ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާބެހޭ ސިޔާސަތު ވެގެންދާނީ، ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ މައި ނާރެހަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޤައުމީ ސަލާމަތާބެހޭ ސިޔާސަތާއި، ޤައުމީ ދިފާޢީ ސިޔާސަތު ނެރުއްވައިދެއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއަދު ހެނދުނު އިސްލާމީ މަރްކަޒުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ސިޔާސަތުގައި ރާއްޖޭގެ ދިފާޢު ބައްޓަން ކުރާނެ ގޮތުގެ ސިޔާސަތުތަކާއި، ރައްޔިތުންގެ ފަރުދީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ސަލާމަތާބެހޭ ސިޔާސަތުތަކާއި، ތިމާވެށި ރައްކާތެރި ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުތައް ހިމެނިގެންވެއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މި ދާއިރާތަކަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި، އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ދާއިރާތައް ކަމަށް ވިދާޅުވެ، މިއަދު މިނެރެވުނު ސިޔާސަތަށް ކަމާބެހޭ ހުރިހާ މުއައްސަސާއަކުން، އެ މުއައްސަސާއެއްގެ ދާއިރާއިން ތަންފީޛު ކުރެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމީ ސަލާމަތަކީ ހަމައެކަނި ވަކި ވުޒާރާއެއްގެ ނުވަތަ ވަކި މުއައްސަސާއެއްގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، ކަނޑައެޅިފައިވާ ސިޔާސަތުތަކުގެ އަލީގައި ހުރިހާ ދާއިރާއަކުން އެއް އަމާޒަކަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޤައުމީ ސަލާމަތާބެހޭ ސިޔާސަތު، އޭގެ މައްޗަށް ބިނާވެފައިވާ މައިގަނޑު ދެ މަސްދަރަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި އެކުވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަން މިއަދާ ހަމައަށް ދިފާޢު ކުރެވުމުގެ އެންމެ މުހިންމު އެއް ސަބަބަކީ، ދިވެހިންގެ އެއްބައިވަންތަކަމެވެ. އަދި މި ރީތި ސިފަ ދިވެހިންގެ ކިބައިގައި އަށަގެންފައިވަނީ، މާތްވެގެންވާ އިސްލާމްދީނުގެ ސަބަބުންނެވެ. އެހެންކަމުން، މާތްވެގެންވާ އިސްލާމްދީނަށް ދިވެހިންގެ ހިތުގައި ދީފައިވާ ޖާގަ ބަދަލުކޮށްލުމަށް ނުވަތަ ދިވެހިން ބައިބައިކޮށްލުމަށް މަސައްކަތްކުރާ އެއްވެސް ފަރާތަކަށް، އެ ފުރްޞަތު ނުދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ ސިޔާސަތު މިއަދު އިޢުލާނު ކުރެވުމުން، ދިވެހިންގެ ސަލާމަތީ ކަންކަން، ދިވެހިން އަމިއްލައަށް ރާވައި އިންތިޒާމް ކުރުމުގެ ފުރްޞަތު ލިބިގެންދާނެކަން ހާމަކުރެއްވިއެވެ. އަދި މިސިޔާސަތުތަކާ އެއްގޮތަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ހިނގުމުގެ ކުރިން، އެކަމެއް ހުއްޓުވޭނެ އަދި އެކަމަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވެބްސައިޓް، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވިއެވެ.