަކަ، ބޭރު ބަޔަކު ކައިރީގައި ހަމަ ބުނާ ކޮންމެ ފަހަރަކު ބުނާނެ، ހާދަ ސާފު ތަނެކޭ ދިވެހިރާއްޖެއަކީ. ހާދަހާ ރީތި ތަނެކޭ. ދިވެހިރާއްޖެ ރީތިވަނީ، ދިވެހިރާއްޖެ ސާފުވީމާ. އެހެންވީމާ، އެ ބޭކަނބަލުން މިހާދުވަހުވެސް އެ ކުރައްވަމުން ގެންދެވި މަސައްކަތަކީ، އެއީ އަޅުގަނޑުމެން ވަރަށް އުފަލާ އެކީގައި، ޝުކުރުވެރިކަމާ އެކީގައި އަޅުގަނޑުމެން ފާހަގަކުރާ ކަމެއް.

އާދެ! މިއަދު ރަށް ސާފުކުރުމުގެ ކަންތައްވެސް މިހާރުވެސް ކުރައްވަމުން ގެންދަވަނީ ހަމަ އަންހެން ބޭކަނބަލުން. އެހެން ނަމަވެސް، ޒަމާން މިއޮތީ ބަދަލުވެފައި. ޒަމާނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެންނަން ޖެހިފައި މިއޮތީ. އެހެންވީމާ، މިހާރު އެބަޖެހޭ، އަޅުގަނޑުމެންގެ އާބާދީތައް ގިނަވުމުގެ ސަބަބުން، އަޅުގަނޑުމެން ބޭނުންކުރާ ތަކެތި ގިނަވުމުގެ ސަބަބުން، ޚާއްޞަކޮށް، އަޅުގަނޑުމެންގެ އަތްމަތިވެސް، ކުރިއާ އަޅާބަލާއިރުގައި ރަނގަޅުވުމުގެ ސަބަބުން އަޅުގަނޑުމެންގެ ކުނިބުނި މިހާރު ގިނަވެއްޖެ. އެހެންވީމާ، އުކާލަންޖެހޭ އެއްޗެހިވެސް ގިނަވެއްޖެ. ގޮނޑުދޮށަކަށް މިހާރަކު އެއްޗިއްސެއް ނޫކޭނެ. ޙަޤީޤަތުގައި ގޮނޑުދޮށް މި އޮންނަނީ އަތިރިމަތީގައި. އަތިރިމައްޗަކީ އެއީ ދިވެހިރާއްޖޭގެ އެންމެބޮޑު އެއް ރައުސްމާލު. އަޅުގަނޑުމެންގެ އިޤްތިޞާދު ބިނާވެފައި މިއޮތީ ފަތުރުވެރިކަމުގެ މައްޗަށް. ފަތުރުވެރިން ރާއްޖެ މިއަންނަނީ، އަޅުގަނޑުމެންގެ އަތިރިމަތިވެސް ބަލާލަން. އަތިރިމަތީގައި ވަގުތު ހޭދަކުރުމަށް. ރަށްތަކަށް ފައިބާއިރުގައި، އެންމެ ފުރަތަމަ ފެންނަނީ، އަތިރިމަތި، ދޮންވެލިގަނޑު. އެހެންވީމާ، އެ ދޮންވެލިގަނޑު އެއީ ގޮނޑުދޮށަކަށް ހެދޭކަށް މިހާރަކު ނެތް އަޅުގަނޑުމެންނަކަށް. އަނެއްކާ އަޅުގަނޑުމެން މި އުކާލާ ތަކެތީގެ ގިނަކަމުން، ވަރަށް އަވަހަށް ގޮނޑުދޮށް ފުރިގެން ގޮސް، ދެން މި ބޭނުންކުރަނީ، ކުނި މި ބޭނުންކުރަނީ ރައްޔިތުންނަށްޓަކައި. އެހެން ނަމަވެސް، އެގޮތަށް އެކަން ކުރުމަކީވެސް އެއީ މިހާރު އަދި އެންމެ ރަނގަޅު ގޮތެއް ނޫން. އެއީ ގޮނޑުދޮށް އުފެދިގެން، ރަށް ހިކެންވާ ގޮތް ނޫން ގޮތަކަށް ހިއްކުމުގެ ސަބަބުން، ދެން ދިމާވާ ކަމަކީ ރަށް ގިރުން. މިހުރިހާ ކަމެއް މިހުންނަނީ ގުޅި ލާމެހިފައި.

