އިންސްޓިޓިއުޓް ފޮރ ސެކިޔުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒުން ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާކަމީ، ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ސެކިޔުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް ރަސްމީ ގޮތުން އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި، މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި ބޭއްވެވި ރަސްމިއްޔާތުގައި، އެ އިންސްޓިޓިއުޓް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވައި، އަދި އެތާނގެ ވެބްސައިޓްވެސް އިފްތިތާޙް ކޮށްދެއްވުމަށްފަހު، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ފުލުހުންގެ ތާރީޚުގައި އަދި ރާއްޖޭގެ ލޯ އެންފޯސްމަންޓް ދާއިރާގައި ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރެވިގެންދާނެ ކަމެއް ކަމުގައެވެ. އަދި ރާއްޖޭގެ ފުލުހުންގެ ޚިދްމަތުގައި ތިއްބަވާ ބޭފުޅުންގެ ފެންވަރު ރަނގަޅުވެގެން އައުމަކީ، ރާއްޖޭގެ އަމަންއަމާންކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާޢްޖޭގެ ޢާންމު ޙާލަތު މިއަދު އޮތް ގޮތުގެ މައްޗަށް ރައީސުލްޖުމްހުރިއްޔާ ބައްލަވާލައްވަމުން، އަޅުގަނޑުމެންގެ ސަލާމަތަށް މިއަދު މިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ޤައުމުގައި މިއަދު ކަންތައްތައް ކުރާ ގޮތް އޮންނަންވާނީ، ތަރައްޤީވެފައިވާ ޤައުމުތަކުގައި ކަންތައްތައް ކުރަމުންދާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ވަރަށް އުނދަގޫ މާޙައުލުގައިވެސް އަޅުގަނޑުމެންގެ ޙާލަތު ފުލުހުން ބަލަހައްޓަވައި ދެއްވާފައިވަނީ، ވަރަށް ޤާބިލުކަމާ އެކުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އިންސްޓިޓިއުޓަކީ ހަމައެކަނި ޓްރޭނިންގދޭ ތަނަކަށް ވެގެން ނުވާނެ ކަމަށާއި، ސެކިޔުރިޓީއާ ބެހޭގޮތުން ފަންނީ ލަފާދޭ ތަނަކަށް މި އިންސްޓިޓިއުޓް ވެގެންދިޔުމަކީވެސް އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މީގެއިތުރުން، ރާއްޖޭގެ ސަލާމަތީ އެކި ކަންކަމާ ބެހޭގޮތުން ޚާއްޞަކޮށް، ދާޚިލީ ސަލާމަތީ ކަންތައްތަކާ ބެހޭގޮތުން އެކިއެކި ދިރާސާތައް ކުރުމަކީވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، އެކަންވެސް ﷲ އިރާދަކުރެއްވިއްޔާ، މި އިންސްޓިޓިއުޓް ތަރައްޤީވަމުންދިޔަ މިންވަރަކުން ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ އިފްތިތާޙް ކޮށްދެއްވި އިންސްޓިޓިއުޓް ފޮރ ސެކިޔުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒުން ސެކިޔުރިޓީ ދާއިރާއާ ގުޅުން ހުރި ތަޢްލީމާއި ތަމްރީނު ދިނުމުގެ ފުރުޞަތު، އެއްފުރާޅެއްގެ ދަށުން ފަހިވެގެންދާނެއެވެ. އެގޮތުން، ކޮންމެ ތަނަކުން ވަކި އިންސްޓިޓިއުޓެއް ހެދުމުގެ ބަދަލުގައި، މި އިންސްޓިޓިއުޓްގެ ތެރެއިން ޤާނޫނު ތަންފީޒު ކުރުމުގައި ހިމެނޭ ފަރާތްތަކަށް ބޭނުންވާ ތަޢްލީމާއި ތަމްރީނު ފޯރުވައިދިނުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.