بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް ހޯމްއެފެއާޒް، ކޮމިޝަނަރ އޮފް ޕޮލިސް، މިނިސްޓަރ އޮފް ޑިފެންސް، ފުލުހުންގެ ޢިއްޒަތްތެރި ވެރިން، ކެބިނެޓްގެ ވަޒީރުން، ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން. އަދި އަޅުގަނޑުމެންގެ ލޮބުވެތި ފުލުހުންގެ އެންމެހާ ބޭކަލުންނާއި ބޭކަނބަލުން.

Excellencies, Ladies and Gentlemen.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ސަބަބަކީ ދިވެހިރާއްޖޭގައި މިފަދަ މުހިންމު އިންސްޓިޓިއުޓެއް އުފެދިގެންދާކަން. އެކަމަށްޓަކައި އާދެ! މި އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ ނަމުގައި އާ މަރްކަޒެއް ޤާއިމް ކުރެއްވި ކަމަށްޓަކައި އަޅުގަނޑު ޚާއްޞަކޮށް، އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ހޯމްއެފެއާޒަށް އަދި ޕޮލިސް ކޮމިޝަނަރަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑު ދަންނަވާނީ، މިއީ ފުލުހުންގެ ތާރީޚުގައި އަދި ޚާއްޞަކޮށް، ރާއްޖޭގެ ލޯ އެންފޯސްމަންޓްގެ ތާރީޚުގައި ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްލެވިގެންދާ ކަމެކޭ. އާދެ! މީގެކުރިން ވާހަކަ ދެއްކެވި ބޭފުޅުން ވަރަށް ތަފްޞީލުކޮށް ވާހަކަ ދައްކަވައިފި. މި އިންސްޓިޓިއުޓުން ކުރާނެ މަސައްކަތްތަކާ ބެހޭގޮތުން. އެ ވާހަކަފުޅުތައް އަޑުއިވުމުން، އަޅުގަނޑުމެންގެ ހިތަށް ލިބިގެންދަނީ، ވަރަށްވެސް ފިނިކަމެއް. ސަބަބަކީ އަޅުގަނޑުމެން އެންމެންގެ، އަޅުގަނޑުމެން ހުރިހާ ރައްޔިތުންގެ އަމަންއަމާންކަން ޤާއިމް ކުރުމަށްޓަކައި، އަޅުގަނޑުމެންނަށް އަމާންކަމާ އެކީގައި ހިނގާބިގާވެ، އަޅުގަނޑުމެންގެ މުޖްތަމަޢުގައި އުޅެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް މި ކަށަވަރުކޮށްދެނީ، އަޅުގަނޑުމެންގެ ފުލުހުން. އަޅުގަނޑުމެންގެ ލޯ އެންފޯސްމަންޓް އޭޖެންސީތައް. އެހެންވީމާ، އެ އޭޖެންސީތަކުގައި ތިއްބަވާ ބޭފުޅުންގެ ޓްރޭނިންގއާއި، އެބޭފުޅުން ތަމްރީނުވެ، އެބޭފުޅުންގެ ފެންވަރު ރަނގަޅުވެގެން އައުމަކީ، އަޅުގަނޑުމެންގެ މުޅި ޤައުމަށް، އަޅުގަނޑުމެން ހުރިހާ ރައްޔިތުންގެ އަމަންއަމާންކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަން އަޅުގަނޑުމެން ޤަބޫލުކޮށް، އަޅުގަނޑު އެކަން ޔަޤީންކުރަން.

