بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަންނަބީލް މުޙަންމަދު ވަޙީދުއްދީން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ހާޒިރުވެ ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. އަދި ދުރާއި ގާތުން މިރަސްމިއްޔާތު ބައްލަވަމުން އަދި އަޑު އައްސަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީ ސަލާމަތާބެހޭ ސިޔާސަތާއި، ޤައުމީ ދިފާޢީ ސިޔާސަތު ނެރެދީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ރަސްމީ ވެބްސައިޓް އިފްތިތާޙުކޮށްދިނުމަކީ، މިއަދު އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބިގެންދިޔަ ކަމެއް. އެހެންކަމުން، އަޅުގަނޑަށް މި ފުރުޞަތު ދެއްވި ކަމަށްޓަކައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙަންމަދު ނާޒިމަށާއި، ޑިފެންސް މިނިސްޓްރީގެ އިސްވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި ދިފާޢާ ގުޅޭ އެންމެހައި ކަންތައްތައް، ޑިފެންސް މިނިސްޓަރ ވަރަށް ފުރިހަމައަށް ކުރައްވަމުން ގެންދަވާކަން މިފުރުޞަތުގައި ފާހަގަކޮށް، އަދިވެސް އެއްފަހަރު މިނިސްޓަރަށް ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ ރާއްޖެއަކީ، ނިސްބަތުން ކުޑަ ޤައުމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތަކާއި ނުރައްކާތައް ވަކި މަދެއް ނޫން. އަދި އެފަދަ ގޮންޖެހުންތަކާއި ނުރައްކާތައް އަބަދުވެސް އަންނަނީ ބަދަލުވަމުން. އެހެންކަމުން، މިފަދަ އަވަސް އަވަހަށް ބަދަލުވަމުންދާ ސަލާމަތީ ވެށްޓެއްގައި އަތުވެދާނެ ކޮންމެ ނުރައްކަލަކަށް އަޅުގަނޑުމެން ތިބެން ޖެހޭނީ ތައްޔާރަށް. އަޅުގަނޑުމެންގެ ޤައުމުގެ ސަރަޙައްދާއި ރައްޔިތުން އަދި މިނިވަންކަމާއި އިސްތިޤްލާލު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅުގަނޑުމެން އަބަދުވެސް ތިބެން ޖެހޭނީ ތައްޔާރަށް. ކޮންމެ ރައްޔިތަކުވެސް، އެމީހެއްގެ ދިރިއުޅުން އާރާސްތުކުރާނެ ސަލާމަތް އަދި ރައްކާތެރި ވެށްޓެއް ޤާއިމުކޮށްދިނުމަކީ، ދައުލަތުގެ މަސްއޫލިއްޔަތެއް. އެހެންކަމުން، މިއަދު ސަރުކާރުން މި މަސްއޫލިއްޔަތު ވަރަށް ސީރިއަސްކޮށް ނަގަމުންދާ ކަމުގެ ޔަޤީންކަން އަޅުގަނޑު އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވަން.

މިއަދު މި ނެރެވުނު ޤައުމީ ސަލާމަތާބެހޭ ސިޔާސަތު ވެގެންދާނީ، ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މައި ނާރެހަށް. މި ސިޔާސަތުގައި، ރާއްޖޭގެ ދިފާޢު ބައްޓަންކުރާނެ ގޮތުގެ ސިޔާސަތުތަކާއި، ރައްޔިތުންގެ ފަރުދީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ސަލާމަތާބެހޭ ސިޔާސަތުތަކާއި، ޤައުމީ ސަލާމަތަށްޓަކައި ސިޔާސީ ހަމަޖެހުން ޤާއިމުކުރުމާބެހޭ ސިޔާސަތުތަކާއި، ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުތައް ހިމެނިގެންވޭ. އަޅުގަނޑު ދެކޭގޮތުގައި މިދާއިރާތަކަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ދާއިރާތައް. އަޅުގަނޑުގެ އިލްތިމާސަކީ، ކަމާބެހޭ ހުރިހާ މުއައްސަސާއަކުން، އެ މުއައްސަސާއެއްގެ ދާއިރާގައި، މިއަދު މިނެރެވުނު ސިޔާސަތުތައް ތަންފީޛު ކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުން.

މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ޤައުމީ ސަލާމަތަކީ ހަމައެކަނި ވަކި ވުޒާރާއެއްގެ ނުވަތަ ވަކި މުއައްސަސާއެއްގެ މަސްއޫލިއްޔަތެއް ނޫންކަން. އެހެންކަމުން، އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށް މުޅި ސަރުކާރު ޙިއްޞާވާ ނުވަތަ ހޯލް އޮފް ދަ ގަވަރންމަންޓް، މުޅި ގަވަރންމަންޓްގެ އެޕްރޯޗެއް އަޅުގަނޑުމެން ގެންގުޅެން އެބަޖެހޭ. ކަނޑައެޅިފައިވާ ސިޔާސަތުތަކުގެ އަލީގައި، ހުރިހާ ދާއިރާއަކުން އެއްއަމާޒަކަށް މަސައްކަތް ކުރަން އެބަޖެހޭ. އަޅުގަނޑުމެން ކުރާ މަސައްކަތްތަކުން ނަތީޖާ ޙާޞިލު ކުރެވޭނީ އޭރުން.

އަޅުގަނޑުމެންގެ ޤައުމީ ސަލާމަތާބެހޭ ސިޔާސަތު، އޭގެ މައްޗަށް ބިނާވެފައިވާ މައިގަނޑު ދެ މަސްދަރަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި އެކުވެރިކަން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ މިނިވަންކަން މިއަދާ ހަމައަށް ދިފާޢު ކުރެވުމުގެ އެންމެ މުހިންމު އެއްސަބަބަކީ ދިވެހިންގެ އެއްބައިވަންތަކަން. އަދި މިރީތި ސިފަ ދިވެހިންގެ ކިބައިގައި އަށަގެންފައިވަނީ، މާތްވެގެންވާ އިސްލާމްދީނުގެ ސަބަބުން. އެހެންކަމުން، މާތްވެގެންވާ އިސްލާމްދީނަށް ދިވެހިންގެ ހިތުގައި ދީފައިވާ ޖާގަ ބަދަލުކޮށްލުމަށް ނުވަތަ ދިވެހިން ބައިބައިކޮށްލުމަށް މަސައްކަތްކުރާ އެއްވެސް ފަރާތަކަށް، އަޅުގަނޑު އެ ފުރުޞަތެއް ނުދޭނަން. ހަމައެއާއެކު، ރާއްޖޭގެ މަޞްލަޙަތު ޙިމާޔަތް ކުރެވޭނީ، ވަކިވަކި ފަރުދުންގެ ޙައްޤުތައް ޙިމާޔަތް ކުރެވިގެންކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. އެހެންކަމުން، ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. އަދި އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމުގައި، ސަރުކާރާއި މިނިވަން މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ. ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ވީހާވެސް ގާތުން، ވީހާވެސް އަވަހަށް ލިބިދިނުމަށް، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ގުޑް ގަވަރނަންސްގެ އުޞޫލުތަކާ އެއްގޮތަށް ސަރުކާރުގެ އެންމެހައި ކަންކަން އިންތިޒާމު ކުރެވިގެންދާނެ.