އެހެންވީމާ، މިއަދު އަޅުގަނޑުމެން އެބަޖެހޭ، ކުނި ނައްތާލުމުގެ އާ ނިޒާމެއް ޤާއިމްކުރަން. މި އާ ނިޒާމް ޤާއިމް ކުރުމުގައި، އަޅުގަނޑުމެން އެބަޖެހޭ، ކުނި އަޅާނެ ތަންތަން ހަދައި، އެ ތަންތަން ބަލަހައްޓައި، އެ ތަންތަނަށް ބޭނުންވާ އެކިއެކި އާލާތްތައް ބަލަހައްޓަން. މިހާރު ކުނި ނައްތާލުމުގެ ނިޒާމް ހަމަޖެހިގެން މިދާގޮތުން، އަޅުގަނޑުމެންނަށް މި ފެންނަނީ، ކޮންމެ ރަށެއްގައިވެސް، ކޮންމެ ގެއެއްގައިވެސް، ކުނި އެއްކުރުމަށްފަހުގައި، މުސްތަޤްބަލުގައި ދެން ފެނިގެންދާނީ، އެ ކުނި ވަކިކުރެވޭ ތަން. އެކި ބާވަތުގެ ކުނި ވަކިކުރެވިގެން، ވަކި އެއްޗެހީގައި އެއްކުރެވިގެން، ކުނި ނައްތާލާ ތަނަކަށް ގެނެވި، އެ ތަކެއްޗަށް ދޭންޖެހޭ، ކީކޭ ދަންނަވާނީ، ފަރުވާދީގެން، އެއިން ރަނގަޅު ނަތީޖާއެއް ނެރުން. ކުންޏަކީ އެއީ އުކާލާ އެއްޗެއް ނޫން މިހާރު. ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ކުނި އެއީ އުކާ އެއްޗެއް ނޫން. ކުނި އެއީ އޭގެ ސަބަބުން ހަކަތަ އުފައްދާ އެއްޗެއް. ނޫނީވިއްޔާ، ކޮންމެވެސް އެހެން ކަހަލަ މަޢުދަނެއް، ނޫނީވިއްޔާ، ކޮންމެވެސްކަހަލަ، މަސައްކަތަށްޓަކައި ބޭނުންވާ މެޓީރިއަލެއް އުފައްދާ އެއްޗެއް.

އެހެންވީމާ، މިހާރު އިއްޔެ އަޅުގަނޑު ފާހަގަކުރި ކަމެއް އިނގޭތޯ، ޖަނާހު އިއްޔެ ތިޔަ ހުޅުއްވެވި މަރްކަޒަށް، ތިޔަބޭފުޅުން ވިދާޅުވީ، ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމަންޓް. ރިސޯސް ރިކަވަރީގެ މާނައަކީ، އަޅުގަނޑުމެންނަށް ތަކެތި އުފެއްދުމަށް ބޭނުންވާ، އެކިއެކި މާއްދާތައް ސަލާމަތްކުރުން. ކުނިބުނީގެ ތެރެއިން ސަލާމަތްކުރުން. މިހާރު މިސާލަކަށް ދަންނަވަންޏާ، ދަގަނޑު، އުކާލާ ދަގަނޑުތައް އެއްކޮށްގެން، އެ ދަގަނޑު ކޮންމެވެސް ތަނަކަށް ގެންގޮސް، އެ އަނެއްކާ އެހެން ކަމަކަށް ބޭނުންކުރުން. ހަމަ އެގޮތަށް، ޕްލާސްޓިކްވެސް. މިގޮތަށް ބޭނުންކުރެވޭނެ އެއްޗެހިތަކެއް ކުނިބުނީގައި މި ހުންނަނީ. މިހާރު ކުނިބުންޏަކީ އެއީ، ކުރިން ދެންނެވިހެން އުކާލާ އެއްޗެއް ނޫން. އެއީ އޭގައި ހުރި ޤުދްރަތީ ގޮތުން ފަނާވެގެންދާނެ ބަޔޯ ޑީގްރޭޑެބްލް އެކިއެކި އެއްޗެހި. އެއީ ކާބޯތަކެތީގެ އުކާލާ ކުންޏާއި، ފަތްޕިލާވެއްޔާ، މިކަހަލަ ތަކެތި. މިއީ ޤުދްރަތީ ގޮތުން ފަނާވެގެން ގޮސް، ވެލިގަނޑާ އެއްވެގެން، އިތުރަށް ބިމަށް މުއްސަނދި ކަމެއް ގެނެސްދޭނެ އެއްޗެހި.