އާދެ! މިއަދު ދިވެހިރާއްޖޭގެ މުޖްތަމަޢު މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. އިހުގެ ދިވެހިރާއްޖޭގައެއް ނޫން މިހާރު އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑު ސްކޫލް ދައުރުގައި، މީގެ ގާތްގަނޑަކަށް، ކީކޭ ދަންނަވާނީ، ސާޅީހަކަށް އަހަރު ކުރިން އުޅުނުއިރުގައި، މާލެއަކީ ވަރަށް ކުޑަކުޑަ ނިދިމަޑުވެފައި އޮންނަ ރަށެއް. މާލޭގެ މަގުތައް ހުރީ ޕޭވްނުކޮށް. މާލޭގައި އުޅެނީ ގާތްގަނޑަކަށް ފަންސާހަކަށްހާސް މީހުން. ސްކޫލް ކުދިންގެ ރަޖިސްޓްރީއެއް ހަދައިގެން، އެކުދިން ނަމާދަށްދޭތޯ، ނުދޭތޯ ބަލަމުން ގެންދޭ. މަގުމަތީގައި ރޭގަނޑު 9ގެ ފަހަކުން ބޭރަކު ނޫޅެވޭ. އުޅޭ ހުރިހާ ކުދިން ހެޑްމާސްޓަރަށް އެނގިވަޑައިގަންނަވާ. މިކަހަލަ ރަށެއްގެ ގޮތުގައި މާލެ އޮތީ. ނަމަވެސް، މިއަދު މާލެވެސް މިއޮތީ އެހެނެއް ނޫން. މިއަދު މާލެއަކީ ވަރަށް ހަލަބޮލި، ވަރަށް އަޑުގަދަ، ވަރަށް ޙަރަކާތްތެރި ސިޓީއެއް. މި ސިޓީގައި މިއަދު އެބައުޅޭ، އެއްލައްކައަށްވުރެ ގިނަ މީހުން. މިހުރިހާ އެންމެންގެ ތެރޭގައި އަދި ވަރަށްގިނަ ޢަދަދެއްގެ، އަޅުގަނޑުމެން ނުވެސް ދަންނަ ބިދޭސީންތައްވެސް އެބައުޅޭ. މިއަދު އަޅުގަނޑުމެންގެ މި ސިޓީގައި، ހިނގާ ކަންކަމަކީ އެއީ އަޅުގަނޑުމެން ގިނަ މީހުންނަށް އެނގޭ ކަންތަކެއް ނޫން. އަދި ވެވޭވަރުގެ ކަންތަކެއްވެސް ނޫން. މިއަދު އަޅުގަނޑުމެންނަށް އެނގޭ ކަމަކީ، އަޅުގަނޑުމެންގެ މި ސިޓީގައި، މާރާމާރީ ކަންތައް ހިނގާކަން. އަދި މީހުން މެރުމުގެ ޙަރަކާތްތައްވެސް ވަރަށް ގިނައިން އެބަ ހިނގާކަން. މިކަންކަމަކީ، އަޅުގަނޑު ކުރިން ދެންނެވިހެން، މީގެ ސާޅީހަކަށް އަހަރު ކުރިން، އެކަހަލަ ކަމެއް ހިނގިޔަސް، މުޅި ޤައުމު އެކަމަށްޓަކައި ކަންބޮޑުވެގެން، ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން އުޅޭކަހަލަ ކަންތައްތައް. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޑްރަގްސްގެ ކަންތައް މިއޮތީ ވަރަށް ބޮޑަށް ގޯސްވެފައި. ކުރިން ޑްރަގްސް، ދިވެހިރާއްޖޭގައި ޢާންމުކޮށް ގެންގުޅޭ އެއްޗެއް ނޫން އެއީކީ. އެހެންވީމާ، މިބާވަތުގެ ކިތަންމެ ކަންތައްތަކެއް މިއޮތީ ބަދަލުވެފައި. ބަދަލުވުމުގެ ސަބަބުން އަޅުގަނޑުމެންގެ ސަލާމަތަށް، އަޅުގަނޑުމެންގެ ސޭފްޓީއަށް މިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައި. އަދި މިއާ އެކީގައި، ދިވެހިރާއްޖެ މިވަނީ ވަރަށް ބޮޑަށް ހުޅުވާލެވިފައި. ދުނިޔޭގެ އެކިއެކި ޤައުމުތަކާއި، އެކިއެކި ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކުން ރާއްޖޭގައި ހިނގާ ނުހިނގާ ކަންތައް، ބޮޑުވާ ބިއްލޫރި އަޅައިގެން ބަލަމުން މިގެންދަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމުގައި، އަޅުގަނޑުމެން ކަންތައް ކުރާގޮތް މިހާރު މިއޮންނަން ޖެހެނީ، ދުނިޔޭގެ ފެންވަރުގައި. ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި، އެކަންކަން ކުރާގޮތަށް. މިއަދު އަޅުގަނޑުމެންގެ އާބާދީއަކީ ވަރަށް ތަޢުލީމީ، ތަންދޮރު އެނގޭ، ދުނިޔެއަށް ލޯ ހުޅުވިފައި ތިބި އާބާދީއެއް. އަޅުގަނޑުމެން މިއަދު ޤަބޫލުކޮށްގެން މިތިބީ، ވަރަށް ކުރިއަރާފައި އޮތް ސިޔާސީ ނިޒާމެއް. އަޅުގަނޑުމެން މި ދިރިއުޅެނީ ވަރަށް މިނިވަން ޖައްވެއްގައި. ދުނިޔޭގެ ގިނަ ޤައުމުތަކުގައި، މިނިވަންކަން ދޫކޮށްލެވިފައި އޮންނަ ވަރަށްވުރެ މާ މަތީ ދަރަޖައަކަށް، ދިވެހިރާއްޖޭގައި މިނިވަންކަން މިއަދު މިއޮންނަނީ. މިކަހަލަ މާޙައުލެއްގައި، ހުރިހާ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދީ، ހުރިހާ ރައްޔިތުންގެ އަމަން އަމާންކަން ބެލެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެއް. އެހެން ނަމަވެސް، މި މަސްއޫލިއްޔަތު އަދާކުރުމުގައި، އަޅުގަނޑުމެންގެ ފުލުހުން މިހާތަނަށް ދައްކާފައިވަނީ ވަރަށްވެސް ކުޅަދާނަ، ޤާބިލް ނަމޫނާއެއް. އެވާހަކަ ހޯމް މިނިސްޓަރވެސް އެ ވިދާޅުވީ. ވަރަށް އުނދަގޫ ޙާލަތުގައިވެސް، ޤައުމުގެ މަޞްލަޙަތު ނުގެއްލޭ ގޮތަށް، ޤައުމުގައި އަމަންއަމާންކަން ނުގެއްލޭ ގޮތަށް، އަޅުގަނޑުމެން އެންމެންނަށް ހިނގާބިގާ އުޅެވޭގޮތަށް، އަޅުގަނޑުމެންގެ ވިޔަފާރިތައް ބަންދުނުކޮށް، ވިޔަފާރި ކުރެވޭގޮތަށް، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އައިސް ތިބެވޭ ގޮތަށް، އަޅުގަނޑުމެންގެ އެއަރޕޯޓްތައް ހުޅުވިފައި އޮންނަ ގޮތަށް، މި ގޮތްގޮތަށް އަޅުގަނޑުމެންގެ ޙާލަތު ބަލަހައްޓައިދީ، މިކަންކަން މެނޭޖްކޮށްދިނުމަކީ، އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫން. އެހެން ނަމަވެސް، އެކަން ވަނީ އަޅުގަނޑުމެންގެ ފުލުހުން ވަރަށް ޤާބިލްކަމާ އެކީގައި ކޮށްދެއްވާފައި. އެހެންވީމާ، އަޅުގަނޑު އަބަދުވެސް އަޅުގަނޑުމެންގެ ފުލުހުންނަށް ތަޢުރީފާއެކީ ޝުކުރު ދަންނަވަން.

އާދެ! ކުރިން ދެންނެވިހެން، މި ބަދަލުވެފައިވާ މާޙައުލުގައި، ހުޅުވާލެވިފައިވާ މުޖްތަމަޢުގައި އަޅުގަނޑުމެން ކަންތައް ކުރާ ގޮތްގޮތް އެހެން އެންމެން ބަލަން މިތިބީ. ވީމާ، މިއަދު އަޅުގަނޑުމެންގެ ޕޮލިސްއަށް، އަޅުގަނޑުމެންގެ ސެކިއުރިޓީ ފޯސަސްއަށް އަޅުގަނޑުމެން އެބަ ދޭންޖެހޭ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް، ކުރިއަރާފައިވާ ޤައުމުތަކުގައި ދޭ ތަމްރީނު، ހުރިހާ އެންމެންނަށްވެސް. ފުލުހަކު ޚިދްމަތުގައި ބައިވެރިވުމާ ގުޅިގެން، އެ ޚިދްމަތް ދޭން ނުކުތުމުގެ ކުރިން އިންޑަކްޝަން ޓްރޭނިންގ އެބަ ދޭންޖެހޭ. އަޅުގަނޑުމެންގެ ފުލުހުންގެ ފޮރ ވެލިއުސްއާއި، އަޅުގަނޑުމެން ޤަބޫލުކުރާ ކަންތައްތަކާއި، ގައިޑްލައިންސްއާއި، ޤަވާޢިދުތަކާ، މިހުރިހާ އެއްޗެއް އެބަ ދަސްކުރަންޖެހޭ، މަގުމައްޗަށް ނުކުތުމުގެ ކުރިން. އެކަން މިހާތަނަށް ކުރައްވަމުން ގެންދެވީ، ޕޮލިސް ޓްރޭނިންގ އެކަޑަމީގެ ފަރާތުން. މިއަދު އެ އެކަޑަމީ ބޮޑުވެ، ވަކިވަރަކަށް ތަޞައްރަފް ފުދިގެން، އިންސްޓިޓިއުޓަކަށް ބަދަލުވެގެން މިދަނީ. އެހެންވީމާ، މިއީ ވަރަށް ތާރީޚީ ތަނެއް މިތަނަކީ.

