އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް މިސްޓަރ ރޮބަރޓް ބްލޭކް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، އެމެރިކާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި މިސްޓަރ ބްލޭކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި މިހާރު ރާއްޖޭގެ ސިޔާސީ މަސްރަޙު ހަމަޖެހުމަކަށް އަންނަމުންދާ ކަމަށް ވިދާޅުވިއެވެ.

މިސްޓަރ ރޮބަރޓް ބްލޭކް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަން މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވަމުން، އެއީ، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު ހާމަވާ ކަމެއްކަމުގައި ވިދާޅުވިއެވެ.