ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ މިސްކިތުގެ ބިންގަލާއި، ފެން ޕްލާންޓްގެ އިމާރާތުގެ ބިންގަލާއި، ވޭސްޓް މެނެޖްމަންޓް ސެންޓަރުގެ ބިންގާ މިއަދު ހެނދުނު އަޅުއްވައިދެއްވައިފިއެވެ.

މިތަންތަނުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު، މާމެންދޫ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގިނަ ޤައުމުތަކުގައި ކުންޏަކީ މިހާރު އުކާލާ އެއްޗެއް ނޫން ކަމަށާއި، ރާއްޖޭގައިވެސް ކުނި ނައްތާލުމުގެ އާ ނިޒާމެއް ޤާއިމްކުރަންވެއްޖެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، އުކާލެވޭ ކުނި ބޭނުންކޮށްގެން އުފެއްދިދާނެ މާއްދާތައް ސަލާމަތްކޮށް، އަލުން ބޭނުންކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކުނި އުކާލުމުގައި ކުނީގެ ބާވަތްތައް ވަކިކޮށް، އެއަށް ދޭންޖެހޭ ފަރުވާދީ، ޤުދުރަތީގޮތުން ފަނާވެގެންނުދާ އެއްޗެހި ސަލާމަތްކޮށްގެން ހަކަތަ އުފައްދައި، ދަގަނޑާއި ޕްލާސްޓިކްފަދަ މައުދަން ސަލާމަތް ކުރެވިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދުވަހެއް ދުވަހަކަށް އަޅުގަނޑުމެންގެ އާބާދީ ދަނީ ބޮޑުވަމުންކަން ފާހަގަކުރައްވަމުން، އޭގެ ސަބަބުން އަޅުގަނޑުމެން ބޭނުންކުރާ އެއްޗެހި އިތުރުވެ، ކުނިބުނި ގިނަވެ، އުކާލެވޭ ތަކެތި ގިނަވަމުންދާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި މިއޮންނަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށާއި، އަތިރިމައްޗަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ރައުސްމާލު ކަމަށްވީއިރު، ގޮނޑުދޮށަށް ކުނި އުކާލައިގެން ނުވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނަނީ، އެރައްޔިތުން ޢިލްމަށް ލޯބިކުރާ މިންވަރެއްގެ މައްޗަށްކަން ފާހަގަކުރައްވަމުން، މާމެންދޫ ރައްޔިތުން، ތަޢުލީމަށް ބަހައްޓަވާ ލޯތްބާއި އިޙްތިރާމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރުފަހުވަނީ މާލެ ވަޑައިގެންފައެވެ.