އާދެ! ޚާއްޞަކޮށް، ޑިގްރީ ފެންވަރަށް، ސެކިއުރިޓީ ސްޓަޑީޒް، ލޯ އެންފޯސްމަންޓް ސްޓަޑީޒް ކިޔެވުމުގެ ފުރްޞަތު ލިބޭކަން އެއީ، ރާއްޖޭގައި ތިބެގެން އެކަން ކުރެވޭކަން އެއީ ވަރަށްބޮޑު ކުރިއެރުމެއް އަޅުގަނޑުމެންނަށް ލިބޭ. މިހާތަނަށް އަޅުގަނޑުމެން އެފަދަ ޓްރޭނިންގ ހަދަމުން މިގެންދަނީ ރާއްޖެއިން ބޭރުގައި. އެކިއެކި ޤައުމުތަކުންދޭ ސްކޮލަރޝިޕްތައް ބޭނުންކޮށްގެން. އެނގިވަޑައިގަންނަވާނޭ ފަދައިން، މިފަދަ ކޯސްތަކެއް، މި ޤައުމީ ޔުނިވަރސިޓީއަކު ނޫނީ އެހެންވެސް ކޮލެޖަކުއެއް އަދިއެއް ރާއްޖެއަކުއެއް ނެތް. އެހެންވީމާ، ގިނަ ކުދިންނަށް މިދާންޖެހެނީ އޮސްޓްރޭލިޔާއަށް ނޫނީ ސްކޮޓްލަންޑަށް ނޫނީ ކޮންމެވެސް އެހެން ޤައުމަކަށް. ގޮސްގެން އެ ޓްރޭނިންގ ހޯދަން މިޖެހެނީ. އެހެން ނަމަވެސް، މި ފޯސް ޤާއިމް ކުރުމާ ގުޅިގެން، ޑިގްރީ ލެވެލަށް، ރާއްޖޭގައި މި ސްޓަޑީޒް ހެދޭނެގޮތްވުމަކީ އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ވަރަށްބޮޑު ކުރިއެރުމެއް، ވަރަށްބޮޑު ނަޞީބެއް. ދެން މިއީ ހަމައެކަނި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިއީ ހަމައެކަނި ފުލުހުންނަށް ޓްރޭނިންގ ދިނުމަށް ހެދޭ އިންސްޓިޓިއުޓެއް ނޫން. މި އިންސްޓިޓިއުޓްގައި، ސެކިއުރިޓީއާއި ލޯ އެންފޯސްމަންޓާބެހޭ ހުރިހާ ދާއިރާއެއްގެ މީހުންނަށް. އެއީ ސަރުކާރު ބައިވެރިވާ މުއައްސަސާތައް ކަމުގައިވީނަމަވެސް، ނޫނީވިއްޔާ އަދި ޕްރައިވެޓް ސެކްޓަރ ނަމަވެސް، އެފަރާތްތަކުގެ ބޭފުޅުންނަށް ތަމްރީނު ދިނުމުގެ ފުރްޞަތު، މި އިންސްޓިޓިއުޓްގައި ހުޅުވިގެންދާނެ. ވަރަށް ތަފާތު ރޮނގު ރޮނގުން މި ސްޓަޑީޒް އަޅުގަނޑުމެން އެބަޖެހޭ މިއަދު ހިންގަން. އަޅުގަނޑުމެން ދެކަމެއްގެ ވާހަކަ ދެއްކީ. މާރާމާރީ އާއި ޑްރަގްސްގެ ވާހަކަ. އޭގެއިތުރުން، މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި، ޓެރަރިޒަމްގެ ނުރައްކަލާއި، ޕައިރަސީގެ ނުރައްކަލާއި އަދި އަޅުގަނޑުމެންގެ ބޭރުން އޮންނަ އެކިއެކި މީސްމީހުން ރާއްޖޭގައި ހިންގާފާނެ އެކިއެކި ޙަރަކާތްތަކާ، މިހެންގޮސް ކިތަންމެ ކަންތައްތަކެއް، ހިއުމަން ޓްރެފިކިންގއާ، މިއީ ކުރިން އަޅުގަނޑުމެން ނުދަންނަ ކިތަންމެ ކަންތައްތަކެއް މިއަދު ރާއްޖޭގައި ހިނގަމުން އެބަދޭ. އެހެންވީމާ، އެކަންކަމުގައި އަޅުގަނޑުމެން އެބަޖެހޭ، ހުނަރުތަކާއި، މަޢުލޫމާތާއި، ޢިލްމާއި، ޤާބިލްކަން އުފައްދަން. އެކަން ކުރުމަށްޓަކައި މިއަދު މި އިންސްޓިޓިއުޓް މި އުފެދިގެން މިދިޔައީ.