ދިވެހިންނަކީ، ދުޅަހެޔޮ އަދި އުފެއްދުންތެރި ބަޔަކަށް ހެދުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދޭނެ. އުފެއްދުންތެރި އިޤްތިޞާދީ މަސައްކަތްތަކުގައި ރައްކާތެރިކަމާއެކު މަޝްޣޫލުވެ ތިބުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިދިނުމަށްޓަކައި، ދިވެހި މުޖުތަމަޢަކީ ކުށްކުރުން މަދު މުޖުތަމަޢަކަށް ހަދަން އެބަޖެހޭ. ކަރަޕްޝަންގެ ނުބައި ވަބާ ނައްތާލައި، ސަރުކާރުން ރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވެ، ޓެކްސް ދައްކާ މީހާ، ޓެކްސްގެ ގޮތުގައި ދައްކާ ކޮންމެ ލާރިއެއް ޚަރަދުކުރެވޭގޮތް ފެންނާނެ އިންތިޒާމް ހަމަޖައްސަން އެބަޖެހޭ. ރާއްޖޭގެ އިޤްތިޞާދު ހަލުވި ދުވެއްޔެއްގައި ކުރިއެރުވުމަށްޓަކައި، އިޤްތިޞާދު ފުޅާކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ރައްކާތެރިކުރުމަށް ސަރުކާރުން މަސައްކަތްކުރާނަން. ރާއްޖެއަކީ އިންވެސްޓަރުންނާ ރައްޓެހި ޤައުމަކަށް ހަދައި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތް ކުރެވޭނެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަދި ތަރައްޤީއާއި ކުރިއެރުން ހޯދުމަށް ރާއްޖޭގައި ސިޔާސީ ހަމަޖެހުން ޤާއިމުވެފައި އޮތުމުގެ މުހިންމުކަމާމެދު އެއްވެސް ޝައްކެއްނެތް. އެހެންކަމުން، އަޅުގަނޑުމެންގެ ތެރޭގައި ހުރި ޚިޔާލު ތަފާތުވުންތަކާއެކުވެސް، ޤައުމީ މަޞްލަޙަތު އިސްކޮށް، ޤައުމާއިގެން ކުރިއަށް ދިޔުމަށް މަސައްކަތް ކުރުމަށް އަޅުގަނޑު އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކޮށް ދަންނަވަން. ޑިމޮކްރެޓިކް ވެލިއުސްތައް ދަސްކޮށް، އެ ހަމަތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ވެރިކަން ހިންގުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރަން މިވަނީ ޖެހިފައި. ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ އަޅުގަނޑުމެންގެ ރާއްޖެއަކީ، ޖައްވު ހޫނުވުމާއި ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ އެއްޤައުމު. އެހެން ކަމުން، އަޅުގަނޑުމެންގެ ތަރައްޤީގެ މަސައްކަތްތައް ވާންޖެހޭނީ، ދެމެހެއްޓެނިވި ތިމާވެށްޓާ ރައްޓެހި މަސައްކަތްތަކަކަށް. އަދި އަޅުގަނޑުމެން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޢާދަކުރަނިވި ހަކަތަ މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ ގޮތްތައް ހޯދުމަށް ސަރުކާރުން އިސްކަންދޭނެ. އަދި އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ހިތްވަރުދީގެން، އިޢާދަކުރަނިވި ހަކަތައިގެ ޞިނާޢަތު ރާއްޖޭގައި ދިރުވުމަށް މަސައްކަތް ކުރަން އެބަޖެހޭ.

އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ ސިޔާސަތު މިއަދު އިޢުލާން ކުރެވުމުން، ދިވެހިންގެ ސަލާމަތީ ކަންކަން، ދިވެހިން އަމިއްލައަށް ރާވައި އިންތިޒާމު ކުރުމުގެ ފުރުޞަތު ލިބިގެންދާނެ. އަދި މިސިޔާސަތުތަކާ އެއްގޮތަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ހިންގުމުގެ ކުރިން އެކަމެއް ހުއްޓުވޭނެ، ނުވަތަ އެކަމަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅިގެންދާނެ.

އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަކީ، މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ވަރަށް ގިނަ ނުރައްކާތަކުން ސަލާމަތްވުމަށް ކޮންމެހެން ކުރަންޖެހޭކަމެއް. އަދި އެކުވެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ސަލާމަތީ ކަންކަން ފަހިކުރެވޭނެ ގޮތްތައް ހޯދުމަކީ މުހިންމު ކަމެއް. ހަމައެއާއެކު، ދިމާވެދާނެ ކޮންމެ ޢުދުވާނަކުން އަދި ކާރިސާއަކުން، ރައްޔިތުންގެ ފުރާނައާއި މުދާ އަދި ޤައުމުގެ މިނިވަންކަން ދިފާޢު ކުރުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ތިބެން ޖެހޭނީ ތައްޔާރަށް.

ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ ސިޔާސަތު މިއަދު އިޢުލާން ކުރެވިގެންދާއިރު، މިފަދަ ސިޔާސަތެއް އެކުލަވާލައި ތައްޔާރުކުރުމަކީ، ވަރަށް ބޮޑު މަސައްކަތެއްކަން އަޅުގަނޑުވެސް ޤަބޫލުކުރަން. އެހެންކަމުން، މިމަސައްކަތުގައި ޝާމިލުވި އެންމެހައި ފަރާތްތަކަށް އަޅުގަނޑު ނިހާޔަތަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ކަންކަން އިންސްޓިޓިއުޝަނަލައިޒް ކުރުމަށް، މިފަދަ މަސައްކަތްތައް ވަރަށް މުހިންމު ކަމުގައި އަޅުގަނޑު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިންނަށް، އަބަދުވެސް އިސްލާމީ ޢަޤީދާގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު މާތް ﷲ މިންވަރުކޮށްދެއްވުން. އަދި އަޅުގަނޑުމެންނަކީ، އެއްބައިވަންތަ އެކުވެރި ބައެއް ކަމުގައި ލައްވަވައި، ރާއްޖޭގެ ޤައުމީ ސަލާމަތަށް ބުރޫއަރާފާނެ ކޮންމެކަމަކުން އަޅުގަނޑުމެން ސަލާމަތްކޮށްދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.