ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މި އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެކަށައެޅުއްވި މަގުޗާޓުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވި ވިލަރެސްވެރިޔާ އަލްފާޟިލް އަޙްމަދު މުޖުތަބާ، އެ މަޤާމުންވަނީ މިއަދު ހެނދުނު އިސްތިޢުފާ ދެއްވާފައެވެ. އިސްތިޢުފާ ދެއްވާފައިވަނީ، މަގުޗާޓުގެ ވާހަކަތަކުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމް.ޑީ.ޕީ، ވާހަކަތަކުން ވަކިވުމާ ގުޅިގެން ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ފާއިތުވި ވަރަށް ދަތި އުނދަގޫ ދުވަސްތަކުގައި، އަލްފާޟިލް އަޙްމަދު މުޖުތަބާ ކޮށްދެއްވި ބުރަ އަދި އެހާމެ އިޚްލާޞްތެރި މަސައްކަތްތަކަށް، މި ފުރުޞަތުގައި ސަރުކާރުން ނުހަނު އިޚްލާޞްތެރިކަމާއެކު އެމަނިކުފާނަށް ޝުކުރުއަދާކުރެއެވެ.
 މި ފުރުޞަތުގައިވެސް ސަރުކާރުން އެދެނީ، ޕާޓީތަކުގެ މަޝްވަރާތަކުން ޙާޞިލު ކުރެވިފައިވާ ކަންތައްތައް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރިއަށް ގެންދަވައި، ޕާޓީތަކުގެ މެދުގައި ސިޔާސީ އެއްބައިވަންތަކަން ޤާއިމުވެފައި އޮތުމަށެވެ.