އަޅުގަނޑަށް އެނގޭ އަދި އިންސްޓިޓިއުޓެއް އުފެދުނަކަސް، އަދި އެހިސާބުން ނިމުނީކީ ނޫން. މިކަމަށް އެބަ ބޭނުންވޭ، ވަރަށްގިނަ ރިސޯސަސް. މިއަދު އަޅުގަނޑުމެން މި އިންސްޓިޓިއުޓް މި އުފެއްދީ، މިކަމަށް ދާއިމީ މަރްކަޒެއް ނެތި، މިކަމަށް ދާއިމީ އަދި ކިޔަވައިދޭ ޕްރޮފެސަރުންތަކެއްވެސް ނެތި. އެހެން ނަމަވެސް، އެކި ފަރާތް ފަރާތުގެ އެހީ ހޯދައިގެން، މިހާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ކިޔަވައި ދެއްވައިގެން، އެހެން ކަންކަމަށް ބޭނުންކުރާ ޢިމާރާތްތަކުގައި ކްލާސް ހިންގައިގެން، އެކަހަލަ ގޮތަކަށް މި އިންސްޓިޓިއުޓް މި ފެށެނީ. އެހެން ނަމަވެސް، ﷲ އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި މި އިންސްޓިޓިއުޓް ވެގެންދާނީ، އޭގެ ހަމަ ޒާތުގައި، އަމިއްލަ ކެމްޕަސްއެއްގައި، އެތާނގައި ޑެޑިކޭޓަޑް ސްޓާފުން ތިބެގެން، ދުނިޔޭގެ ފެންވަރުގައި ހިނގާ އިންސްޓިޓިއުޓަކަށް. އެކަމަށްޓަކައި ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! ބޭރުގެ ފަރާތްތަކާ ގުޅިގެން މިހާރުވެސް މި ކޯސް މި ފެށެނީ. އެއީ އަޅުގަނޑު ވަކިން ޚާއްޞަކޮށް އުފާކުރާ ކަމެއް. ސަބަބަކީ އަޅުގަނޑުމެންނަށްވެސް ހަމަ މި ހިންގާލެވިދާނެ އިނގޭތޯ. ކޯހެއް އަޅުގަނޑުމެން ދެތިން މީހަކު ވެގެން ކޯހެއްގެ ނަން ކިޔާފައި، އަޅުގަނޑުމެންނަށް އިންޓަރނެޓުންނާއި ތަންތަނުން މަޢުލޫމާތު ހޯދައިގެން، އަޅުގަނޑުމެންނަށް ކޯހެއް ހިންގާލެވިދާނެ. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން އެބަ ޤަބޫލުކުރަންޖެހޭ، މި ކޮންމެހެން އެކަނިމާއެކަނި ކަންތައް ކުރުމަކީ އެންމެ މޮޅު ގޮތެއް ނޫންކަން. އެހެން މީސްމީހުންނާވެސް ގުޅިގެން، އެހެން މީސްމީހުންވެސް ދޭންހުރި އެކްސްޕަރޓީޒްއާ އެއްޗެހި ގެނެސްގެން، އެންމެން ގުޅިގެން މިކަން ކުރުންކަން މީގެ އެންމެމޮޅު ގޮތަކީ. އެހެންވީމާ، ތިޔަބޭފުޅުން އެގޮތް ޚިޔާރު ކުރެއްވިކަން އެއީ އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް ތަޢުރީފުކުރާ ކަމެއް. އަޅުގަނޑަށް މިއަދު އެ މަންޒަރު، އެހެން ދިމަދިމާލުން ނުފެންނާތީ، އަޅުގަނޑު އެކަމާ ހިތާމަކުރަން. އެގޮތުން، ޚާއްޞަކޮށް، ބްރިޓިޝް ޕޮލިސް ކޮލެޖާއި އަދި ވެސްޓަން ޔުނިވަރސިޓީގެ ޕޮލިސް އެކިއެކި އިންސްޓިޓިއުޓްތަކާ، މިތަންތަނާ ގުޅިވަޑައިގަންނަވައިގެން، ތިޔަބޭފުޅުން ކޯސްތައް ރާއްވަވައި، އެތަންތާނގެ ބޭފުޅުން ބޭނުންކުރައްވައިގެން އަދި މިޒަމާނުގެ ޓެކްނޯލޮޖީ ބޭނުންކުރައްވައިގެން، އިންޓަރނެޓް، ލިބެންހުރި ޓެކްނޯލޮޖީގެ ބޭނުންކުރައްވައިގެން، މި ކޯސްތައް ދުނިޔޭގެ ފެންވަރުގައި ޤަބޫލުކުރެވޭ ކޯސްތަކެއްގެ ގޮތުގައި ރާއްވަވައިގެން ހިންގަވާކަން އެއީ އަޅުގަނޑުމެން ވަރަށް އުފާކުރަންޖެހޭނެ. މި އިންސްޓިޓިއުޓުން ނަގާ ޑިގްރީއަކީ އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ޤަބޫލުކުރާ ޑިގްރީއަކަށްވާނެ. އެއީ މިދެންނެވިކަހަލަ ޕާޓްނަރޝިޕްތަކާ އެކީގައި މަސައްކަތް ކުރައްވައިގެން، ދިވެހިރާއްޖޭގެ އެކްރެޑިޓޭޝަންސް ފޮރ ކޮލިފިކޭޝަން މުއައްސަސާގެ އިތުރުން، ދުނިޔޭގެ އެހެން ޤައުމުތަކުގައި އެކްރެޑިޓޭޝަން ޕޮލިސްތަކާވެސް ގުޅިގެން މިކަން ކުރައްވާތީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި ކޯސްތަކުގައި ކިޔަވާ ވިދާޅުވާ ބޭފުޅުންވާނީ، ދުނިޔޭގެ އެހެން ތަންތާނގައިވެސް ޤަބޫލުކުރެވޭ ފެންވަރުގެ ބަޔަކަށް.