އެހެންވީމާ، އެ ބޭނުންކޮށްގެން، ގަހުކާނާ އުފެއްދޭނެ ގޮތް މިއަދު އެބަ ހޯދޭ. އެހެންވީމާ، އަޅުގަނޑު މިދަންނަވާ އެއްޗަކީ، މިހާރު ކުނިބުނި ނައްތާލުން މިއީ މުޅިން އެހެން ނިޒާމެއްގެ ތެރެއަށޭ މިދަނީ. މިއަދު މި ރަށުގައި މި އެޅުނު ބިންގާ މިއީ ވަރަށް މުހިންމު ބިންގާއެއް. މިއީ ހަމައެކަނި ކޮށްޓެއް އެޅުމެއް ނޫން. މީގެ ބޭނުމަކީ، މި ބިންގަލަކީ މިއީ އަޅުގަނޑުމެން ކުނިބުނި އެއްކޮށް ނައްތާލައި، އޭގެ ބޭނުންކުރާ ނިޒާމަށް ގެނެވޭ ބަދަލެއްގެ ބިންގާ އަޅުގަނޑުމެންނަށް މިއަދު މި އެޅުނީ. އެހެންވީމާ، މި މަޝްރޫޢާ އެކީގައި، އެބަޖެހޭ އަޅުގަނޑުމެން ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގަން. ތަޢްލީމީ ޕްރޮގްރާމެއް ހިންގަން. އަދި ހަމައެއާއެކުގައި، އަޅުގަނޑުމެން މިކަންކުރާ ގޮތަށް ބަދަލުތަކެއް ގެންނަން. އެހެންވީމާ، އެ މަސައްކަތް އެއީ މިތާ ފާރުލުމަށްވުރެން އަދި މާބޮޑު މަސައްކަތެއް.

އަޅުގަނޑު އުންމީދު ކުރަން، މިރަށުގެ ޒުވާން ވެރިން، އަޅުގަނޑުމެންގެ އިންވެސްޓަރުންނާ ގުޅިވަޑައިގަންނަވައިގެން، އެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް. އޭރުން އިރާދަކުރެއްވިއްޔާ، މިރަށުގައި ހައްދާ ދަނޑުބިމަށް ބޭނުންވާ ކާނާ، މިރަށުން އުފެއްދޭނެ. އަޅުގަނޑުމެން މި އުކާލާ ދަގަނޑުތަކާއި ޕްލާސްޓިކްތަކަށް އެކަށީގެންވާ އާމްދަނީއެއް ލިބި، މި ކުނި ނައްތާލުމުގެ ނިޒާމް ހިންގުމުގެ ޚަރަދު، އޭގެތެރެއިން ކޮންމެވެސްވަރަކަށް ބެލެހެއްޓިގެންދާނެ. އެހެންވީމާ، މި ނިޒާމް އަޅުގަނޑުމެން އިރާދަކުރެއްވީތީ، މިއަދު މި ޤާއިމްކުރަން ފެށީ.

އަޅުގަނޑުގެ އުންމީދަކީ، މިރަށުގެ ކުނި ނައްތާލުމުގެ ނިޒާމަކީވެސް، ރާއްޖޭގެ އެހެން ރަށްރަށަށްވެސް ނަމޫނާ މަޝްރޫޢަކަށް ވެގެންދާނެ ކަމަށް. އަދި ތިޔަ ހުރިހާ ބޭކަނބަލުންގެ އެހީއާއެކީގައި، ހުރިހާ ބޭފުޅުންގެ އެހީއާއެކީގައި، މި މަޝްރޫޢު، ރަނގަޅު، ބޭނުންތެރި، މިދެންނެވިކަހަލަ ނަމޫނާ މަޝްރޫޢަކަށް ވެގެންދާނެ ކަމަށް. އެކަމުގައި ދައުލަތުގެ ފަރާތުންވެސް އަޅުގަނޑުމެންނަށް ވެދެވެން ހުރި ހުރިހާ އެހީއެއް، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ވެދޭން މިތިބީ.

އަޅުގަނޑުގެ ދުޢާއަކީ، މާމެންދޫގެ ރައްޔިތުންނަށް މާތްﷲ ރަޙްމަތް ލެއްވުން. މާމެންދުއަކީ ސާފު ތާހިރު، ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅޭ ރައްޔިތަކު ތިބި ރަށެއް ކަމުގައި މާތްﷲ މިންވަރު ކުރެއްވުން. އަޅުގަނޑަށާއި، އަޅުގަނޑުގެ ޓީމަށް ދެއްވި ހޫނު މަރްޙަބާއަށްޓަކައި އަދިވެސް ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

والســّلام عليــكم