އަޅުގަނޑުގެ އުންމީދަކީ، މި ކޯސްތައް ފުޅާވެ، ރާއްޖޭގައި ސެކިއުރިޓީޒް ސްޓަޑީޒް، ލޯ އެންފޯސްމަންޓް ސްޓަޑީޒް ކިޔަވަން ބޭނުންވާ ހުރިހާ އެންމެންނަށް ފުރްޞަތު ލިބޭގޮތަށް މިކަން އިންތިޒާމްވެގެން ދިޔުން. ހީނުކުރާކަހަލަ ކަންކަމުގައި މިއަދު ޓްރޭނިންގ ބޭނުންވެފައި މިވަނީ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުންނަކަށް އެނގިވަޑައެއްނުގަންނަވާނެ، އެއްތަނުން އަނެއް ތަނަށް ފައިސާ ބަދަލުކުރާއިރުގައި ދިމާވާ ނުރައްކާ. މިއަދު އަޅުގަނޑުމެންގެ ޕޮލިސްއަށް މިޖެހެނީ، އެކަންވެސް ކޮށްދޭން. ގިނަ ޢަދަދެއްގެ ފައިސާ، އެއްތަނަކުން އަނެއް ތަނަކަށް ބަދަލުކުރާނަމަ، މިސާލަކަށް، ކުންފުންޏަކުން ބޭންކަކަށް ބަދަލުކުރާނަމަ، އެއް ބޭންކުން އަނެއް ބޭންކަށް ބަދަލުކުރާނަމަ، މިއަދު މިޖެހެނީ ފުލުހުންނާއި ސިފައިން އެކަމުގައި އުޅެން. އެހެން ނަމަވެސް، އެއީކީ ދުނިޔޭގެ ހުރިހާ ތަނެއްގައި އެކަންކުރާ ގޮތެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައިވެސް އެބަ ހުންނަންޖެހޭ، ސެކިއުރިޓީޒް ކުންފުނިތައް. މިހާރުވެސް އުފެދިފައިވެސް އެބަހުރި ބައެއް ތަންތަން. އެތަންތާނގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީވެސް ހަމަ ހުރިހާ ބަޔަކަށް ޓްރޭނިންގ ލިބިފައި ތިބި ބޭފުޅުންނަށް އެބަވާންޖެހޭ. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ، މި އިންސްޓިޓިއުޓުން ކުރެވޭނެ. ދެން އަދި ހަމަ އެހެން، މުސްތަޤްބަލުގައި، އަޅުގަނޑު ދެކޭގޮތުގައި، މި އިންސްޓިޓިއުޓަކީ ހަމައެކަނި ޓްރޭނިންގދޭ ތަނެއް ނޫން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިތަންވާންޖެހޭނެ، ޓްރޭނިންގެ އިތުރުން، ސެކިއުރިޓީއާ ބެހޭގޮތުން ލަފާ ހޯދޭ ތަނަކަށް. އެޑްވައިސްދޭ ތަނަކަށް. ޓެކްނިކަލް އެސިސްޓެންސްދޭ ތަނަކަށް. މިސާލަކަށް ދަންނަވަންޏާ، ކުންފުންޏަކުން ނޫނީ ރިޒޯޓަކުން އެތާނގެ ސެކިއުރިޓީ ކަންތައްތައް އިންތިޒާމް ކުރާއިރުގައި، އެކަމުގެ ލަފާ ހޯދާނެ މުޢުތަބަރު، އިތުބާރުހުރި ފަރާތަކަށްވާންވެސް އެބަ ހުންނަންޖެހޭ. އެތަނަކީ މި އިންސްޓިޓިއުޓް ކަމަށްވުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، އަދި މީގެއިތުރުން، ރާއްޖޭގެ ސަލާމަތީ އެކިއެކި ކަންކަމާ ބެހޭގޮތުން ޚާއްޞަކޮށް، ދާޚިލީ ސަލާމަތީ ކަންތައްތަކާ ބެހޭގޮތުން އެކިއެކި ދިރާސާތައް ކުރުމަކީ އެއީވެސް ކުރަންޖެހޭ ކަމެއް. އެކަންވެސް ﷲ އިރާދަކުރެއްވިއްޔާ، މި އިންސްޓިޓިއުޓް ތަރައްޤީވުމުން ދިޔަދިޔަހެން ކުރެވިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! އަދިވެސް އެއްފަހަރު އަޅުގަނޑު، މިހާ ފުރިހަމަކޮށް މިކަން ރާއްވަވައިގެން، މި އިންސްޓިޓިއުޓް ނަންގަވައިގެން، ހޯމް މިނިސްޓްރީގެ ފަރާތުންނާއި، ޕޮލިސް ސަރވިސްގެ ފަރާތުން މިކަން ކުރައްވާތީ، އަޅުގަނޑު މިނިސްޓަރަށާއި، ޕޮލިސް ކޮމިޝަނަރަށާއި އަދި ޕޮލިސްގެ އިސްވެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

I would also like to say a few words in English, just to thank our partners from abroad, particularly the Scottish Police, college and our diplomats, and other representatives who are here for supporting this institute.

For us, this is a landmark event as we are establishing this new institute which is going to enhance our police training and security training in the country. And at a time when international scrutiny is heavily on Maldives, as we go through this very difficult democratic transition, it is very important for us to build a professional police service and to ensure that all of our police personnel, security personnel, follow strict guidelines and adhere to their co-values and demonstrate their professionalism.

I believe they have done a marvelous job until now. Of course sometimes when you have difficult assignments, things happen. But that shouldn’t be equated with the normal situation.

I am quite confident that our police force will continue to be a professional body that conforms to international standards of excellence. And to do that I think this institute is going to enormously contribute, and the expertise that our colleagues from abroad are providing to this endeavor, I think will ensure that we maintain those standards. I really appreciate your contribution, and I hope you continue to assist us.

I am really happy that we are starting this undergraduate and graduate level courses for our security personnel. And it is our hope that the Maldivian security forces will continue and grow to be highly respected, at par with the most professional law enforcement personnel in any country.

So thank you all for this great initiative. And I wish this institute all the best. I am happy to assure that this institute will continue to receive the utmost importance from the government, and the necessary resources to make this successful.

Thank you very much.

والســّلام عليــكم.